ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވަން ކުރިމަތިވާ ހުރަސްތައް ނައްތާލަނީ

އިދިކޮޅުން އިންޑިއާ އައުޓް ބެނާތައް އަނެއްކާވެސް ދަމަން ފެށުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ހުއްޓުވުމަށް ގާނޫނީ ހުރަސްތަކެއް ހުރިނަމަ، އެ ހުރަހެއް ނައްތާލަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީން ނިންމައިފިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ދިމާވާ ގާނޫނީ ހުރަސްތައް ބަލައި އެފަދަ ހުރަހެއްވާނަމަ އެކަމެއް ނައްތާލުމަށް ނުވަތަ ހައްލުކުރުމަށް 241 ކޮމިޓީއަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދުގެ އެ ހުށަހެޅުއްވުމުން ދިރާސާކުރުމަށްފަހު 241 ކޮމިޓީން ވަނީ އެކަމާއި ބެހޭ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެޕްމޭން ހުއްޓުވުމަށް ދިމާވާ 24 ކަމެއް ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތައް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ވެރިންނާއި ހޯމް މިނިސްޓްރީގެ ވެރިން ވެސް ވަނީ ކޮމިޓީއަށް ހާޒިރުކުރެވިފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އެ ވުޒާރާތްތަކަށް ދިމާވެދާނެ އަދި ދިމާވަމުންދާ ނޭދެވޭ ކަންތައްތަކުގެ މައުލޫމާތު އެއްކުރުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ އެ ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި ރާއްޖެ އާއި އިންޑިއާ އާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކަމެއްކަމަށެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށާއި އެގޮތުން ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިން އެންމެ ގިނައިންދާ އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ތިބޭ އިމިގްރޭޝަން އޮފިސަރުން، ދިވެހިންނަށް ނިސްބަތްކޮށް “އިންޑިއާ އައުޓް ޕީޕަލް ކަމިން” ކިޔާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިންޑިއާގެ ޓެކްސީ ޑްރައިވަރަކު އިންޑިއާގައި “މޯލްޑިވްސް އައުޓް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފިނަމަ، އިންޑިއާގައި ތިބި ދިވެހިން ކަންތައްކުރާނީ ކޮންގޮތަކަށްތޯ ސުވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް 241 ކޮމިޓީއަށް ހުށަހަޅައިފައިވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އެކަންތައްތަކަށް ބެލުމަށްފަހު 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.

އެގޮތުން ފުރަތަމަ ހުށަހެޅުމަކީ ގާނޫނާއި ގަވާއިދާ ހިލާފުނުވާހެން އިންޑިއާ އައުޓް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ދެވަނަ ހުށަހެޅުމަކީ އިންޑިއާ އައުޓް ކެމްޕޭނު ހުއްޓުވުމަށް ގާނޫނާއި ގަވާއިދުގެ ސަބަބުން ހުރަހެއް ދިމާވާނަމަ ހުރަހެއް ދިމާވާ އެ މާއްދާއެއް މަޖިލީހަށް ހުށަހަޅައިގެން އިސްލާހުކުރުމެވެ.

މީގެ އިތުރުން މި ހަރަކާތް ހުއްޓުވުމަށްޓަކައި، މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތަށް ކަނޑައަޅުއްވައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ގަރާރެއް ނެރުއްވާފައެވެ. ގަރާރުގެ ދަށުން ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި “އިންޑިއާ އައުޓް” ބެނާއެއް ނަގައިފައެވެ. އަދި އެ ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާ މުޒާހަރާގެ ބައިވެރިން ހައްޔަރުވެސް ކޮށްފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ ބެނާ ފުލުހުން ނަގައިފައިވަނީ ގާނޫނާހިލާފަށް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފައެވެ. ހައި ކޯޓުން ކަނޑައަޅައިފައިވަނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ހަރުކޮށްފައިވާ ބެނާއެއް ކަމަށާއި، އެބެނާގެ ސަބަބުން އާންމު ނުރައްކަލެއް، އާންމު އުދަގުލެއް ނުވަތަ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ނެތްކަމަށް ހައި ކޯޓުން ކަނޑައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: