ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ހަމަނުޖެހުމަކަށްފަހު، ސްރީލަންކާގެ ރައީސް އިސްތިއުފާދޭން ނިންމައިފި

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ހިންދުސްތާން ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ގައުމު ހަލަބޮލިވެ އެތައް ހަމަނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި، ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު، ސްރީލަންކާގެ މާލީ ހާލަތުވަނީ އިންތިހާއަށް ދަށަށް ގޮސްފައިއެވެ. އެ ގައުމުގެ ސަރުކާރުން، ލޯނުތަކުގެ މައްޗަށް ލޯނު ނެގުމުގެ ސަބަބުން، ދަރަނިތައް އަތު ނުޖެހޭ ހިސާބަށް ގޮސްފައިވާ އިރު، ލޯނު ނަގައިގެން ހިންގަން ފެށި މަޝްރޫއުތައް، ސަރުކާރުގެ އިހުމާލުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުންވެސްވަނީ އަޑިއަޅާލާފައިއެވެ. އަދި ފައިސާ އަނބުރާ ދެއްކުމުގައި ދަތިތައް ކުރިމަތިވެ އިތުރު ލޯނުތަކެއް ހޯދުމަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

މާލީ ހާލަތު ގޯސްވެފައިވާ ސްރީލަންކާގެ ސަރުކާރަށްވަނީ، އެ ގައުމަށް ބޭނުންވާ، ތެޔޮ ފަދަ ޒަރޫރީ އާލާތްތައް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިއެވެ. އެކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލު ކުރަންޖެހި، އެކަމުން އަރައިނުގަނެވުމުން، ރައްޔިތުންތައްވަނީ މަގުތައް މައްޗަށް ނުކުމެ، ސަރުކާރުގެ އިސްވެރިންނާއި، ރައީސް ގޯޓަބަޔާގެވެސް އިސްތިއުފާއަށް ގޮވާލައިފައިއެވެ. އަދި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާ މީހުން މަރުވެފައިވީނަމަވެސް، އެނާ ވަނީ އިސްތިއުފާ ނުދެއްވާ ހާލަތު ރަނގަޅުކުރާނެކަމަށް ވިދާޅުވެފައިއެވެ.

ސްރީލަންކާގެ ރައްޔިތުންގެ އަޑުއެހުމެއް ނެތި، ހާލަތު ރަނގަޅުކުރާނެކަމަށް ބުނެ އިސްތިއުފާ ދިނުމަށް ދެކޮޅު ހައްދަވާފައިވަނިކޮށް، ރައީސް ގޯޓަބަޔާގެ ކޮއްކޮ، އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ދިރިއުޅުއްވި ގެކޮޅަށް ބަޔަކު މީހުންވަދެ، އެނާއަށް ހަަމާލާތަކެއް ދިނުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަންވަނީ ނާކާމިޔާބުވެފައިއެވެ. އެނާ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން ގައުމުގެ ބޮޑު ވަޒީރުކަމަށް އައްޔަނު ކުރެއްވީ މަހިންދަ ރާޖަޕަކްސާއާއި ގާތް ގުޅުމެއް އޮންނަ ރަނިލް ވިކްރަމަސިންހެއެވެ.

ރާޖަޕަކްސާ އައިލާއާއި ގާތް ގުޅުމެއް އޮންނަ، ރަނިލް ވިކްރަމަ ސިންހެ ސްރީލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް އައްޔަނުވުމުންވެސް ގިނަ ބަޔަކުގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. އެގޮތުން އެނާ އާކީ ރާޖަޕަކްސާ އާއިލާ އާއި، މާ ގާތްކޮށް އުޅުއްވާ ބޭފުޅެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ. ރަނިލްވަނީ އައްޔަނު ވުމާއި އެކު، ރައީސް ގޯޓަބަޔާ ވިދާޅުވި ފަދައިން އެ ގައުމުގެ ހާލަތު ރަނގަޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެނާ ހުންނަވައިގެން ހާލަތު އިތުރަށް ދަށަށް ގޮސް، އެ ގައުމުވަނީ ބަނގުރޫޓުވެފައިކަމަށްވެސް އިއުލާނުކުރެވިގެންދިޔައެވެ.

ސްރީލަންކާ ބަނގުރޫޓުވެފައިވާކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހެ އިއުލާނު ކުރެއްވުމުން ގިނަ އަދަދެއްގެ މީހުންވަނީ މަގުތައް މައްޗަށް ނުކުމެ އަނެއްކާވެސް ރައީސް ގޯޓަބަޔާ އަދި، އެނާގެ ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލައި، އެނާ ދިރިއުޅޭ ރިޔާސީ ގަނޑުވަރާއި ހަމައަށް ދިއުމަށް މަސައްކަތްތަކެއްކޮށްފައިއެވެ. މުޒާހަރާގެ ބައިވެރިންތައް ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ނުކުމެތިބެ، ބާރުގެ ބޭނުން ކުރި ނަމަވެސް، ރުޅިގަދަވެފައިވާ ރައްޔިތުން ހުއްޓުވަން އެމީހުންވަނީ ނާކާމިޔާބުވެފަައެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ދިރިއުޅޭ ރިޔާސީ ގަނޑުވަރާއި ހަމައަށް ދިއުމަށް މިސްރާބުޖެހި ރައްޔިތުނާއި، ހުއްޓުވަން ނުކުމެ ތިބި ފުލުހުންނާއި ދޭތެރޭ ހަމަ ނުޖެހުންތައް ހިނގައި، ސާޅިހަކަށް މީހުންނަށްވަނީ އެކި ވަރުގެ އަނިޔާތައްވެސް ލިބިފައިއެވެ. ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ނުހުއްޓުވި އެމީހުންވަނީ، ރިޔާސީ ގަނޑުވަރު ތެރެއަށް ވަދެ އެތަން ހިސޯރުކޮށްފައިއެވެ. އެގޮތުން ބައެއް ފަރާތްތައް ގޯޓަބަޔާގެ އެނދުގައި ނިދާ މަންޒަރާއި ޕޫލު ބޭނުންކުރާ މަންޒަރުވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.

ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެގަތް އިރު، ރައީސް ގޯޓަބަޔާވަނީ، އެތަން ދޫކޮށް، ވަޑައިގަންނަވާފައިއެވެ. އެނާ ވަޑައިގެންނެވީ ކޮންތާކަށް ކަމެއް އެއްވެސް ފަރާތަކަށް އިންގިފައިނުވެއެވެ.

ރައީސް ގޯޓަބަޔާ ދިރިއުޅޭ ރިޔާސީ ގަނޑުވަރަށް ރައްޔިތުންތަކެއް ވަނުމާއި ގުޅިގެން، އެ ގައުމުގެ ސިޔާސީ ލީޑަރުންވަނީ، ކުއްލި ބައްދަލުވުމެއް ބާއްވާފައިއެވެ. މި ބައްދަލުވުމުގައި އިންޓަރނެޓު މެދުވެރިކޮށް، ބޮޑު ވަޒީރު ރަނިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާ އިސްވެ ހުންނަވައިގެން ކުރައަށްގެންދިޔަ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ސްރީލަންކާގެ ރައީސް އަދި ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދުމަށްވަނީ ނިންމިފައިއެވެ. އަދި ގާނޫނުގައި ވާގޮތަށް ވަގުތީ ގޮތުން، މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރދަނާ އެގައުމުގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްވެސް ވެރިންގެ ބައްދަލުވުމުގައި ނިންމިއެވެ.

ސްރީލަންކާގެ ސިޔާސީ ޕާޓިތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ވަގުތުތަކެއް ކުރިން، އެ ބައްދަލުވުމުގެ ނިންމުމަށް އިހްތިރާމް ކުރައްވާނެކަމަށް ރައީސް ގޯޓަބަޔާ ވަނީ ވިދާޅުވެފައިއެވެ. ސިޔާސީ ޕާޓިތަކުގެ ވެރިން، ރައީސް ގޯޓަބަޔާ އަދި ބޮޑު ވަޒީރު ރަނިލްގެވެސް އިސްތިއުފާއަށް އެދުމަށް ނިންމުމާއި ގުޅިގެން އެ ބައްދަލުވުމުގައި ބައިވެރިވެ އިންނެވި ރަނިލް ވަނީ، އެކަމަށް އިހްތިރާމް ކުރައްވާ، ގައުމުގެ ސަލާމަތައްޓަކައި، އެނާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުން ރަނިލް ވިކްރަމަ ސިންހަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެން ދަނޑިވަޅުގައި އެ ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައްވަނީ އިތުރުވެފައިއެވެ. އެގޮތުން ރުޅި އިސްކޮށް، ބަޔަކު މީހުންވަނީ ރަނިލްގެ އަމިއްލަ ގެކޮޅަށް ވަދެގަނެ، އެގޭގައި ހުޅުޖަހާ ރޯކޮށްލާފައިއެވެ. ސްރީލަންކާގެ ގިނަ ސިޔާސީ ޕާޓިތަކުގެ އިސްވެރިންވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިއެވެ.

ބޮޑު ވަޒީރު ރަނިލް ދިރުއުޅޭ ގެކޮޅު ރޯކޮށްލުމާއި ގުޅިގެން ގިނަ ވަގުތުތަކެއް ނުވެ، އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ އެނާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް އެގައުމުގެ މަޖިލީހުގެ ރައީސް މަހިންދަ އަބޭވަރދަނާ އިއުލާނު ކުރެއްވިއެވެ. އެނާ ވިދާޅުވެފައިވާގޮތުން، ޖުލައި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާދެއްވާނެކަމަށް ރައީސް ގޯޓަބަޔާ ވަނީ ވިދާޅުވެފައިއެވެ. އެހެން ނަމަވެސް، މި ކަމާއި ގުޅޭ ގޮތުން، ރައީސް ގޯޓަބަޔާ އަމިއްލަފުޅައް އެއްޗެއް ވިދާޅުވެފައިނުވާކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: