ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މަޝްވަރާތައް ކުރިޔަށް!

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛު ކުރުމަށްޓަކައި އެކުލަވާލާފައިވާ ހައިލެވެލް ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ” ގެ ފުރަތަމަ ބައްދަލުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ބާއްވަވައިފި އެވެ.

ޖެންޑަރ އިކުއަލިޓީ ގާނޫނު ގެ 41 ވަނަ މާއްދާގެ (ހ) ދަށުން އެކުލަވައިލައިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީއީއޭޕީ) ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ “ހައިލެވެލް ސްޓިއަރިންގ ކޮމިޓީ” މިއީ ފުރަތަމަ ބައްދަލުވުމެވެ. ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ސޯލިހު ވަނީ ކޮމިޓީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން މި އަހަރު ފެބުރުވަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ޖެންޑާރ މިނިސްޓްރީން ފާހަގަކުރި އެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަށް އަހުލުވެރި ކުރުމަށް ގިނަ އިދާރާތަކަށް މައުލޫމާތުގެ ސެޝަންތައް ކުރިއަށްގެންދިޔަކަމަށް މިިނިސްޓްރީންގެ ބޭފުޅުން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއެލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެމްޖީއީއެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި، ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއެލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް ބޭނުން ކުރާ ނިޒާމެއްކަމުގައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) ވަނީ ފާސްކޮށްފައެވެ. މި ނިޒާމުގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑަރ ޕެރިޓީ ގާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ އިންޑެކްސްއެއް ތައާރުފު ކުރެވިގެންދާނެއެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކާއި، ގާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރާ ގާނޫނުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޒުކޮށް، އެ އިދާރާއެއްގައި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު އައްޔަނު ކުރާނެއެވެ.

ހަމަ އެއާއެކު، އަންނަ އަހަރަށް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވެސް ވަނީ ފާސްކޮށްފައެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމުގައި ކޮމިޓީގެ މެންބަރުން ވިދާޅުވި އެވެ.

“ހައިލެވެލް ސްޓިއަރިންގ ކޮމިޓީ” ގެ މަގްސަދަކީ ގައުމީ ފެންވަރުގައި އަމަލު ކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރަމުންދާ މިންވަރު މޮނިޓާކޮށް، އިތުރަށް ހަރުދަނާ ކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: