ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓް ތެރޭގައި ބިދޭސީއަކު މަރާލީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ހަމަލާދިން ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ބަންގްލަދޭޝް މީހެއް ކަމަށް ވާ އެމްޑީ ޝާހީން އާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އޭނާ މަރާލި ކަމަށް ބުނެ އާބިދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފެށުމާއެކު އާބިދު ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.
ތަރުޖަމާނެއް މެދުވެރިކޮށް ޝަރީއަތުގެ ހުރިހާ ވާހަކައެއް އާބިދުއަށް ކިޔައިދިނެވެ.
އާބިދުގެ މައްޗަށް ކުރާ ދައުވާ އިއްވުމުން އާބިދުގެ ވަކީލް އިބްރާޙިމް އަލީ ވިދާޅުވީ އެ މީހާ މަރާލެވުނީ އާބިދުގެ ބޮލުގައި ބިދޭސީ މީހާ ޖެހުމުން އޭނާގެ ބޯ ބުރާންތިވެފައި ހުއްޓާ ކަމަށެވެ.
އެވަގުތު އާބިދު މަސައްކަތް ކުރީ އޭނާގެ އަމިއްލަ ނަފްސު ދިފާއު ކުރަން ކަމަށާއި އެވަގުތު އޭރު އަތުގައި އޮތީ ވަޅިއެއްކަން ނޭނގޭ ކަމަށް ވަކީލް ބުންޏެވެ.
އާބިދު ދައުވާއަށް އިންކާރު ކުރުމުން އޭނާއާއި ދެކޮޅަށް ހުށައަޅާ ހެކިތައް ހާމަކުރިއެވެ. އަދި ބައެއް ހެކިންގެ ތެރޭގައި ބިދޭސީން ތިބުމުން އެމީހުންގެ ހެކިބަސް ދުރާލައި ނަގަން އަންނަ ހަފްތާގައި އަޑު އެހުމެއް ބޭއްވުމަށް ގާޒީ ނިންމެވިއެވެ.
ދިފާއުގައި ހެށި ހުށައަޅަން އާބިދުގެ ވަކީލަށް ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލާފައެވެ.

