ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދަމް ޝަރީފް، މޭޖާރ ޝާމާލަށް: ސިޔާސީވާން ބޭނުމިއްޔާ މަގާމުން އިސްތިއުފާ ދެއްވާ

ރައީސް ސޯލިހު މާމިގިލީގައި ބޭއްވި ބައްދަލުވުމުގައި މޭޖަރ ޝާމާލް އިންނަވަނިކޮށް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝާމާލް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއިއެކު މާމިގިއްޔަށް ދަތުރު ކުރައްވާ ޖުމުހޫރީ ޕާޓީގެ އިސްވެރިންނާއި ބައްދަލު ކުރައްވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމުވެފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އަދި އިދިކޮޅުގެ ޕީގީ ލީޑަރު އާދަމް ޝަރީފް އުމަރު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، 2023ގެ ރިޔާސީ ރޭހުގައި ބައިވެރިވެލައްވާނެކަމަށް އުއުލާން ކުރެއްވުމަށްފަހު، ޖޭޕީގެ އިސް ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލު ކުރައްވަން ވަޑައިގެންނެވިކަމަށް، އެކި ފަރާތްތަކުންވަނީ ފާޑުކިޔާފައިއެވެ. އަދި ބައެއް ފަރާތްތަކުން އެކަމާއި ގުޅުވައި، ރައީސް ސޯލިހުއަށް ބަހުގެ ހަމަލާތަށް އަމާޒު ކޮށްފައިވާއިރު، ޖޭޕީއާއިއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޝާމާލް އިންނެ މަންޒަރު ފެންނަ ފޮޓޯއެއްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިއެވެ.

ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގެން ޖޭޕީގެ އިސް ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވި ތަނުގައި މޭޖާރ ޝާމާލް އިންނެވިކަމަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝާމާލް ސިޔާސީ މައިދާނުގައި އުޅުއްވަން ބޭނުންފުޅުވާނަމަ، މިހާރު ހުންނެވި މަގާމުން އަވަހަށް އިސްތިއުފާ ދެއްވަންވީކަމަށެވެ. އަދި އެމްއެންޑީއެފާއި ދިވެހި ރާއްޖެއަށްވެސް އެންމެ ފައިދާވާނީ އެގޮތަށް ކަން ކުރެއްވުންކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ މީހަކު ޗީފް އޮފް ޑިފެންސްގެ މަސްއޫލިއްޔަތައް އަދާކުރުމުގައި ވަކި ފަރާތަކަށްޖެހި، ޕާޓީގެ މަސްލަހަތު އިސްކުރާނެކަމަށްވުމުން، އެފަދަ ފަރާތެއް އެ މަގާމަށް އެކަށީގެން ނުވާކަމަށެވެ.

ޖޭޕީއާއި އެކު ރައީސް ސޯލިހު މާމިގިލީގައި ކުރިއަށް ގެންދަވަނީ ސިޔާސީ ބައްދަލުވުންތަކެއް ކަމަށް ގިނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެއެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަކީ، ނޭދެވޭ އަމަލެއްކަމަށްވެސް އެކި ފަރާތްތަކުން ބުނެއެވެ. އާދަމް ޝަރީފްގެ އިތުރުންވެސް އިދިކޮޅު ކޯލިޝަނުގެ އިސްފަރާތްތައްވަނީ މޭޖަރ ޝާމާލްއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައިއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޖޭޕީއާއިއެކު ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި މޭޖާރ ޝާމާލް ބައިވެރިވުމަކީ އެމްއެންޑީއެފްއަށްވެސް ލިބިގެންދާ ހުތުރެއްކަމަށެވެ. އަދި މުއައްސަސާގެ ގަދަރާއި ކަރާމާތް “މި މީހުން” ގެއްލުވާލައިފި ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފްގެ ބަހުގެ ހަމަލާތަކެއް މޭޖާރ ޝާމާލްއަށް އަމާޒު ކުރައްވާފައިވާއިރު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ދާދިފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ، އެ މަނިކުފާނު 2023ގެ ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިއުލާނުކުރައްވާފައިއެވެ. އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ވީނަމަވެސް ކޯލިޝަނަކާއިއެކު އިންތިހާބު ކާމިޔާބު ކުރައްވާނެކަން ޔަގީންވެލައްވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، އެ މަނިކުފާނުގެ ނިންމުމަށް ރައީސް ނަޝީދުވަނީ ފާޑުވިދާޅުވެފައިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ ހާލަތަށް ވިސްނައި މި ދަނޑިވަޅަކީ އަމިއްލަ އުންމީދައިގެން ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫންކަމަށެވެ.

ރަޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވުމުަށްފަހު، ރައީސް ސޯލިހު މާމިގިއްޔަށް ފުރާވަޑައިގެންފައިވާކަމާއި ގުޅޭ ގޮތުން، އެކި ފަރާތްތަކުން ފާޑުވިދާޅުވެފައިވާއިރު، ރައީސް ނަޝީދުވެސް މިކަމާއި ގުޅިގެން ފާޑުވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ ރިޔާސީ ކެނޑިޑެސީ އިއުލާނު ކުރެއްވުމަށްފަހު ވެރިކަން ކުރާ ކޯލިޝަންގެ އެއްބާރުލުން ހޯއްދެވުމަށް މާމިގިއްޔަށް ފުރަން ޖެހިވަޑައިގެންނެވި ނަމަވެސް ޖުމުހޫރީޕާޓީއިން ގޮތެއް ނިންމިތަން ފެނިފައިނުވާކަމަށެވެ. އަދި ރައީސް ސޯލިހުގެ ރިޔާސީ އުންމީދު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީ ނިންމާ ގޮތެއްގެ މައްޗަށްކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: