ދިވެހިރާއްޖެއަށް ބޭނުންވަނީ، ގައުމު ބައިބައިކުރާ ހަލަބޮލި ލީޑަރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައިވެސް ބޮޑެތި ބައިބައިވުންތައް އުފެދި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އަދި އެ ޕާޓީގެ އިސް ލީޑަރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާކަން ފާހަގަކުރެވިފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ، ޝަރީފް ވިދާޅުވީ، ދިވެހި ރާއްޖެއަށް ބޭނުން ޖެހިފައިވަނީ، ހަމަ ހިމޭން، އަދި އެންމެނާއިވެސް ގުޅިގެން މަސައްކަތް ކުރައްވާ ލީޑަރެއްކަމަށެވެ.
ދިވެހިރާއްޖެއަށް ބޭނުންވަނީ، އެންމެނާއިއެކު އެއްބައިވަންތައްކަމާއިއެކު، ހަމަޖެހިގެން މަސައްކަތްކުރައްވާ ލީޑަރެއް ކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް މިވަގުތު ބޭނުންވަނީ، މަސައްކަތް ކުރުމުގައި ގާބިލު، އަދި ބަދަލުވަމުން އަންނަ ހާލަތާއެކު، ހިންގުންތެރިކަމަށްވެސް ބަދަލުތަކެއްގެނެސް އަމާން އައްސޭރިއަަކަށް ގައުމު ގެންދެވުމުގެ ހުނަރު ހުންނެވި ލީޑަރެއްކަމަށާއި، ބައިބައިކުރާ ހަލަބޮލި ލީޑަރެއް ރާއްޖެއަށް ބޭނުން ނޫންކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ދިވެހި ރާއްޖެއަށް ބޭނުން ޖެހިފައިވަނީ، ބަދަލުވަމުން އަންނަ ހާލަތާއިއެކު، ހިންގުންތެރިކަން ބަދަލުކޮށް، ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމުގެ ހުނަރު ހުރި، ލީޑަރެއްކަމަށް، ރައީސް ސޯލިހުގެ ފެކްޝަންގައި ހިމެނި ވަޑައިގަންނަވާ، މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވި އިރު، މީގެ ކުރިންވެސް އެނާ ވަނީ ގައުމުގެ ހާލަތު ނަގާލުމަށް، ސިޔާސީ ވާދަވެރިން މަސައްކަތްތައް ކުރަމުންދާކަމަށް ފާހަގަކުރައްވާފައިއެވެ.
ސިޔާސީ ވާދަވެރިން ގައުމުގެ ހާލަތު ނަގާލުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ސަރުކާރު އިނދަ ޖައްސާ، ގައުމު ބަނގުރޫޓު ކޮށްލަން ސިޔާސީ ވާދަވެރިން، އެތެރެއިންނާއި، ބޭރުންވެސް ކުރަމުންދާ މަސައްކަތުގެ ގެއްލުންތައް ކުރިމަތިވަނީ، ރާއްޖޭގެ ރައްޔިތުންނަށް ކަަމަށެވެ. އަދި ބަނޑަށް ޖެހޭނީވެސް ރައްޔިތުންކަމަށްވުމުން، އެކަމާއިމެދު، ފުންކޮށް ވިސްނައި، އެފަދަ އަމަލުތައް ނުހިންގުމަށްވެސް އެނާ ވަނީ ގޮވާލާފައިއެވެ.

