މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓް މިފަހަރު ބާއްވާނީ ކޮވިޑް19 ގެ ކޭސްތައް މަދުވުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމަށް އިއުލާން ކުރެވުނު ކަމުގައި ވީނަމަވެސް ކޮވިޑާއި ޑެންގޫ ފަދަ ރޯގާތައް ގިނަ ދުވަސްވަރު ނައިޓް މާކެޓް ނުބާއްވާނެކަމުގައެވެ. މާލޭގައި ނައިޓް މާކެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 20 ގެ މެންދުރު 2 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށައަޅަން ވަނީ އެދިފައެވެ.
ނަމަވެސް މިދުވަސްވަރު ނައިޓް މާކެޓް ނުބޭއްވުމަށް މުއިއްޒު ވަނީ ނިންމާފައެވެ.
ނިމިދިޔަ ރޯދަމަހާއި ދިމާކޮށް އަދި ރޯދަ މަހުވެސް ކައުންސިލުން ނައިޓް މާކެޓް ބާއްވަން މަސައްކަތް ކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ، ނައިޓް މާކެޓް ނުބާއްވައި އޭރުވަނީ ކެންސަލްކޮށްފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ފާހަގަ ކުރި އިންތިޒާމްތައް ހަމަޖައްސަން ދަތިވި ކަމާއި ރޯދަ މަހު ބާއްވަން އޮތް ނައިޓް މާކެޓަށް ތަރުހީބު ނުލިބުނު ކަމެވެ.
ކައުންސިލުން އިންތިޒާމް ކޮށްގެން އެންމެ ފަހުން ނައިޓް މާކެޓެއް ބޭއްވީ އާއަހާރާއި ދިމާކޮށް މިދިޔަ ޑިސެމްބަރުމަހުގައެވެ. އެ ނައިޓް މާކެޓަށް ލިބުނު ތަރުހީބާއި ގުޅިގެން މުއްދަތު އިތުރު ކުރަމުން ގޮސް ނިންމާލީ ޖެނުއަރީގައެވެ.

