މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރގެ ދަށުން ހިންގާ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއިން ދިވެހި ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތަކުގެ ޑިޖިޓަލް ފައިލްތައް އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ޝާޢިއުކޮށްފިއެވެ.
އެ އޮތޯރިޓީއިން ދިވެހި ރާއްޖޭގެ ޗާޓުތައް ޝާޢިއުކޮށްފައިވަނީ އެ ޗާޓްތަކުގެ ޖިއޯގްރަފީ ރެފަރެންސް މައުލޫމާތު ހިމެނޭ ގޮތަށް ބޭުންކުރާ ޝޭޕްފައިލް ފޯމެޓްގައެވެ. ޝޭޕްފައިލަކީ ޖީ.އައި.އެސް ސޮފްޓްވެއަރ ތަކުގައި އާއްމުކޮށް ބޭނުންކުރާ ޖިއޯ ސްޕެޝަލް ޑޭޓާގެ ފައިލް ފޯމެޓެވެ.
މީގެ ކުރިން ރާއްޖޭގެ ޗާޓްތައް ލިބެން ހުންނަނީ ފޮތްތަކާއި، ހާޑްކޮޕީ ފޯމެޓްގައެވެ. މިޝޭޕްފައިލްތައް އާއްމުކުރުމުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ކުންފުނި ތަކާއި، ދިރާސާކުރާ ފަރާތްތަކާއި އަމިއްލަ ފަރުދުންނަށް ރާއްޖޭގެ ރަށްތަކާއިބެހޭ ރަސްމީ ޖިއޯގްފަފިކް މައުލޫމާތު އެކި އެޕްލިކޭޝަންތަކުގައި ބޭނުންކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ޗާޓް ކުރެހުމުގެ މަސައްކަތާއި ރިސޯސް އެލޮކޭޝަން މަސައްކަތާއި ޕްލޭނިންގ މަސައްކަތާއި ރިސާޗް މަސައްކަތް ކުރާ ދަރިވަރުންނާއި އެޕްލިކޭޝަންތައް ތައްޔާރުކުރާ ފަރާތްތަކަށް ބޭނުންކުރެވޭޏެ އޮތޯރިޓޭޓިވް ނުވަތަ ރަސްމީ ޑޭޓާ ލިބިގެންދާނެއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ އިން މައުލޫމާތު ދެއްވާ ގޮތުގައި ރަށްތަކުގެ ޗާޓްތަކަކީ މެދުނުކެނޑި އަދާހަމަކުރަމުންދާ ޗާޓްތަކެކެވެ. މިގޮތުން ބިން ހިއްކުމާއި ފަޅު ހިއްކައިގެން އުފައްދާ ރަށްތަކުގެ މައުލޫމާތު ކަނޑައެޅިފައިވާ ފްރިކުއެންސީއެއްގައި ޗާޓުކޮށް އާއްމު ކުރެވިގެންދާނެއެވެ.
މިގޮތުން ޗާޓްތަކުގެ އެއްމެ ފަހުގެ މައުލޫމާތު ހޯދުމަށްޓަކައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ވެބްސައިޓް އިން ޗާޓްގެ ޝޭޕްފައިލްތައް ހޯދުމަށް އެ އޮތޯރިޓީއިން އެދެއެެވެ.
ދިވެހިރާއްޖޭގެ ޗާޓްތައް ކުރެހުމުގެ އިތުރުން ރާއްޖޭގެ ބިމުގެ ދަފްތަރު ގާއިމްކޮށް ބަލަހައްޓައި ގައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ގާއިމްކޮށް، ރާއްޖޭގައި ކުރާ ބިމުގެ ސާރވޭތައް ރެގިއުލޭޓް ކުރަމުން އަންނަނީ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއިންނެވެ.

