ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައެރުމުގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުން މިލިއަނަށްވުރެ މަތިވާނެ: ހޯނޑެއްދޫ ކައުންސިލް

ގދ ހޯނޑެއްދޫ : ފޮޓޯ ހޯނޑެއްދޫ ކައުންސިލް / އުދައެރުމުގެ ސަބަބުން ރަށަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ކުރި ވިއްސާރައިގައި އުދައަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ގދ ހޯނޑެއްދޫ ދަނޑުތަކަށް ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވިގޮތުގައި މި ޖުލައި މަހުގެ 1 ވަނަ ދުވަހު ރަށަށް އުދަ އެރުމުގެ ސަބަބުން ވަނީ ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ކަމަށާއި  ރަށަކީ ދަނޑުވެރިކަން ކުރާ ރަށަކަށް ވެފައި އުދައިގެ ސަބަބުން ގިނަ ގެތަކުގައިވާ ގޮވާންތައް  ވަނީ ހަލާކުވެގެން ގޮސްފައި ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ގިނަ ރައްޔިތުންނަށް ލިބުނު ގެއްލުން 60 އިންސައްތަ އަށް އަރާކަމަށާއި އެކަމުގެ ސީދާ އަސަރު  ރައްޔިތުންނަށް ކޮށްފައިވާ ކަމަށެވެ.

1980 ވަނަ އަހަރު ހޯނޑެއްދުއަށް ރާޅުއެރިފަހުން ހޯނޑެއްދޫގެ ދިގު ތާރީހުގައި އުދައިގެ ސަބަބުން އެންމެ ބޮޑު އަސަރުތަކެއް ކުރި ފުރަތަމަފަހަރުކަމަށް ވެސް ކައުންސިލްގެ ރައީސް  ވާރިޝް ވިދާޅުވިއެވެ.  އުދައިގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ޑެމޭޖް އެސެސްމެއްޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމުގައި ކައުންސިލްގެ ރައިސް ވާރިޝް ވިދާޅުވިއެވެ.

ހޯނޑެއްދުއަށް ރާޅުއަރައި ލިބުނު ގެއްލުންތަކާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ރާޅުއެރުމުގެ ފުރުސަތު ބޮޑުކަމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ގަބޫލުކުރެއެވެ. ވުމާއެކު ހޯނޑެއްދުއަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވައި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމާއި އުދައިގެ ސަބަބުން ލިބިގެންދިޔަ ގެއްލުމުގެ ބަދަލު ރައްޔިތުންނަށް ހޯދައި ދިނުމަށް ކައުންސިލްގެ ރައީސް ވާރިޝް ވަނީ އެދިލައްވާފައެވެ.

ހޯނޑެއްދުއަށް އުދައެރުމަށް ދިމާވާ މައިގަނޑު ސަބަބެއް ކަމުގައި ރަށުގެ ރައްޔިތުން ގަބޫލުކުރަނީ އެރަށުގައި ކުރީގެ ސަރުކާރުން ގާއިމް ކޮށްފައިވާ ކޯޒްވޭ ކަމުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން އެރަށުގެ ހުޅަނގު އުތުރުފަރާތަކީ ކޯޒްވޭ އާއި ގުޅުނު ސަރަހައްދެވެ. ދިޔަވަރު ބޮޑުވާ ކޮންމެ ވަގުތެއްގައި އެ ސަރަހައްދަށް ލޮނުވަދެ އެ ހިސާބު އެއްކޮށް ހަ ހެކްޓަރު ބިމުގެ ދިރުން ގޮސްފައިވާ ކަމަށް ރަށު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުއާޒް މުހައްމަދު ވިދާޅުވިއެވެ. މުއާޒްގެ ވާހަކައިގައި ވިދާޅުވެފައިވަނީ އެގޮތަށް ދިމާވާން ފެށީ ކޯޒްވޭ ގާއިމްކުރި ފަހުން ކަމަށެވެ.

ކޯޒްވޭ ހެދުމުގައި އީއައިގޭ ގެ ރިޕޯޓްގައި ލަފާތަކެއް ދީފައިވި ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމަޝްރޫއު ހިންގާފައިވަނީ އެކަމަށް ނުބަލާ ކަމަށާއި އެކަމުގެ ސަބަބުން ކޯޒްވޭ ސަރަހައްދަށް  އާއްމުކޮށް އުދަ އެރުމުގެ މައްސަލަ ވަނީ ކުރިމަތިވެގެން ގޮސްފައެވެ. އެހެންކަމުން އެކަން ހައްލުކުރުމުގެ ގޮތުން އޮއިދެމޭ ގޮތަށް ބަދަލުކޮށްދިނުމަށް މުއާޒް ވަނީ ސަރުކާރުގައި އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.

އުދައެރުމުގެ ސަބަބުން ހޯނޑެއްދުއަށް ގުނާ އަދަދު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެރަށުގެ ހާލަތު ނުބަލައި އެއަތޮޅު މަޑަވެލީގެ ހާލު ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ބައްލަވާލެއްވުމާއި ގުޅިގެން ރަށުގެ ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައެވެ.

މިހާދިސާގައި މިހާތަނަށް ސަރުކާރުގެ ފަރާތުން މާބޮޑު އެހީތެރިކަމެއް އަދި މިހާތަނަށް ކައުންސިލަށާއި ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އުދައިގެ ސަބަބުން ހޯނޑެއްދޫގެ ދަނޑުބިން ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އެ ސަރަހައްދުގައިވާ ގިނައަދަދެއްގެ ގޮވާމުގެ ބާވަތްތައް ވަނީ މުޅިން ހަލާކުވެގެން ގޮސްފައެވެ.

ހޯނޑެއްދުއާއި މަޑަވެލި ގުޅާލުމަށް އެޅި ކޯޒްވޭގެ ސަބަބުން އެސަރަހައްދަށް ރާޅުއަރައި  ހަލާކުވާއި ގުޅިގެން ދަނޑުވެރިކަން ކުރާ ދަނޑުވެރިންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން ރަށުގައި ހައްދާ ބިލަތުގެ 90 އިންސައްތަ ގަސް ހަލާކުވެގެން ގޮސް 70 އިންސައްތަ ބަނބުކެޔޮ ގަސް ވަނީ އުދައިގައި މަރުވެގެން ގޮސްފައެވެ.

ހޯނޑެއްދޫއަކީ މަސްވެރިކަން ތިޔާގި ރަށެއް ނޫންކަމުން އާއްމުންގެ ތެރެއިން ގިނަބަޔަކު އާމްދަނީ ހޯދުމަށް މައިގަނޑު ކޮށްއުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުން ނަފާ ހާސިލް ކުރަމުން ދިޔަ ގިނަ ފަރާތްތަކުގެ މަސައްކަތް މިވަނީ ހުއްޓި އާމްދަނީ ލިބުމަށް އޮތް މަގު ހަނިވެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މާލީ ފުދުންތެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

މީގެ އިތުރުން ކޯޒްވޭގެ ސަބަބުން ވިއްސާރަވެ މޫސުން ގޯސްވާ ކޮންމެ ފަހަރަކު ރާޅުއަރައި އެސަރަހައްދު އެއްކޮށް ފެންބޮޑުވާ ކަމަށާއި ނަމަވެސް މި ފަހަރު އުދަ އެރިފަހުން ރަށުގެ ދެބައިކުޅަ އެއްބަޔަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

ހޯނޑެއްދޫގައި ފަސް ކުޅި އޮންނަ އިރު އުތުރުފަރާތުގައި އޮންނަ ކުޅިތަކަށް ތެރެއަށް ލޮނުވަދެ ކުޅިތައް ބަންޑުންވެ އެހިސާބުގައި މީހުންދިއިރުޅޭ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ދެކުނު ފަރާތުގައި ވާ ހުރިހާ އޮޅުތަކެއް ވަނީ އެއްކޮށް ނެތިގެން ގޮސްފައިކަމަށް ރަށުގެ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. ބޮޑުމިނުގައި 3.186 ހެކްޓަރު ހުންނަ މި އޮޅު ވަނީ އުދައެރުމުގެ ސަބަބުން އެއްކޮށް ހަލާކުވެގެން ގޮސްފައެވެ.

އެރަށުގެ ބައެއް ރައްޔިތުން މައުލޫމާތު ދީފައިވާ ގޮތުގައި ރަށުގައި ދަނޑުވެރިކަން ކުރާ ސަރަހައްދަށް ފެނުގެ އަސަރުކޮށްފައިވަނީ ދަނޑުތަކުން ފެން ބޭރުކުރުމަށް ކުރީގެ ކައުންސިލުން ކަނޑާފައިވާ ކޯރުތަކުގެ ސަބަބުން ލޮނުވަދެ ހުރިހާ ދަނޑެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައެވެ. ދަނޑުތަކުގެ އިތުރުން ރަށުގެ ބައެއް ގޭގެއާއި އެކި އިމާރާތް ތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ތައް ވަނީ ލިބިފައެވެ.

ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން ގެއްލުން ލިބުނު 58 ގޭގެ އެސިސްމެންޓް ހަދާ ނިމިފައިވާއިރު އެ ގެތަކަށާއި މުޅި ޖުމްލަ ކޮށް ކާރިސާގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މައްޗަށް އަރާނެ ކަމަށް  ހޯނޑެއްދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވަމުންދާ ވިއްސާރައާއި އުދައެރުމުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. އަދި އެފަދަ ހާދިސާތަކުން ލިބޭ ގެއްލުންވެސް ވަރަށް ބޮޑެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: