ރާއްޖޭގެ މާލީ ހާލަތު ގޯސްވެގެން ގޮސްފައިވާ މި ދަނޑިވަޅުގައި، ގައުމީ އުފެއްދުންތެރިކަން ދަށަށް ދިޔަ މިންވަރު ރަނގަޅަށް ދެނެގަނެވިފައިނުވާކަމަށް ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން، ގައުމުގެ އިގްތިސާދު މިއަދު މިއޮތް މިންވަރަށް ހީނަރުވެ ދައުލަތަށް ވަންނަ އާމްދަނީއަށްވުރެ ހަރަދު އިތުރުވެގެންދިޔަ ސަބަބެއްކަމަށް މިނިސްޓާ އަމީރު ފާހަގަކުރެއްވީ ކޮވިޑް 19 ގެ ބަލިމަޑުކަމާއި އަދި އޭގެ ފަހުން ކުރިމަތިލާން ޖެހިފައިވާ ރަޝިޔާ ޔޫކްރެއިންގެ ހަގުރާމައެވެ. އެއަށްފަހު ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިކަމަށާއި މިކަމުގެ އަސަރު ރާއްޖެއަށްވެސް ކުރިކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
ދަރަނި އިތުރުވުމުގެ ސަބަބުން ރާއްޖެ ބަގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދިނުމާއިއެކު ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެގެން ދިޔައީ، ދައުލަަތަށް ވަންނަ އާމްދަނީ އިތުރު ކުރާނެ ގޮތެއް ނުވަތަ އަމިއްލަ އުފެއްދުންތައް އިތުރުކުރާނެ ގޮތެއް ނުހޯދައި ފައިސާ ހަރަދު ކުރާ މިންވަރު މަތިވެގެންދާތީއެވެ. މިފަދައިން ރައްޔިތުންގެ ކަންބޮޑުވުން އޮތް މިކަމުގައި ފިނޭންސް މިނިސްޓާ އަމީރު ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަން ދަށަށް ދިޔަ މިންވަރު ރަނގަޅަށް ދެނެނުގަނެވޭކަމަށެވެ. އެހެން ނަމަވެސް މި އަހަރު ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަރަދު ގާތްގަނޑަކަށް 6 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އާންމުންނާއި ސަރުކާރުގައި ހިއްސާވާ ބައެއް ފަރާތްތަކުންނާއި އިދިކޮޅު ޕާޓީތަކުންވެސް އަންނަނީ ސިޔާސީ މަގާމުތައް މަދުކުރަން ސަރުކާރަށް ގޮވާލަމުންނެވެ. ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރާނެ ގޮތްތަށް ހޯދާ ހަރަދު ކުޑަ ކުރާނެކަމަށް ވިދާޅުވި ނަމަވެސް އަމީރް ވަނީ މުސާރަތައް ކުޑަކުރަން ނުވިސްނާ ކަމަށް ވިދާޅުވެފައެވެ.
އަމީރު ފާހަގަކުރެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މެނޭޖުކުރެވުނީ ވަރަށް ރަނގަޅަށްކަމަށާއި، މިހެންކަމުން އިގްތިސާދު ދަނީ ކުރިއަރަމުންކަމަށެވެ. އެއާއިއެކު ދެން ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް ކަރެކްޝަނަލް މެޝާރސް ތަކެއް ނުނުގައި ރާއްޖޭގެ މާލީ ކަންތައްތައް މިހާރު ކުރިއަށް މިދާ ސިޔާސަތުތަށް ބަދަލު ކުރަން ޖެހޭކަމަށާއި ނުކޮށްފިނަމަ ގޮންޖެހުންތަކަކާއި ނުވަތަ ގެއްލުންތަކަކާއި ކުރިމަތިވާނެކަމަށެވެ. އަދި މިގޮތަށް ކުރިއަށްދާނަމަ 2023 ވަނަ އަހަރުގައި 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ މާލީ ރިޒާވް ހުސްވެދާނެކަމުގެ އިންޒާރު ދީފައި އޮތް ނަމަވެސް ކުރިއަށް އޮތް 5 އަހަރުދުވަހުގެ މާލީ ރިޒާވް ރާއްޖޭގައި އެބަހުރިކަމަށް މިނިސްޓާ އަމީރު ވިދާޅުވީ ޔަގީންކަމާއިއެކުއެވެ.

