ލަންކާގެ ދާހިލީ ކަމެއްގެ ތެރެއަށް ވަދެވަޑައިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ފިލައިގެން ރާއްޖެއަށް އައުމަށް އެހީތެރިވި މައްސަލައިގައި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން ބަހެއް ބުނުމަށް ދެކޮޅު ހަދައިފި އެވެ.
ދަރަނީގެ ނިސްބަތާއި، އިންފްލޭޝަން މަތިވެ ބަނގުރޫޓުވެފައިވާ ލަންކާގައި ސިލްސިލާ މުޒާހަރާތަކެއް ކުރިޔަށް ދާއިރު ގައުމުގެ ރައްޔިތުން ގޮވާލަނީ ރާޖަޕަކްސާގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާ ކުރުމާއި، ނޫސްވެރިންނަށް ފުރައްސާރަކޮށް ލަންކާގެ ސިފައިން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. ލަންކާގައި އަސާސީ އެތައް ހިދުމަތްތްތަކެއް މަޑުޖެހިފައިވީ ނަމަވެސް ރާޖަޕަކްސާ އިސްތިއުފާ ދިނުމަށް ބޭނުން ނުވެ އެވެ.
މިވަގުތު ލަންކާގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައިވާ ރަނިލްގެ ދިފާއުގައި ވެސް ޓްވީޓުތަކެއް ކުރެެއްވި ނަޝީދަށް އޭގެ ސަބަބުން ފާޑުކިއުން އަމާޒުވި އެވެ. ލަންކާ ހަމައަކަށް އެޅުވުމުގެ ފުރުސަތު ދޭން ޖެހޭކަމަށް ވިދާޅުވި ނަޝީދު، ރާޖަޕަކްސާ އާއި އޭނާގެ އަންހެނުން އަދި ދެ ބޮޑީގާޑުން ފިލައިގެން ރާއްޖެއަށް އެތެރެވުމުގައި ބޮޑު ދައުރެއް އަދާ ކުރި އެވެ.
ދުނިޔޭގެ އެތައް މީޑިއާއެއްގެ ސަމާލުކަން ހުއްޓިފައިވާ މި މައްސަލައަށް އަމާޒުކޮށް ލަންކާގެ ވައިގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާޖަޕަކްސާ އަސްކަރީ ޖެޓެއްގައި އެ ގައުމުން ފުރައިގެން ރާއްޖެ އައީ ދަންވަރު 3:00 ހާއިރު ކަމަށެވެ.
މިއަދަކީ ގޮތަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވީ ދުވަސް ނަމަވެސް، ނަޝީދުގެ ނުފޫޒާއި އެކު މިހާރު އެކަމުގެ މާބޮޑު ޔަގީންކަމެއް ނެތްކަމަށް ލަންކާގެ މީޑިއާތަކުން ބުނެ އެވެ.
ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ރައްޔިތުން ލަންކާގައި ދިރިއުޅެމުން ދިއުމާއި، އަދި ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ނަޝީދު ވަދެވަޑައިގަތުމުގެ ސަބަބުން ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އަދި މިއީ ހަމައެކަނި ނަޝީދުގެ ނިންމުމެއް ނޫންކަމަށާއި، ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތްތަކުގެ ވެސް ބާރު ކަމުގެ ތެރޭގައި އޮންނާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
@MohamedNasheed and @RW_UNP have been good friends ever since Ranil Wickremesinghe who was Prime Minister in 2016 allowed Nasheed to travel to UK via Colombo where he sought political asylum. https://t.co/qqjsKcPJyQ pic.twitter.com/IwpUzuMmTP
— Munza Mushtaq (@munza14) July 12, 2022
ރޭ ދަންވަރު ނަޝީދު އެއާޕޯޓުގެ ވީއައިޕީއަށް ވަޑައިގެންނެވިއިރު، ގޮތަބަޔާ ރާއްޖެ އައި އަސްކަރީ ބޯޓު ވީއައިއޭއަށް ޖެއްސުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ސަރުކާރުންކަމަށް މައުލޫމާތު ލިބެ އެވެ. އަދި އެކަން ރޭ ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ ގުރޫޕުގައި ނޫސްވެރިން ސުވާލު ކުރި އެވެ. ނަމަވެސް މީޑިއާ އޮފިސަރަށް ގުޅުމުން ވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.
ލަންކާގެ ނޫސްވެރިން ސިފަ ކުރާގޮތުުގައި މިއީ ރާޖަޕަކްސާގެ އާއިލާއާއި ގާތް ގުޅުމެއް އޮތުމުގެ ސަބަބުން ނަޝީދު ވި އެހީތެރިކަމެކެވެ. ނަމަވެސް މިއީ ހެޔޮވެރިކަމަކަށް ވަކާލު ކުރާ ނަޝީދުގެ ފަރާތުން ފެނުނު ވަރަށް ނޭދެވޭކަމެއްކަން ފާހަގަ ކުރި އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން ގޮޓަބަޔާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އިންޑިއާއަށް ދިއުމަށެވެ. ނަމަވެސް އެ ގައުމުން އެ ހުއްދަ ނުލިބުނީ އެވެ. މި ވާހަކަތައް ސީދާ ކަށަވަރު ނުވީ ނަމަވެސް އެގައުމުގެ ހައިކޮމިޝަނުން ބުނީ އިންޑިއާއިން ގޮޓަބަޔާ ފުރަން މަގުފަހިކޮށްދިން ކަމަށް ބުނާ މީޑިއާ ރިޕޯޓްތައް ދޮގު ކުރާކަމަށެވެ.
High Commission categorically denies baseless and speculative media reports that India facilitated the recent reported travel of @gotabayar @Realbrajapaksa out of Sri Lanka. It is reiterated that India will continue to support the people of Sri Lanka (1/2)
— India in Sri Lanka (@IndiainSL) July 13, 2022
މި މައްސަލައިގައި ”ސަންގު“ ގެ ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ސަރުކާރުގެ ތަރުޖަމާނު މަބުރޫކް އަޒީޒަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް ފޯނަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ރައީސް އޮފީހުގެ މީޑިއާ ޑިޕާޓުމަންޓުގެ އެހެން ބޭފުޅުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނު ނުނަންގަވަ އެވެ.
މީގެ އިތުރުން އެމްއެންޑީއެފްގެ އެކި ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވެސް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގެ ގިނަ ބަޔަކު ދަނީ ރައީސް ނަޝީދުގެ ބަހެއް މިކަމުގައި ލިބިފައި ނުވާތީ ފާޑުކިއުން އަމާޒު ކުރަމުންނެވެ.

