ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޔެއްތަ ނޫނީ އިންސާނީ ތޮބިއްޔަތުތަ؟

ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޕްރެސަންއަކީ ބައްޔެކެވެ، އެކަމާއި އެއްވެސް ޝައްކެއްވެސް ނެތެވެ، އެހެންނަމަވެސް، މުޖުތަމައުގެތެރޭގައި އެ ބަސް ބޭނުން ކުރެވޭލެއް އާންމުވެގެންދިއުމުގެ ސަބަބުން، ހަގީގަތް އޮޅި، ދެރަވުމުންވެސް އެ ބަސް ބޭނުންކޮށް އުޅެއެވެ. އެކަމުގެ ސަބަބުން، ބައްޔަކަށް، ހަގީގަތުގައި ފަރުވާ ހޯދަން ޖެހޭ ފަރާތްތަކަށް، އެ ފަރުވާ ލިބިގަތުމުގައި ދަތިތައް ދިމާވާ ހިސާބަށްވެސް ގޮސްފިއެވެ. އަދި އިންސާނީ ތޮބިއްޔަތުގައި ވާ، ދެރަވުމާއި، އެ ބައްޔާއި ތަފާތުކުރަން ދަތިވެ، ޑިޕްރެޝަންގެ ބަލީގައި ޖެހިފައިވާ ފަރާތްތަކަށް އެކަމުގެ ސަބަބުން މަލާމާތުގެ ބަސްތައްވެސް ރައްދުވާތަން ފެނިދެއެވެ.

ސިއްހީ ދާއިރާގެ ފަރާތްތަކުގެ ކިބައިންވެސް މިފަދަ ކަންކަމަށް ބައެއް ފަހަރު އަޅާލެވޭ މިންވަރު ކުޑަކަންވެސް ފާހަގަކުރެވެއެވެ.

އެގޮތުން ކުޑަ ކަމަކަށް ބަލާ ނަމަ، ކަލަރ ޑިފިޝެންސީ، އަދި ކަލަރ ބްލައިންޑްނެސް އާކި ތަފާތު ދެ ހާލަތެކެވެ.ބޮޑެތި ތަފާތުތައްވެސް ހުރެއެވެ. އެއް ހާލަތުގައި ދުނިޔެ ފެންނަނީ، ހުދައި ކަޅުން ނުވަތަ އަޅި ކުލައިންނެވެ، އަނެއް ހާލަތުގައި ކުލަތައް ފެނުނަސް އާންމު މީހަކަށް ފެންނަ ކުލައާއި ޑިޕިޝެންސީ ހުންނަ މީހަކަށް ފެންނަ ކުލައާއި ތަފާތީއެއެވެ. އެހެންނަމަވެސް ސިއްހީ ދާއިރާގެ ބޭފުޅުން އާންމުނާއި މުހާތަބު ކުރާއިރު، މި ދެކަމަށްވެސް ކަލަރ ބްލައިންޑްނެސް ކިޔައެވެ. އެހެންކަމުން މުޖުތަމައުގައިވެސް މި ދެކަމަށްވެސް ކަލަރ ބްލައިންޑްނެސް ކިޔާ އަޑުއިވިދެއެވެ.

އަޅުގަނޑުގެ މި ހިޔާލުގެ ބޭނުމަކީ އެއްވެސް ހާލަތެއްގައި، ޑިޕްރެޝަންއަކީ ނުވާ އެއްޗަކަށް ހެދުމެއް ނޫނެވެ. އަދި އެއްވެސް ފަރާތެއްގެ ހުރި ބައްޔެއް ނެތްކަމަކަށް ހެދުމެއް ނޫނެވެ. މި ހިޔާލުގެ ބޭނުމަކީ، އިންސާނީ ތޮބިއްޔަތުގައި ވާ ދެރަވުމާއި، ނަފްސާނީ ބައްޔެއްކަމަށް ކަނޑައެޅިފައިވާ، ޑިޕްރެޝަންއާއި ހުރި ތަފާތުތައް ބަޔާންކޮށް، އެކަމަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް އަވަސްވެގަތުމަށް މަގުފަހިކޮށް، އެކަމަށް ބޭނުން ނުވާ ފަރާތްތަކަށް، ވެފައި ހުރި ދެރައަކީ، އިންސާނީ ތޮބިއްޔަތުކަމާއި، އަރައިގަނެވޭނެކަން ޔަގީންވުމެވެ.

ފުރަތަމަ ކަމަކަމަކަށް އިންސާނީ ތޮބިއްޔަތުގައިވާ ސިފައެއް ކަމަށްވާ، ދެރަވުމަކީ ކޮބައިތޯ ބަލާލަމާހެއްޔެވެ. ދެރަވުމަކީ، ބައެއް ހާލަތްތަކުގައި، ހުރިހާ އިންސީންނަށްވެސް އިހުސާސް ކުރެވިގެންދާ ކަމެކެވެ. އެއީ އިންސާނީ ތޮބިއްޔަތެވެ. އެކަމަކީ، ކުރެވޭ ހިޔާލަކުން ނުވަތަ، ވާ ތަދަކުންވެސް ވެެގެންދާ ކަމެކެވެ. އަދި އެކި މީހުންނަށް އެކި ކަންކަމުގައި އެކަން އިހުސާސް ކުރެވޭ މިންވަރު ވެސް ތަފާތުވާނެއެވެ. އެހެންނަމަވެސް، އުފާވެ ދިއްލިފައި މުޅި އަހަރުގެ ހުރިހާ ދުވަހަކު ނުހުންނާނެހެން، ކަމެއް ދިމާވުމުން ކުރެވޭ ހިތާމަވެރި އިހުސާސްތަކަކީވެސް ވަގުތީ އެއްޗެކެވެ، މި ގޮތުގެ މަތިން ދެރަވުމާއި، ނަފްސާނީ ބައްޔެއްކަމަށްވާ ޑިޕްރެޝަންއާއި ހާސްބައި ތަފާތެވެ.

ޑިޕްރެޝަންއަކީ ކޮބާހެއްޔެވެ. އެކަމަކީވެސް ބައެއް މީހުންގެ ތޮބިއްޔަތު ކަމަށްވެސް ބުނެވިދާނެއެވެ. އެއީ އެކަމަކީ، ބައެއް ފަރާތްތަކަށް ހަޔާތުގެ ވަކި ހިސާބަކުން ކުރިމަތިވާ ކަމެއް ނަމަވެސް އެހެން ފަރާތްތަކަށް އުފެދުނީއްސުރެ ކުރެވެމުން އަންނަ އިހުސާސަކަށް ވުމުންނެވެ. އިންސާނެއް ހެދި ބޮޑުވެގެން އައުމުގެ ތެރޭގައި، މައިންބަފައިން، އާއިލާ އަދި ރައްޓެހިންގެ ކިބައިން ކިތަމެއް ލޯތްބާއި އަޅާލުން ލިބިދިޔަކަމަށްވީ ނަމަވެސް އެކަން ހުރެދާނެއެވެ. އެއީ ކީއްވެތޯ ސުވާލު ކުރާނަމަ، އެކަމަކީ ހަމައެކަނި އިންސާނާއަށް ލިބިގެންދާ ގެއްލުމެއްގެ ސަބަބުން ނުވަތަ ހަޔާތުގައި ދިމާވާ ކަމެއްގެ ސަބަބުން ވާ ކަމެއް ނޫނެވެ. ސެރަޓޯނިން ފަދަ މީހާގެ މޫޑާއި ގުޅުން ހުރި މާއްދާއެއް ނެތުމުގެ ސަބަބުން ނުވަތަ މަދުވުމުގެ ސަބަބުންވެސް އެކަން ދިމާވެދާނެއެވެ. ބައެއް މީހުނަކީ ނިދުމުގައި ބޮޑެތި މައްސަލަތައް ހުންނަ ފަރާތްތައްކަމަށްވުމުންވެސް އެކަން ދިމާވެދާނެއެވެ. ހަޔާތުގައި އިންސާނާ އުފެދިގެންއަންނަ އިރު ކުރިމަތިވާ ދަތިތަކުގެ ސަބަބުންވެސް އެކަން ކުރިމަތިވެދާނެއެވެ. އެކި މީހުންނަށް ޑިޕްރެޝަން ކުރިމަތިވާ ސަބަބުވެސް އިންތިހާއަށް ތަފާތެވެ. އެހެންކަމުން އެ ސަބަބުތައް ޝާއިއު ކުރަން އެހެން އާޓިލްއެއް ލިޔުން މާ އެދިވޭކަމަށް ދެކި ޑިޕްރެޝަންއާއި، ދެރަވުމާއި ދެމެދު ހުރި ތަފާތުތަކަށް ކުރިއަށް ޖެހިލާނަމެވެ.

ކުރިމަތިވާ ދަތިކަމަކާއ ގުޅިގެން، ނުވަތަ ހަޔާތުގައި ކުރިމަތިވާ އެހެނިހެންވެސް ހިތާމަހުރި ކަމަކާއި ޖެހުމުން، އިންސާނާ އެކަމާއި ދެރަވެ އަރައި ނުގަނެވޭނެ ކަމަށް ހީވާ ހާލަތު ކުރިމަތިވީ ނަމަވެސް، ހަމަ އެ ފަރާތެއް އުފާވާފަދަ ކަމެއް ކުރިމަތި ވުމުން އެ ކަމުގެ އުފާވެރިކަންވެސް އިހުސާސް ކުރެވެއެވެ. މިސާލަކަށް ބުނާ ނަމަ، ކަމަކާއި ހިތާމަ ކުރުމުގައި ހުރެވޭ ދަނޑިވަޅެއްކަމަށް ވީނަމަވެސް، އެ މީހަކުގެ ގާތް ފަރާތަކަށް ލިބޭ ކާމިޔާބީއަކާއިމެދުވެސް އުފާވެރިކަން އިހުސާސް ކުރެވެއެވެ، އެއަށްވުރެން ކުޑަ މިސާލަކަށް ބަލާ ނަމަ، ދެރަވެ ހުއްޓައި، ގާތް މީހަކު މީރު ކާނާއެއް ގެނެސްދިނުމުންވެސް ހަމަ ހީލެވޭ ތަން އާދެއެވެ. އެހެންކަމުން އެ އިހުސާސަކީ ވަގުތީ އެއްޗެކެވެ އަދި އެކަން ފާއިދުވެދާނެކަމަކީ ޝައްކައްވެސް ނެތްކަމެކެވެ.

ދެރަވުމަކީ ކޮބައިކަން، ކުރުގޮތަކަށް ބަލާލުމަށްފަހު، އެ އިހުސާސާއި، ޑިޕްރެޝަންއާއި ހުރި އެންމެ ބޮޑު ތަފާތައް ބަލާލަމާހެއްޔެވެ. ދެރަވުމާއި ޑިޕްރެޝަންގެ ނަފްސާނީ ބައްޔާއި ހުރި އެންމެ ބޮޑު ތަފާތަކީވެސް ވަރަށް އާދައިގެ ވާހަކައެކެވެ. އެންމެ ބޮޑު ތަފާތަކީ، ޑިޕްރެޝަން ހުންނަ ފަރާތަކަށް ކުރެވެމުންދާ އިހުސާސްތަކަކީ، ވަކި މިނެއް ނުވަތަ ހައްދެއްވެސް ހުންނަ އެއްޗެއް ނޫނެވެ. ވަކި ކަމަކާއި ގުޅިގެންވެސް ކުރެވޭ އިހުސާސެއް ނޫނެވެ. ކޮންމެ ހާލަތެއް ކިތަމެއް އުފާވެރި ދަނޑިވަޅެއް، ކިތަމެއް މުނާސަބު ވަގުތެއްނަމަވެސް އެ އިހުސާސް ތާއަބަދައް އެމީހަކު ވަށައި އެނބުރޭނެއެވެ. އެ މީހާގެ މުޅި ހަޔާތުގެ ކޮންމެ ހަރުފަތެއްގައިވެސް އެމީހާގެ ހިޔަންޏާއި އެއް ފަދައިން، އެކުގައިވާނެއެވެ.

ޑިޕްރެސްވެފައި ހުންނަ މީހަކަށް ކުރެވޭ އިހުސާސްތަކުގެ ސަބަބުން، އެ މީހާގެ ހަޔާތުގެ ހުރިހާ ކަމަކަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެއެވެ. ކަންކަމާއި އުފާތަކެއް ނުވުމުގެ ސަބަބުން، ކަންކަން ކުރުމަށް ހުންނަ ޝައުގާއި ހިއްވަރުވެސް ގިނަ ފަހަރު އެމީހެއް ގައިގައި ނުހުރެއެވެ. އެހެންކަމުން، ވަޒީފާ އަދާކުރުމުގައި، އަދި އާންމު ދިރިއުޅުމުގައި ވެސް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އަދި ކުރިއެރުންތައް ހޯދުމަށް މަގުތައް ފަހިވެގެންދިޔަ ނަމަވެސް، އެކަން ނުވާނެ ކަމަށް ހިތައް އެރުމުގެ ސަބަބުން ކުރިމަތި ނުލާ ދާ އެތައް ކަމެއް ދެއެވެ.

ކިތަމެއް ލޯބިން މީހަކު އަޅާލިޔަސް އަޅާލުމުގެ އިހުސާސްވެސް ރަނގަޅަށް ނުކުރެވެއެވެ. ކިތަމެ ބޮޑު ކުރިއެރުމެއް ލިބެން ގާތް ނަމަވެސް، އެކަމަށް ވާސިލުވާން ވަޒީފާ އަދާކުރުމުގައި އިތުރު ހިތްވަރެއްވެސް ނުލެވެއެވެ. އެހެންކަމުން ހޭލައިން އެނދުން ފައިބާ ވަޒީފާއަށް ތައްޔާރުވެގެން ވަގުތައް ދިއުމުގައިވެސް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އަދި ބައެއް ފަރާތްތަކަށް އަހުވަންތަ ކަމުގެ ގުޅުން އަދި މީހަކާއި އިންދެގެން ލޯބީގެ ގުޅުން އަދި، އާއިލާ އާއި އެކު އޮންނަ ގާތްކަންވެސް ނުބޭއްވިދާ ހިސާބަށްވެސް އެކަން ގޯސްވެދެއެެވެ.

ޑިޕްރެސްވެފައި ހުންނަ މީހެއްގެ ކިބައިން ފެނިގެންދާނެ އާންމު ސިފަތަކަށް ބަލާލަމާހެއްޔެވެ. އެމީހަކަށް އަބަދާމެ އަބަދު، ހިތާމައެއްގެ ތެރޭގައި ހުރެވޭކަމަށް އިހުސާސް ކުރެވެއެވެ، އެ މީހަކު ކުދި ނުވަތަ ކޫސަނި ކަންކަމާއިމެދުވެސް ހިތްހަމަނުޖެހިދާލެއް އަވަސްވެއެވެ، ހަށިގަނޑުން ވަރު ނެތިދާހާ ބޮޑު ކަމެއް ދުވަހުގެ ތެރޭގައި ކުރެވިފައި ނެތްނަމަވެސް، ވަރުބަލިކަމުގެ އިހުސާސް ހުރެއެވެ. ކިތަމެއް ގަދަޔަކަށް ނިދިނަމަވެސް، ވަރު ޖެހުނު ހެންވެސް ހީނުވެއެވެ. އެކަމުގެ ސަބަބުން އެ މީހެއްގެ ނިދުމަށްވެސް ބޮޑެތި ތަފާތުތަކާއި ދަތިތައް ކުރިމަތިވެއެވެ. ބައެއް ފަހަރު ކުއްލިޔަކަށް ނިދިއައިސްފާނެއެވެ. އަނެއް ފަހަރުތަކު ނިދާލުމަށް ކިތަމެއް އެދުނު ނަމަވެސް، އެކަން ހާސިލުވެސް ނުވެދެއެވެ.

ހަޔާތުގެ ދަތުރުގައި ވަކި ހިސާބަކުން، ޑިޕްރެޝަންއާއި ކުރިމަތިލާ ފަރާތްތަކަށް، ކުރިން ބޮޑެތި އުފާތައް ލިބެމުންދިޔަ ކަންކަމުން، ކުޑަ މިންވަރެއްގެ އުފަލެއްވެސް ނުލިބިދެއެވެ. އަދި އެކަން ކަމަށް ހުންނަ ޝައުގުވެރިކަންވެސް ގެއްލިދެއެވެ. ބައެއް މީހުންނަށް ކޮން ސަބަބަކާއި ހެދިކަން ނޭގި، ކުށެއް ކުރެވިފައިހުރި ފަދަ އިހުސާސެއް ކުރެވި އެކަމާއިމެދުވެސް ވިސްނި ބޯގޮވާ ހިސާބަށްވެސް ދެއެވެ. އެހެން ނަމަވެސް ޔަގީނުންވެސް ކުށެއް ކުރަނީ ނޫނެވެ. އެކަން ދިމާވެގެން އަންނަނީ، ޑިޕްރެޝަންގެ ސަބަބުން ހަޔާތުގެ ކަންކަމަށް ހުންނަ އަޅާލުން ކުޑަވެ އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ހުރުމުގެ ސަބަބުންކަމަށް ފާހަގަކުރެވެއެވެ.

ޑިޕްރެޝަން ހުންނަ ފަރާތެއްގެ އާންމު ސިއްހަތު ރަނގަޅުނަމަވެސް، ބޮލުގައި ރިއްސުމާއި ގައިގެ ތަންތާގައި ރިއްސުން ފަދަ ކަންކަން އިހުސާސް ކުރެވެއެވެ. އެހެންނަމަވެސް އެ ތަދުތަކާއި ގުޅިގެން ޑޮކްޓަރަކަށް ދެއްކުމުން އެފަދަ ތަދެއް އިހުސާސް ކުރެވެންޖެހޭނެ އެއްވެސް ސަބަބެއް ޑޮކްޓަރަކަށް ފެންނާކަށް ނުހުރެއެވެ. އެހެން ނަމަވެސް ބައެއް ހާލަތުގައި ޑިޕްރެޝަންގެ ސަބަބުން ޖިސްމާނީ ގެއްލުންތައް ލިބިގެންދާކަމަކީވެސް ހަމަ ތެދު ހަގީގަތެކެވެ.

ޑިޕްރެސްވެފައި ހުންނަ ފަރާތަކީ، މުޖުތަމައުގެ ތެރޭގައި ކިތަމެއް މަގުބޫލު ފަރާތެއް ނަމަވެސް، އަދި އެ މީހާގެ ފަރާތުން ކިތަމެއް ބަޔަކަށް ފައިދާތަކެއްވެ، އާއިލާ އަދި ރައްޓެހިންގެ ތެރޭގައިވެސް އެ މީހާގެ އަގު ކިތަމެއް ބޮޑު ނަމަވެސް، އެ ފަރާތެއްގެ ނަޒަރިއްޔާގައި އަމިއްލަ ނަފްސުގެ އަގަކީވެސް ގިނަ ފަހަރު ޒައްރެއްގެ މިންވަރަށްވެސް ހުންނަ އެއްޗެއް ނޫނެވެ. އަދި އެނާ އަކީ އަމިއްލަ ހަޔާތް މެދުކަންޑާލާނެ ފަރާތެއް ނުވަތަ އަމިއްލައަށް މަރުވާނެ މީހެއް ނޫންނަމަވެސް، އެފަދަ ދުވަހެއްގެ މަތިންވެސް ބައެއް މީހުންނަށް ވިސްނޭ ދަނޑިވަޅުތައްވެސް އާދެއެވެ.

ޑިޕްރެސްވެފައި ހުރި ފަރާތެއްގެ މި އިހުސާސްތައް ދިގުމުއްދަތުތަކަށް ނުވަތަ ތާއަބަދައްވެސް ދެމިގެންދާއިރު، އާންމު ހާލަތައްގައި ދެރަވުމުންވެސް މިފަދަ އިހުސާސްތައް ހުރެއެވެ. އެމީހުންގެ ކިބައިންވެސް އިސްވެ ބަޔާންކުރެވިދިޔަ ބައެއް ސިފަތައް ފެނިގެންދާއިރު، އެ އިހުސާސް އާންމުކޮށް ހުންނަނީ، ތާއަބަދާއި ބަލާ މަދު ހަފްތާތަކަކަށެވެ.

މީހަކު ޑިޕްރެސްވެފައި ހުރިކަމަށް ހޮސްޕިޓަލްތަކުންނާއި، އެކަމަށް ފަރުވާދޭ މުއައްސަސާތަކުން ދެނެގަތުމަށް ބަލައިގަންނަ ސިފަތަކުގެ ތެރޭގައިވެސް އިސްވެ ބަޔާންކުރެވުން ސިފަތައް ހިމެނެއެވެ. އެހެންނަމަވެސް އެކަމަކީ، ފަރުވާ ހޯދުމަށް ދަތި ބައްޔެކެެވެ. ސަބަބަކީ، ފެންނަނަން ނެތްކަމަކަށް ފަރުވާއެއް ކުރަން ޖެހުމެވެ. އަދި އެކަމާއި އިންސާނީ ތޮބިއްޔަތުގައި ވާ ދެރަވުމާއި އޮޅުމުގެ ސަބަބުން ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދައްކާ މީހުން ގިނަ ވުމުގެ ސަބަބުން އެކަމަށް އިންތިހާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެއެވެ. އަދި ލަސްވެދާ ފަހަރުތައްވެސް އައިސްފައިވެއެވެ.

ސެރެޓޮނިން ފަދަ މާއްދާއެއް އުފެދުމުގައި ނުވަތަ ހަޔާތުގެ ވަކި ހިސާބަކުންވެސް ހަށިގަނޑުން މަދުވެގެންނަމަ، ބައެއް ފަހަރު ބޭސް ފަރުވާއިން އެކަން ހައްލު ކުރެވިދާތަން އާދެއެވެ. އެއީ އެ މާއްދާއެއް ހަށިގަނޑުގައި ހުންނަޖެހޭ މިންގަނޑަށް ބޭހުގެ ބޭނުންކޮށް އެކުލަވާލެވިގެންނެވެ. އެހެން ނަމަވެސް، އެ ގޮތުންވެސް އުމުރު ދުވަހުވެސް އެ ބޭސް ބޭނުން ކުރަން ޖެހޭ ހާލަތުވެސް ކުރިމަތިވެއެވެ. އަދި އަބަދާމެ އަބަދު ބޭސް ކެއުމުގެ ސަބަބުން އެހެނިހެން ކަންކަމާއި ކުރިމަތިލާން ޖެހޭ ދަނޑިވަޅުތައްވެސް އައިސްފައިވެއެވެ. އެހެންކަމުން، އެފަދަ މީހުންނަށް ބޭސްފަރުވާ ނޫން އެހެންގޮތެއް ހޯދުމަކީ މުހުންމު ކަމެއް ކަމަށް ދެކެމެވެ.

ޑިޕްރެސްވެފައި ހުންނަ ފަރާތަކަށް ބޭހުގެ ޒަރިއްޔާނޫނީ ކޮން ފަރުވާއެއް ތޯ ސުވާލު ކުރެވިދާނެއެެވެ. ނަމަވެސް އަސްލު ސުވާލަކީ، އުމުރު ދުވަހު ބޭސް ތަކެއް ކައި، މީހާ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވެ، އެކަމުގެ ސަބަބުން އެހެނިހެން ފަރުވާ ހޯދަން ޖެހުމަކީ ހައްލެއްތޯއެވެ. ނޫނެކެވެ. ކުރު މުއްދަތަކަށް ބޭސް ކައިގެން، އެކަމުން އަރައިގަނެވޭނެ ނަމަ، އެކަން ކުރަންވީއެވެ. އެހެންނަމަވެސް ޑިޕްރެޝަން ހުންނަ ގިނަ މީހުންނަކީ، ކުރު މުއްދަތަކަށް ބޭސްކައިގެން އެކަން ހާސިލު ކުރެވޭނެ ފަރާތްތަކެއް ނޫންކަން ސިއްހީ މާހިރުންވެސް ގަބޫލު ކުރާނެއެވެ. އަދި އެ ހާލަތުގައި ތިބި ފަރާތްތަކުން އެކަމަށް ހެކިވެރިވެސް ވާނެއެވެ.

ބޭސް ނުކައި ދާ ދުވަހަކު ކަންދިމާވާ ގޮތް އިންތިހާއަށް ގޮސްވެފައިހުރި ދަނޑިވަޅުތައް ގިނައެވެ. ޑޮކްޓަރަށް ދެއްކުމަށް ކިއުއެއްގައި އިންނަން ބޭނުން ނުވެދާނެ އެތައް ދުވަހެއް ދާނެކަމަކީވެސް ޔަގީންކަމެކެވެ. އަދި ދެއްކުން ނަމަވެސް، ޑޮކްޓަރުގެ ހިދުމަތް ކިތަންމެ ރަނގަޅުނަމަވެސް، ސީދާ ވެގެން އުޅޭ ކަން، އަދި އެކަން އިނގުނަސް ދެވޭ ބޭސްތަކަކީވެސް އެންމެ އެކަށީގެންވާ އެއްޗަކަށްވެސް ނުވެދާނެއެވެ. ކިތަމެއް ކިޔައި ދިނަސް މީހެއްގެ ހިތުގެ އިހުސާސްތައް ފުރިހަަމައަށް ބަޔާން ކުރުމަކީ ދަތި ކަމަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ. އަދި މިކަމަކީ ބަޔާން ކުރި ނަމަވެސް ނަގައިގަންނަން ދަތި ކަމަކަށް ވުމުން ކަމަށްވެސް ވެދާނެއެވެ.

އެހެންނަމަ، އެކަމާއި ކުރެވެން އޮތީ ކޮންކަމެއް ހެއްޔެވެ. ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ، އަމިއްލަ ނަފްސު ދެނަގަތުމެވެ. އެގޮތުން، ޑިޕްރެޝަންތޯ ނުވަތަ، އިންސާނީ ތޮބިއްޔަތުގައި ވާ ދެރަވުންތޯ ދެނެގަތުމަކީ އެންމެ ފުރަތަމައަށް ކުރަންވީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. ޑިޕްރެޝަން ނަމަ، ބޭސްތަކެއްގެ ބާރުގައި ހަޔާތް ކަޑައްތު ކުރުމުގެ ބަދަލުގައި އެކަމާއި އެކު ދިރިއުޅެން ދަސްކުރުމަކީ، އިންތިހާއަށް މުހިންމު ކަމެއް ކަމަށްވެސް ދެކެމެވެ. އެފަދައިން ކަންކަން ކުރަން ނަމަ، އެ ހާލަތު އިތުރަށް ގޯސްވެދަނީ ކޮންކަމަކާއި ގުޅިގެންތޯ ދަސްކުރުންވެސް މުހިންމެވެ. އަދި ލުޔެއް ނުވަތަ ފަސޭހަތަކެއް ވެގެންދަނީ ކޮންކަމަކުންތޯވެސް ދެނެގަތުން އެވަރަށް މުހިންމެވެ.

އެހެން ކަންކަން ކުރުމުން، އެފަދަ ކަމަކާއި ގުޅިގެން އެ ކުރެވޭ އިހުސާސްތަކަކީ، ހާއްސަ ކަމެއް ނޫންކަން ނަފްސައްވެސް ޔަގީން ކުރަން ފަސޭހަވެދެއެވެ. އަދި އެ އިހުސާސާއި ކުރިމަތިވާ ކަމަކާއި ގުޅުމެއްވޭތޯ ނުވަތަ ނުވޭތޯވެސް އެ ފަރާތަކަށް ފުރިހަމައަށް ޔަގީންވެދާނެއެވެ. އަދި އަރައިގަތުމަށް އާންމުކޮށް ކުރަން ހުރި ކަމެއް ނުވަތަ އެތަނެއް ދޫކޮށްލާފައި ދިއުންވެސް ހުއްޓިދާގޮތްވެސް މެދުވެރިވެއެވެ.

ތިމާގެ ޑިޕްރެޝަން އިތުރުވެދާ ގޮތަކީ، ކޮބައިކަން ދެނެގަތުމާއި އެއްވަރަށް، ތިމާއަށް ފަސޭހަތަކެއް ލިބިގެންދަނީ، ކޮން ކަންކަމަކުންކަންވެސް ދެނެގަތުން އިންތިހާއަށް މުހިންމެއްކަން ތަކުރާރު ކުރަމެވެ. އެއީ އެ ހާލަތާއިގެން އުޅެން ދަސްކުރުމުގެ ތެރޭގައި ނެގޭ އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެއްކަން ކަމަށްވެސް ދެކެމެވެ.

ބައެއް ފަރާތްތަކަށް، މީހުންނާއި ގުޅިގެން އުޅުމަކީ ދަތިކަމަކަށް ވުމުން، އެހެންނަމަަވެސް އެކަމަށް އެދިފައި ސަބަބުންވެސް އިތުރަށް ހިތާމަތަކާއި ކުރިމަތިވެއެވެ. އެހެން ނަމަ، ޑިޕްރެޝަން ހުންނަކަން ފޮރުވައިގެން އުޅުމަކީ ކުރެވޭނެ އެންމެ ނޭދެވޭ އެއް ކަމެވެ. އެއްވެސް ހާލަތެއްގައި ތިމާ ހިއްދަތިވާކަންކަމުގެ ވާހަކަ މީހެއްގެ ބޮލުމަތީ ވަށާކަށް ނުބުނަމެވެ. އޭގެ ބަދަލުގައި އެކުގައި ވަގުތު ހޭދަކޮށް، ތިމާގެ އެފަދަ ކަމެއް ހުންނަކަން ދަންނަ ގާތް ފަރާތެއް ހުރުމަކީ ލިބިގެންދާނެ ކުރިއެރުމެއް ކަމަކީ ޝައްކެއްވެސް ނެތް ކަމެކެވެ.

ބައެއް ފަރާތްތަކަށް، ކަންކަމުގައި ޝާމިލުވާން ބޭނުންވެ ނުވެވުމުގެ ސަބަބުންވެސް ޑިޕްރެޝަންގެ ހާލަތު ގޯސްވެދެއެވެ. އެހެން ނަމަ ކުރަން ހިތައް އަރާ ފައިދާވަނިވި ކަމެއް ކުރާށެވެ. އެކަމުން މުޖުތަމައަށް ފައިދާއެއް ވިއްޔާ ވަރަށް ރަނގަޅެވެ. އެހެނަސް މި ހިޔާލުގެ ބޭނުމަށް މުހިންމީ، ޑިޕްރެޝަން ހުންނަ ފަރާތައް ފައިދާއެއް ކަމަށް ބެލޭވެ ކަމެއް ހާސިލްވެދިއުމެވެ. އެހެންނަމަވެސް ތިމާ ކުރާ ކަމެއްގެ ސަބަބުން އެހެން މީހަކަށް ފައިދާއެއް ލިބި ހިނިތުންވެލާތަން ފެނުމަކީ، ހިތައް ލިބިގެންދާނެ ފަސޭހަ ކަމެއްކަން ޔަަގީނެވެ. އެދެނީ ހަމަ އެކަނި ހުސް ވަގުތު ތަކެއް ހޭދަ ކުރުމުގެ ބަދަލުގައި މަޖާ ފިލްމެއް ބަލާލުން ކަހަލަ ކުޑަ ކަމެއްވެސް ކޮށްލެވިދާނެއެވެ. ނޫން ނަމަ ކުރިން ކުރަން ބޭނުންވެފަ ނުކުރެވި ހުރި ކަމެއް ކުރަން ވެސް އުޅެވިދާނެއެވެ. ބޭނުމަކީ ހިތްދަތި އިހިސާސްތަކުން ނޫންނަމަ ފިކުރުތަކުން ސިނކުޑިއަށް އަރާމެއް ހޯދުމެވެ.

ބައެއް ފަރާތްތަކަށް ހަޔާތުގެ ބައިވެރިއެއް އިންތިހާއަށް މުހިންމެވެ. ކޮންމެހެން ގިނަ ވާހަކަތަކެއް ދައްކާކަށް ނޫނެވެ. ހަމަ އެކުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށެވެ. ބައިވެރިއަކީ، ކޮންމެހެން ލޯބީގެ ބައިވެރިއަކަށް ވާކަށް ނުޖެހޭނެއެވެ. އެގޮތުން ޖަނަަވާރު ގެންގުޅުމަށް ލޯބި ކުރާ ފަރާތެއް ނަމަ، އެ ޖަނަވާރަކާއިއެކު، ވަގުތު ހޭދަ ކޮށްލުމުންވެސް ހިތައް ފިނި ކަމެއް ލިބިގެންދެއެވެ. އަދި އެ ބެލެހެއްޓުމުގައި ވަގުތު ތަކެއް ހޭދަވެދާނަމަ، ބޭކާރު ވިސްނުންތަކަށް އޮންނަ ޖާގަ ހަނިވެ، ސައުފު ތާހިރުކަމަށް އޮންނަ ލޯބި އިތުރުވެ، އެކަމުގެ ސަބަބުންވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދެއެވެ. ބައެއް މީހުންނަށް ކެއުމުން ލުއި ތަކެއް ލިބިދެއެވެ، އެހެންނަމަވެސް އެކަން ކުރުމުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެދާން ފެށުމުން އަނެއްކާވެސް ހިތާމަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ކުޅިވަރަކުން ނުވަތަ ކަސްރަތަކުން މީހާގެ ބަރުދަން ހިފަހައްޓައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އަޅުގަނޑުގެ ނަޒަރުގައި އެންމެ މުހިންމު ކަންތަކެވެ.

ކަސްރަތު ކުރުމުން ނުވަތަ ކުޅިވަރުތަކުގައި ޝާމިލުވުމުގެ ސަބަބުން އިތުރު ބޮޑެތި ފައިދާތަކެއްވެސް ހުރެއެވެ. އެގޮތުން ނިދުމަށް ބޮޑެތި ދަތިތައް ކުރިމަތިވާ ފަރާތްތަކަށް އެކަން ހާސިލު ކުރަން ބޮޑެތި ފަސޭހަތަކެއް ލިބިގެންދެއެވެ. އަދި މީހާގެ ސިއްހަތު ރަނގަޅުވުމުން ކުރިން ބަޔާން ކުރެވުން ފަދައިން، ހަށިގަނޑުގެ މާއްދާތައް އެކުލެވިފައި ހުންނަން ޖެހޭ މިންގަނޑަކަށް އަންނަ ހާލަތުވެސް ކުރިމަތިވެއެވެ. އަދި ހަޔާތުގެ ވަކި ހިސާބަކުން ޑިޕްރެޝަންއާއި ކުރިމަތިލީ ފަރާތްތަކަށް އެކަމުން އަރައިގަނެވުނު ދަނޑިވަޅުތައް އައިސްފައިވާކަމަކީވެސް ޝައްކެއް ނެތް ކަމެކެވެ.

މި ހިޔާލް ލިއުމުގެ ބޭނުމަކީ، ބޭސްފަރުވާގެ ޒަރިއްޔާއިން ފައިދާތަކެއް ލިބިގަންނަމުންދާ ފަރާތްތައް އެކަމުން ދުރުކުރުމެއް ނޫނެވެ. އެހެން ނަމަވެސް، ތާއަބަދު ޑިޕްރެޝަންގެ އިހުސާސްތައް ކުރަމުންދާ ފަރާތްތަކަށް އެކަމާއިގެން ދިރިއުޅެން ދަސްކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަން ބުނެލަދިނުމެވެ. އަދި އެކަމާއިއެކުވެސް ދިރިއުޅުން އާރާސްތު ކުރުމަކީ ކުރެވޭނެ ކަމެއްކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން ހަޔާތުގައި ހިތާމަތަކާއި ކުރިމަތިވާ ހުރިހާ ފަރާތްތަކަކީ ބޭސްތަކެއް ކައި، ފަރުވާ ހޯދަން ޖެހޭ ބައެއް ނޫންކަންވެސް އެނގުމެވެ. ވަގުތު ތަކެއް ހޭދަވި ނަމަވެސް، ކުރިމަތިވެދާ ހިތާމަތަކުން އަރައިގަނެވޭނެކަންވެސް އެންގުމެވެ.

މީގެ އިތުރުން، މައިންބަފައިން އަދި އާއިލީ މީހަކު ދިއުން ފަދަ ބޮޑު ހިތަމާއަކާއި، ކުރިމަތި ލާފައި ހުރި މީހުން އެކަމުން އަރައިގަނެވޭނެ ކަމާއި، ހަޔާތައް އަނބުރާ އުފާވެރިކަންވެސް އަންނާނެކަމުގެ ޔަގީންކަން ދިނުމަކީ ވެސް އަޅުގަނޑުގެ މި ހިޔާލުގެ މަގުސަދެކެވެ. ބުނެލަމް ބޭނުން ވަނީ އެންމެ ވާހަކައެކެވެ. އުންމީދު ގެއްލުވާ ނުލާށެވެ. އަ،މިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. އޭރުން ބޭނުންވާ މަންޒިލަށް ދެވޭނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: