ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން ގެއްލުވާލި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފި!

ރިލްވާން ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަޔަކު މީހުން ހައްޔަރު ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ތަހުގީގަށް ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އެވެ. އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި، ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

އޭނާ ހައްޔަރުކުރެވިފައިވަނީ ބަޔަކާ އެކު ކާނިވަލުގައި އިންދައެވެ. އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، އޭނާ ދިރިއުޅޭ ހިޔާ ފްލެޓަށް ނޫސްވެރިންތަކެއް އިއްޔެ ގެންދިޔަ އެވެ. އޭގެ ފަހުން، އަމިއްލަ އަށް ހާޒިރުވާނަން ކަަމަށް ބުނެ ފުލުސް އޮފީހަށް ދިޔައީ ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އިސޫ ހައްޔަރުކުރަން އެދުނީ މަރު ކޮމިޝަނުން ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ. އިސޫއަކީ މަރު ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް “ސަންގު ޓީވީ” އިން ފުލުހަށް ގުޅުމުން ބުނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިތުރު ތަފްސީލް ހިއްސާކުރާނެކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އިސޫއަކީ ފުރުގާން މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ރިލްވާން ވަގަށް ނެގުމުގެ ސަބަބެއް ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އޭނާ ދެއްކި ދީނީ ބައެއް ވާހަކަތަކާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކެކެވެ. މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީން ރީއެނެކްޓްމެންޓް ވީޑިއޯއެއްވެސް ވަނީ އާންމުކޮށްފައެވެ. ގާތްގަނޑަކަށް ހަތަރު މިނެޓުގެ އެ ވީޑިއޯގައި ރިލްވާން ވަގަށް ނެގި ރޭގައި އޭނާ މާލޭގެ މަގުމަތިން ހިނގާފައި ގޮސް ހުޅުމާލެ ފެރީޓާމިނަލްގެ ތެރެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އެއަށްފަހު ކަންހިނގި ގޮތް ކަމަށް ބެލެވޭ ކުޅެފައިވާ މަންޒަރު ހިމަނާފައި ވެއެވެ.

ރިޟްވާންގެ މައްސަލައަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަށްވާއިރު، މިވީ ދެ އަހަރުގެ ތެރޭގައި އާއިލާއަށް އިންސާފެއް ލިބިފައި ނެތެވެ.

ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ހުންނެވިއިރު މައްސަލައިގައި ރިޕޯޓެއް ތައްޔާރުކޮށް އާއްމުކުރި އެވެ. އަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މާލެއިން ފެށިގެން ސ. ހުޅުދޫ، އަތިރިޔާގޭ މުހައްމަދު ސުވައިދު ދިޔައީ ރިޟްވާނަށް ފާރަލަމުން ކަމަށެވެ. އެ ދުވަހުގެ 10:00 އިން ފެށިގެން ސުވައިދު އާއި މުހައްމަދު ހާމިދު ރިޟްވާނަށް ފާރަލީކަމަށް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ވަނީ އެމީހުން ރިލްވާނަށް ފާރަލާފައި ވަނީ އާލިފް ރައޫފް އާއި އަޒްލިފް ރައޫފް އާއި، ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް (މުނާއްކޮ) ރާވާއިގެން ކަމަށެވެ.

ރިޟްވާން ރަހީނުކޮށ ރަތް ކާރުގައި ތިބީ މުނާއްކޮ އާއި އާލިފް އާއި ޝައްފާފު ކަމަށް ވެސް ރިޕޯޓްގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން މުނާއްކޮ ކާރު ދުއްވަން އިން އިރު، ކުރީގައި އިނީ އާލިފް ކަމަށް ވެއެވެ. އަދި ޝައްފާފު އިނީ ފަހަތުގައި ކަމަށްވެ އެވެ. ކާރުގެ ފަހަތުން ސައިކަލުގައި ދިޔައީ ސުވައިދު އާއި ސޮލާހު އަދި ޏ. ފުވައްމުލައް / ދަޑިމަގު، ދަޑޮފީށި، އިސްމާއީލް ޞަބިހް (ޝަބީނިއޯ) ކަމަށް ރިޕޯޓުގައިވެ އެވެ.

2019، ސެޕްޓެމްބަރު 03 ގައި އާއްމުކުރި ރިޕޯޓުގައި ވާ ގޮތުން ހުޅުމާލެއިން ރިޟްވާން ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ދެން އެރުވީ އއ. އުކުޅަސް ދޯންޏަކަށެވެ. އ ހަފްތާގައި ބޭއްވި ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވެފައި ވަނީ ރިޟްވާން ހުޅުމާލެއިން ރަހީނުކޮށް ކަނޑުމައްޗަށް ގެންގޮސް ބޯ ބުރިކޮށް މަރާލާފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ހަށިގަނޑު ކަނޑު ފެއްތީކަމަށް ރިޕޯޓުގައި ވެއެވެ.

ރިޟްވާންގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިޟްވާން ގެއްލުވާލި ހާދިސާއަށް އެތައް އަހަރެއްވީއިރު ވެސް އިންސާފެއް ނުލިބުމެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް ރިޟްވާނާއި، ޔާމީންގެ ރަޝީދުގެ ނަން ބޭނުން ކުރުމެވެ. އާއިލާގެ ކަންބޮޑުވުންތަކާއި އެކު ބަޔާނެއް އާއްމު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރެއް އައުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައިނަމަވެސް ލިބުނު ތަހުގީގަށް ލިބުނު އެއްވެސް ކުރިއެރުމެއްގެ މައުލޫމާތެއް މީޑިއާތަކަށް ހިއްސާކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: