ޔޯގާޑޭގައި ހިނގި ހަމަނުޖެހުމުގައި ހައްޔަރުކޮށްފައިވާ ޝައިހް ނިޝާންގެ ބަންދަށް ފުރަތަމަ ކޯޓުން ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ދީފައިވަނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަސް މީގެ ކުރިން ވަނީ ދީފައެވެ.
މިއަދު ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް 16 ދުވަސް ޖަހައިފައެވެ.
ޝައިހް ނިޝާން ހައްޔަރުކުރި ވީޑިއޯ ޝޯސަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޝައިހް ނިޝާން ހައްޔަރުކުރުމަށް ފުލުހުން ދިޔައީ އޭނާގެ 8 އަހަރުގެ ދަރިފުޅާއެކު ނަމާދަށް ދަނިކޮށެވެ. އެކަމުގެ ސަބަބުން އޭނާގެ ދަރިފުޅަށް ވަނީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައެވެ.
ޖޫން މަހުގެ 21 ވަނަ ދުވަހު ހިނގި ޔޯގާޑޭގެ ހަަމަ ނުޖެހުމާއި ގުޅިގެން ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ހައްޔަރުކޮށްފައިވާއިރު ޔޯގާ ހަރަކަރާތް ހުއްޓުވަން ދިޔަ މީހުންނަށް ޝައިހް ނިޝާން ދެމުންދިޔަ އިރުޝާދާއި ހިލާފުވެ ހަމަނުޖެހުން ހިންގަން ފެށުމުން އެމީހުންނަށް ނަސޭހަތްތެރިވުމަށް މަސައްކަތްކޮށްފައިވާ ކަމަށް މީގެ ކުރިން ޝައިހް ނިޝާން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝައިހް ނިޝާން ބަންދުގައި ބެހެއްޓުމަށް އެއްވެސް ހެއްކެއް ފުލުހުންނަށް މިހާތަނަށް ދެއްކިފައި ނުވެއެވެ.
މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.

