ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުރާ ކަމަށް އެޕާޓީއިން ބުނެފިއެވެ.
މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީ އަކުން ނުދެކޭ ކަމުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ޤައުމުގައި ފާހަގަކުރަމުން އަންނަކަމަށް. އެމްޑީޕީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލް އަގްވާމީ ޔޯގާގެ ދުވަސް ގަލޮޅު ދަނޑުގައި ފާހަގަ ކުރަމުން ދަނިކޮށް ބަޔަކު މީހުން ވަނީ އެސަރަހައްދު ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތައް ފޫ އަޅުވާލައި ދަނޑުތެރެއަށް ވަދެ އެ ހަރަކާތުގެ ބައިވެރިންނަށް ހުރަސްއަޅާ އެ ތަނުން ދިއުމަށް ގޮވާލާފައެވެ.
ޔޯގާ ޑޭ ހުއްޓުވުމަށް ދަނޑަށް މީހުންވަތް ވަގުތު، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ހުންނެވީ އެހަރަކާތް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވާށެވެ. ދަނޑަށް މީހުން ވަދެ ހަމަނުޖެހުން ހިންގި ވަގުތު އެތަނުގައި ޔޫތު މިނިސްޓަރުގެ އިތުރުން އިންޑިއަން ހައިކޮމިޝަނަރާއި އދ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން ވެސް ތިއްބެވިއެވެ.

