ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށުގެ ވަޒީފާތަކަށް، އެ ރަށުގެ ތައުލީމީ ޒުވާނުން ލިބުމަކީ، ހަގީގީ ތަރައްގީ ހާސިލުވުން: ރައީސް ސޯލިހު

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮޅުދޫ ސުކޫލުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން އުފެދިގެންދާ ވަޒީފާތަކަށް، އެރަށަކުން، ތައުލީމީ ޒުވާނުން ލިބިގެންދިއުމަކީ، ހަގީގީ ތަރައްގީ އެ ރަށަކަށް ހާސިލް ކުރެވިގެންދާނެ ގޮތްކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ރަށުގެ އަސާސީ ހިދުމަތްތައް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ނިމުމާއިއެކު، އެކި ފަންނުގެ ވަޒީފާތައް އުފެދިގެންދާނެކަމަށެވެ. އަދި އެ ވަޒީފާތަކަށް އެ ރަށަށް ނިސްބަތްވާ ތައުލީމީ، ޒުވާނުން ލިބިގެންދިއުމާކީ، އެމަނިކުފާނު އެދިއްލައްވާ ހަގީގީ ތަރައްގީ ރަށްރަށަށް ހާސިލުވެދިއުންކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން އުފެދިގެންދާ ވަޒީފާތަކަށް، އެރަށަކުން، ތައުލީމީ ޒުވާނުން ލިބިގެންދިއުމަކީ، ހަގީގީ ތަރައްގީ އެ ރަށަކަށް ހާސިލް ކުރެވުންކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހޮޅުދޫގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކެއް ކުރިއަށް ދާކަމަށެވެ. އަދި އެ ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ރަށް ގިރިގެންދިއުމުގެ މައްސަލަކަމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެކަން ކުރިއަށް ގެންދާނީ، މަޝްރޫޢގެ ތެރެއިން ވާޓަރު ޖެހުންވެސް ހިމަނައިގެންކަމަށާއި، އެ މަސައްކަތްތައް 2022 ވަނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހިމެނިފައިވާކަަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބިޑަށް ހުށައަޅާނެކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ހޮޅުދޫގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތެރެއަށް އިތުރަށް އަލި އަޅުވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީވެސް އަވަސް ހައްލެ ހޯދަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ އެދުމަކީ، ސަރުކާރުން އެ ރަށުގައި އެޅުމަށް ނިންމާފައިވާ 30 ހައުސިންގް ޔުނިޓު އެ ރަށުން ބައެއްގެ ގޮތަށް ކަނޑައަޅައިދީ ހޮޅުމީދުއަށް ބަދަލު ކޮށްދެއްވުންކަމަށާއި، އެ ރަށް އާބާދުކުރުންކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން އެކަން ކުރައްވާނެ ކަމަށާއި، އެ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައްވެސް ގާއިމުކޮށްދެއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ހޮޅުދޫއަށް ބޭނުންވާ ތަރައްގީތަކާއި މެދު ވާހަކަދައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އިތުރަށް އެރަށުގައި ކުރިއަށް ގެންދިއުމަށް އެ މަނިކުފާނުގެ ސަރުކާރުން ރާވައިފައިވާ އެންމެ ބޮޑު މަޝްރޫއުއަކީ، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުންކަމަށެވެ. އަދި ބިނާ ކުރެވެމުންދާ ސާއުފު ބޯފެނުގެ ނިޒާމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ މަސައްކަތްތައް ނިމި، އެ ނިޒާމު ގާއިމު ކުރެވުމާއި އެކު، ހޮޅުދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެނދަވާނެކަމަށެވެ.

ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނުވަނީ، އެ ސުކޫލަށް އެތައް ތައުރީފެއް ކުރައްވާފައިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ވިސްނަވާގޮތުންނަމަ، އެންމެ ކާމިޔާބު ސުކޫލުތަކަކީ، ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސުކޫލުތައް ކަމަށެވެ. އަދި މޭނާ ސުކޫލަކީ، އެފަދަ ސުކޫލެއްކަމާއިމެދު އެ މަނިކުފާނަށް ޔަގީންވެލައްވާކަމަށް ފާހަގަކުރައްވާ ވިދާޅުވީ، އެ ރަށުގެ އިސްވެރިންގެ މަގާމުގައި ތިއްބެވީ، މޭނާ ސުކޫލުން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ރަށުގެ ތަރައްގީގައި މުހިންމު ދައުރެއް އަދަކުރައްވާފައިވާ ބޭފުޅުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: