ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ދިވެހިރާއްޖޭގެ، ހަރަދަށް ޒިންމާވާ ގާނޫނާއި ހިލާފުވަމުންދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތު ދަށަށްގޮސް، އެ ގައުމުގެ ރިޔާސީ ގަނޑުވަރަށްް ރައްޔިތުން ވަދެ، ބޮޑު ވަޒީރު ދިރިއުޅުއްވާ ގެކޮޅުވެސް ރޯކޮށްލާފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ ހާލަތު ބަޔާންކޮށްފައިވާ ހަބަރަކަށް އިޝާރާތް ކުރައްވާ، ދިވެހިރާއްޖޭގެ ހާލަތަކީ ކޮބައިތޯ އިބްރާހިމް ރަޝީދު ސުވާލު އުފެއްދިއެވެ.
ދިވެހިރާއްޖެވަނީ ދަރަނީގެ ދަންތުރައެއްގައިތޯ ސުވާލުކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އަންނަނީ، ދިވެހި ގާނޫނުގައިވާ ހަރަދަށް ޒިންމާވުމުގެ މާއްދާއާއި ހިލާފަށް އަމަލުކުރަމުންކަމަށެވެ. އަދި ޖުމުލަކޮށް ދަރަނީގެ ގޮތަށް، ލޯނުތަކާއި، ލޯނުތަކުގެ ގެރެންޓީތަކަށް، ލޯނު ޝާކުން އަތުން ލިމިޓެއް ނެތް ގޮތަށް ލޯނުތަކެއްވެސް ނަގަމުންދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، އުސޫލެއް ނެތި، ދިވެހި ދައުލަތުގެ ދަރަނިތައް އިތުރު ކުރަމުންދާކަމަށް، އިބްރާހިމް ރަޝީދު ވިދާޅުވިއިރު، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންވެސް ރައީސް ސާލިހަށް މިފަދަ މޭރުމަކުން ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ، ރައީސް ސާލިހު ފައިސާ ޗާޕު ކުރާ މެޝިނެއް ގެންގުޅުއްވި ަނަމަވެސް، މި ދަނޑިވަޅަކީ، ޗާޕުކޮށްގެން ދިވެހިރާއްޖޭގެ ހާލަތު ގޯސްވިޔަނުދީ ހިފެހެއްޓޭނެ ދަނޑިވަޅެއް ނޫންކަމަށެވެ. އަދި، ދެވަނަ ސްރީލަންކާއަކަށް ނުހެއްދެވުމަށް ރައީސް ސާލިހަށް އިލްތިމާޒް ކުރައްވާކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.

