ގއ. ވިލިނގިލީގައި ގެއަކަށް ވަދެ އެ ގޭގެ ތިބި ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި، އެއިން އެކަކުގެ އިނގިލި ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ މަހުގެ ދެ ވަނަ ދުވަހު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަ ނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، ކ. މާލެ، ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ.
އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.
މި ފަސް ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، ޖުމްލަ ތިން އަހަރާއި 2 އަހަރާއި 10 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލައިގައި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު މިމަހު ކުރީކޮޅު ވިލިނގިލީ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ވިލިނގިލީ ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އޭނާގެ ބަންދާ މެދު މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއްގައި ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.

