ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ، ގާނޫނީ ވަކީލް ނާޒިމް ސައްތާރު މާތްވެގެންވާ ނަބިއްޔާއަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެެވެ.
ނާޒިމް ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަށް ހިމެނޭ އިލްމުވެރިންގެ ގުޅުމުގެ ފަރާތުންނެެވެ.
މިއަދު ފުލުހަށް ހުށަހެޅި އެ މައްސަލައިގައި ވަނީ 2012 ވަނަ އަހަރު ނާޒިމް ރަސޫލާ އަށް ނިސްބަތް ކޮށް ކުޑައިމީސްކޮށް، ފުރައްސާރަކޮށްފައިވާ ޓްވީޓެއް ހިމަނައިފައެވެ. އެ ޓުވީޓުގައި ނާޒިމް ބުނިގޮތުގައި ސުންނަތުގައި އޮންނަނީ އިޝާ ނަމާދުކޮށްގެން ލަސްނުކޮށް ނުވަ އަނބިންނާއެކު ވަހުޝީވާށެވެ. އިލްމުވެރިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ ނާޒިމްގެ ޓުވީޓުގެ ސްކްރީން ޝޮޓަކާއި އަދި ލިންކް ވެސް ހިމަނާފައެވެ. ނަމަވެސް ނާޒިމް ވަނީ މިކަންތައްވެސް ނޫސްވެރިން ސުވާލުކުރުމުން ދޮގުކޮށްފައެވެ. ނަމަވެސް އޭރުވެސް އޭނާ މިފަދައިން ލިޔެ ކޮށްފައިވާ ޓްވީޓު ފެންނަން އިނެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ހާމަކޮށްފައިވާއިރު، ނާޒިމް ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ މީސް މީޑިއާގައި އާންމުވުމާއެކު ނާޒިމް ވަނީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ އާއި ގުޅިގެން ނާޒިމްގެ ޕާސްޕޯޓްވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއްނުވެއެވެ.
މި ދަނޑިވަޅުގައި އިދިކޮޅުން ކޯލިޝަން ވަނީ އާންމުވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯއިން ފެންނަ ފަރާތް ފުރުވާލުމަށް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ. އިސްލާމް ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ރައީސް ސޯލިހުގެ ސަރުކާރުންވަނީ މީގެ ކުރީގައިވެސް ބޭރަށް ފުރުވާލައިފައިކަމަށާއި، ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދާ ފަރާތުގެ މައްޗަށް އަވަސް ފިޔަވަޅެއް އެޅުމަށްވެސް އިދިކޮޅުން ގޮވާލާފައިވެއެވެ. އިދިކޮޅުން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ ގޮތުން ބާރުގަދަ ޢާއިލާއަކަށް ނިސްބަތް ވުމަކީ ފާޚިޝް މުޑުދާރު ޢަމަލުތައް ހިންގާ، ޤާނޫނާ ޚިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެކަމަށެވެ. އަދި ވަކި ޢާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ޤާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއިއެކު ހިނގަން ޖެހޭނެ އެއްޗެއްކަމަށް ފާހަގަކޮށްފައިވެއެވެ.

