ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޔަވިދާޅުވި ބަހުގެ މާނައެއް ނޭގުނު!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އަޅުގަނޑުގެ ހަނދާނަށް އައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އެ މަނިކުފާން އިސްތިއުފާ ދެއްވި ދުވަހާއި ދެއްކެވި ވާހަކަފުޅެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބަކީ ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގެ ބޭއްވި އެންމެ ފުރަތަމަ ރިޔާސީ އިންތިހާބެވެ. އެކަން އެއްވެސް ދިވެއްސަކު ހަނދާން ނުނެތޭނެ ފަދައިން ފުރަތަމަ ޑިމޮކްރެޓިކް ރައީސް އިސްތިއުފާ ދެއްވި ދުވަހަކީ ވެސް ދިވެހި ރައްޔިތުންގެ ހަނދާނުން ފޮހެވިގެންދާނެ ދުވަހެއް ނޫނެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަމުން މަނިކުފާން ވިދާޅުވި ބަސްފުޅުތަކަކީ ހަނދާނުން ފޮހެވިގެންދާ ފަދަ ބަސްފުޅުތަކެއް ނޫނެވެ. އެހެން ކަމުން އެމްޑީޕީގެ ޓިކެޓުގައި ރައީސް ސާލިޙް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް މަނިކުފާން ވިދާޅުވުމުން ހަނދާނަށް އައީ މަނިކުފާން އިސްތިއުފާ ދެއްވި ދުވަހެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަމުން ވިދާޅުވި ބަސްފުޅު މަނިކުފާނު ހަނދުމަފުޅު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި ގަބޫލު ކުރެވޭ ގޮތުގައި އެ ބަސްފުޅުތައް އަލުން މަނިކުފާނުގެ ހަނދާނަށް ގެންނަން އެބަޖެހެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވަމުން މަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މަނިކުފާން ހުރެއްޖެނަމަ ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ރާއްޖެއަށް ބޭރުގެ ނުފޫޒް ފޯރާފާނެ ކަމަށް މަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. މަނިކުފާން ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވީ ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ދަމަހަށްޓަން ބޭނުންފުޅު ނުވާތީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ހެޔޮއެދޭތީއެވެ.

އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރަށް ފަހު، ރައީސް ނަޝީދު އިސްތިއުފާ އިއުލާން ކުރައްވާއިރު އެމަނިކުފާނުގެ ކެބިނެޓް ފަހަތުގައި : ފޮޓޯ އޭޕީ

ކޮންމެއަކަސް މިހާސާބުން އަޅުގަނޑު ރައީސް ނަޝީދަށް ދޫކޮށްލަން ބޭނުންވާ ސުވާލަކީ ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އަދި އެމްޑީޕީއަށް ގެއްލުން ބޮޑީ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީގެންތޯ ނުވަތަ ރައީސް ސާލިޙްއަށް ރިޔާސީ ޓިކެޓް ދީގެންތޯއެވެ.

ދެވަނަ އަށް އަޅުގަނޑު ރައީސް ނަޝީދުއަށް ދޫކޮށްލަން ބޭނުންވާ ސުވާލަކީ މަނިކުފާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމުން ރައްޔިތުންގެ ލިބިދާނެ ގެއްލުމަކަށްޓަކައި އިސްތިއުފާ ދެއްވަމުން ރައްޔިތުންނަށް ވީ ފައިދާތޯއެ، ނުވަތަ ގެއްލުންތޯއެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މަނިކުފާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންނަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމުގެ ނިޔަތުގައި ކަމަށް ވީނަމަވެސް އިސްތިއުފާ ދެއްވުމުން ވެސް ރައްޔިތުންނަށް ލިބިގެން ދިޔައީ ބޮޑެތި ގެއްލުންތަކެކެވެ.

އެގޮތުން މަނިކުފާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވުމުން ދެން ހިގާދިޔަ ކަންތައްތަކަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިގި އެންމެ ނުރައްކާތެރި އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަންތައްތަކެކެވެ. ދައުލަތުގެ އިމާރާތްތަކަށް ގެއްލުން ދިނުމާއި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާ އަންދާލާ ރޯކޮށްލުމާއި މި ނޫން ވެސް ބޮޑެތި އެތައް ގެއްލުންތަކެއް ލިބިގެން ދިޔައެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެތައް ރައްޔިތުންގެ މުހިންމު ލިޔެކިޔުންތައް ނެތި ފަނާވެގެން ދިޔަކަމީ އަޅުގަނޑު ހިތުން ހުދު ރައީސް ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާނެ ކަމެކެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ލިބުނު ގެއްލުންތައް ފޫ ނުބެއްދި ވާކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.

2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިގި ހަމަ ނުޖެހުމުގައި ކޯޓެއްގައި ކޯޓެއްގައި ހުޅުޖަހާފަ

ދެން އޮތީ އެމްޑީޕީއަށް ލިބުނު ލިބޭނެ ނުވަތަ ލިބިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ގެއްލުންތަކުގެ ވާހަކައެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އިންތިހާބުތަކާއި ގުޅިގެން އެމްޑީޕީއަށް ރައީސް ނަޝީދާއި އަދި ރައީސް ސާލިޙްގެ ސަބަބުން ލިބުނު ގެއްލުމާއި ފައިދާގެ ވާހަކަ ފަށަން ޖެހޭނީ 2008 ވަނަ އަހަރުން ފެށިގެންނެވެ.

2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރަން ކުރި މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ކޯލިޝަނެއްގެ ތެރެއިން ނަޝީދަށް ދިނުމުން ފުރަތަމަ ބުރުން ވީ ނާކާމިޔާބެވެ. ދެވަނަ ބުރުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވީ ކޯލިޝަން އިތުރަށް ފުޅާ ކޮށްގެންނެވެ. މި ދެންނެވި ފުޅާ ކޯލިޝަނާއިއެކު ކާމިޔާބު ކުރި އިންތިހާބު މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް ނަޝީދު އިސްވެ ހުންނަވައި ކޯލިޝަން ރޫޅާލީއެވެ. ދެން އޭގެ ފަހުން ސަރުކާރު ހިންގަން ކުރިމަތިލާން ޖެހުނު ގޮންޖެހުންތަށް އަޅުގަނޑުގެ މި ހިޔާލުގައި ހިމަނާކަށް ގަސްތެއް ނުކުރަމެވެ.

ކޮންމެއަކަސް އެމްޑީޕީގެ އިސްލީޑަރުގެ ގޮތުގައި ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީން ކުރިމަތިލީ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެވެ. އެ އިންތިހާބުން ވެސް އެމްޑީޕީ ބަލިވިއެވެ. މަޖިލީހުގެ އިންތިހާބުން ލިބުނީ އެންމެ 21 ގޮނޑިއެވެ. އޭގެ ފަހުން ދެން އެމްޑީޕީން ކުރިމަތިލީ ކައުންސިލް އިންތިހާބާއެވެ.

ކައުންސިލް އިންތިހާބަށް ވެސް އެމްޑީޕީން ކުރިމަތިލީ ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުންނެވެ. އެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. އޭގެ ފަހުން އެމްޑީޕީއަށް ކުރިމަތިލާން ޖެހުނު ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ކަންކަން ހައްލު ކުރަން ރައީސް ނަޝީދުއަށް އެނގިވަޑައިނުގަތުމުން އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ އެމްޑީޕީގެ ތާރީހުގައި ވެސް ކުރިމަތި ނުވާ ފަދަ ބޮޑު ހިތްދަތި ކަމަކާއެވެ. ވެރިކަން ގެއްލުނީއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އެކަން ވެސް ކުރެއްވީ ޕާޓީގެ ލީޑަރޝިޕާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި ދުރު ހިލޭ މީހުން ދެއްވި މަޝްވަރާގެ މަތިންނެވެ.

7 ފެބުރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ހިންގި ބަޣާވާތުގެ ތެރެއިން: ފޮޓޯ މީސް މީޑިއާ

ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުން އެމްޑީޕީއަށް އިންތިހާބުތަކުން ލިބެމުން ދިޔަ ނާކާމިޔާބީއަށް ބޮޅެއް އިތުރުވެގެން ދިޔައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވުމުންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް އެމްޑީޕީން ރައީސް ނަޝީދުއަށް ދިނީ އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލު ކުރީ ބަޣާވާތަކުން ކަމަށް ޕާޓީގެ މެމްބަރުންނަށް ގަބޫލު ކުރެވޭތީއެވެ. ނަމަވެސް ފޮނި އުންމީދެއްގައި ރައީސް ނަޝީދަށް ރިޔާސީ ޓީކެޓް ދީގެން އެމްޑީޕީއަށް ލިބުނީ ބޮޑު ގެއްލުމެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ލިބުނު ބޮޑު ހިތާމައިން އެމްޑީޕީއަށް އަރައިނުގަނެވިގެން އުޅެނިކޮށް ނަޝީދުގެ ލީޑަރޝިޕްގެ ދަށުން 2014 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބާއި އޭގެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

ކޮންމެއަކަސް ކޮންމެ ނާކާމިޔާބީއަކަށް ފަހު ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ނާކާމިޔާބީގައި ހިތްވަރުކޮށް ކާމިޔާބީގައި ހިތްތިރި ކުރުމަށެވެ. އަޅުގަނޑަށް ވެސް ފެންނަ ފެނުމުގައި އަމަލު ކުރަން ޖެހޭ ގޮތަކީ އެއީއެވެ. ނަމަވެސް މަންޑާލާ ހިންގެވި މަގުން ހިންގަވަން މަސައްކަތް ކުރައްވާ ބޭފުޅަކު ފަތިފައްޗަށް ބަލިވިއިރު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާން ނޫން އެހެން ބޭފުޅަކަށް ލިބޭކަށް ބޭނުމެއް ނުވިއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވިއިރު ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް އައުމުން އެކަމުގެ ފައިދާ ނަންގަވާ ޑަންޕަރަށާ، ހައިމާކަށާ، ބަނޑިޔަލަށާ، ބާލިދީއަށާ އެނޫން ވެސް އަތުޖެހުނު އެއްޗަކަށް އެމްޑީޕީގެ މެމްބަރުން ލައްވާ ވޯޓު އަޅުވާ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވިއެވެ. ހުކުމެއް އައިސްފައިވުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެކަން ޔަގީންވި ހިސާބުން ދެން މަސައްކަތް ކުރެއްވީ އިންތިހާބުގައި އެމްޑީޕީން ވާދަ ނުކުރާނެ މަގެއް ހޯދުމަށެވެ. އެގޮތުގެ މަތިން އޭރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބެވި މެމްބަރުން ލަންކާއަށް ގެންދަވާ ތިމަން މަނިކުފާން ނޫން އެހެން މީހަކަށް އެމްޑީޕީގެ ރިޔާސީ ޓީކެޓް ދީގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ގައުމީ މަޖިލީހުގެ މެމްބަރުންނަށް ވިސްނަވައި ދެއްވަން ރައީސް ނަޝީދު މަސައްކަތްޕުޅު ކުރެއްވިއެވެ. މިއީ ހިތްތިރި ކަމުން ނުވަތަ ޕާޓީގެ ހައްގުގައި ރައީސް ނަޝީދު ކުރެއްވި ކަމެއްތޯ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ

ކޮންމެއަކަސް ރައީސް ނަޝީދު ބޭނުންފުޅުވި ގޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ކަމަކު ނުދިޔައެވެ. އެންމެ ފަހުން އާދަޔާހިލާފް ކޮންގުރެސްއެއް ބާއްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ސާލިޙް ނުވަތަ ހިންނަވަރު ކުއްޖާއަށް ދިނުމަށް ނިންމިއެވެ. އޭގެ ފަހުން ދެން ކަން ހިގާދިޔަ ގޮތް އަޅުގަނޑު ނުދެންނެވި ނަމަވެސް ސާފް ވާނެކަން ޔަގީނެވެ. ކޮލިޝަނެއްގެ ތެރެއިން އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބް ކުރެއްވީ ހިންނަވަރު ކުއްޖާއެވެ. ޖެހިގެން އައި މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބު ވެސް އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބުވިއެވެ.

އެމްޑީޕީގެ ކެމްޕެއިންގެ ތެރެއިން: ފައިލް ފޮޓޯ

މިހުރިހައި ކަމެއް މިހެން ފެންނާން ހުރުމުން ރައީސް ސާލިޙްއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީގެން އެމްޑީޕީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެމަނިކުފާން އެ ވިދާޅުވި ބަހުގެ މާނަ އެއް ހަމަ ހަގީގަތުގަވެސް ނޭގުނެވެ. ރައީސް މަނިކުފާނެވެ. މަޖިލީޙުގެ ރައީސްއެވެ. ތިޔަ ވިދާޅުވި ބަހުގެ މާނައެއް ނޭގުނެވެ.

 

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެމްޑީޕީ އަށް ދެ ފަހަރަށް ވެރިކަން ލިބުމުންވެސް ގައުމު ނުހިންގި ބޮއްސުންލާ ދަރަނިވެރި ވީއެވެ. މިއީ އެއްގޮތަކަށްވެސް ދުނިޔެއަށް ކުރިމަތިވި ކަންތައް ތަކަކާ ގުޅިގެން ވީކަމެއް ނޫނެވެ. މިއީ އަމިއްލައެދުން ބޮޑުކަމާއެކު ގެންގުޅުނު ދޯހަޅި ސިޔާސަތެއްގެ ސަބަބުން ވީކަމެކެވެ. ސޯލިޙަކީ ރީތި ބަސްތަކަކުން ރައްޔިތުންނަށް ވަޢުދުވެފަ މިހާތަނަށް ރައްޔިތުންނަށް އެއްމެ އަނިޔާވެރި ވެރިކަމެއް ކުރި ވެރިމީހާ އެވެ. ނަޝީދަށް ވެރިކަން ލިބުނަސް ވަކި ތަފާތެއް ނާންނާނެއެވެ. ވީމާ ބުއްދިވެރި ގޮތަކީ އެމްޑީޕީގެ ކިބައިން ބަރީއަވެ ސަލާމަތް ވެގެން ހުރުމެވެ. ތިމާގެ ޢާއިލާ އަށް ޓަކައި ވެސް މެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: