މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް ފަށަން މަސައްކަތް ކުރަމުންދާ ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވައި ފައްޔާޒް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި، އުޅަނދުފަހަރާއި އިކުއިޕްމަންޓް ހޯދުމާއި ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެހެނިހެން ތައްޔާރީތަކުގެ މަސައްކަތް އެސްޓީއޯ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ކަމާއިގުޅޭ އެހެން އިދާރާތަކާއެކު ކުރަމުން ގެންދާ ކަމުގައެވެ.
ފައްޔާޒް ވިދާޅުވިގޮތުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓްފަހަރަށް ދެވިދާނެ ހިދުމަތްތައް ފާހަގަކޮށް ހއ ހޯރަފުށި، ތުރާކުނު އަދި އުލިގަމު ކައުންސިލުން ހުށައަޅާފައިވާ ގަރާރުގައިވާ ކަންކަން ވީ އެންމެ އަވަހަށް އެސަރަހައްދުގައި ފެށުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތަށް ވޯކިންގ ގްރޫޕެއް އެކުލަވާލައި މަސައްކަތްތައް ކުރިއަށްދާ ކަމުގައެވެ.
އެހެންކަމުން އެކަންކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް ވާންޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކުރަމުންގެންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެ ސަރަހައްދުގައި އެންމެ އަވަހަށް ފެށިގެންދާނެ ހިދުމަތް ތަކުގެ ތެރޭގައި ކްރޫ ޗޭންޖް ގެ ހިދުމަތާއި ޝިޕްސްޓޯރ އަދި ސަޕްލައި ފޯރުކޮށްދިނުމުގެ ހިދުމަތް ވަނީ ވޯކިންގ ގްރޫޕްގެ މަސައްކަތުގައި ފާހަގަކުރެވިފައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަމާޒަކީ ލަސްވެގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަން ދިއްޕޮޅުގައި އެ ހިދުމަތްތައް ތައާރަފް ކުރެވިގެން ދިއުން ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅަކީ ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސަރަހައްދެކެވެ.
ރާއްޖެ އަށް އަންނަ ނުވަތަ ރާއްޖެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓް ފަހަރުތަކާއި ސުޕަ ޔޮޓް ތައް އިހަވަންދިއްޕޮޅުގ ދަތުރުފަތުރު ކޮށް އުޅެއެވެ.

