މި ޖޫން މަހުގެ 24 ވަނަ ދުވަހު، މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ”ޙިދުމަތަށް އެއްއަހަރު“ ގެ ނަމުގައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން އެވެ.
މި ހަފްލާގައި މިނިސްޓްރީ އޮފް ޖެންޑަރގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން، ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް، ސްޓޭޓް މިިނިސްޓަރު ހަސަން މުޣްނީ ގެ އިތުުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި މާލެ ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އައު ލޯގޯ ވަނީ އިފްތިތާހު ކުރެވިފައެވެ.
މާލެ ސިޓީ އަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ 16 އަންހެން ބޭފުޅަކަށް ހިދުމަތުގެ އަގުވަޒަންކޮށް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ހިތްވަރު ދިނުމުގެ ފިލައެއް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ދިމާވި ނުރައްކާތެރި ހާދިސާއެއްގައި ނިޔާވެފައިވާ މާލެ ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރެއް ކަމުގައިވާ އަލްމަރްޙޫމާ އައިމިނަތު އީމާ ގެ ޙިދުމަތުގެ އަގު ވަޒަންކޮށް އާއިލާއަށްވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ. މި ފިލައާއި އާއިލާގެ ފަރާތުން ހަވާލުވެލައްވާފައިވަނީ އަލްމަރްހޫމާ އާއިމިނަތު އީމާންގެ ދެ ދަރިން އަދި މަންމައެވެ.
މި ހަފްލާގައި ޕޮލިސް ކްރައިމް ބްރާންޗް އަދި މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހާލުބެލުމުގެ ސާރވޭ ވެސް ވަނީ އިފްތިތާހު ކުރެވިފައެވެ.
މާލެ ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ގެންދަނީ ތަފާތު އެކި ޕްރޮގްރާމް ތަކާއި މަޝްރޫއުތައް ރާވައި ހިންގަމުންނެވެ.

