ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ޑޮލަރުގެ ކަޅު ބާޒާރު ފުޅާ ކުރަމުންދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ދިވެހިރާއްޖެގައި ޑޮލަރުގެ ކަޅުބާޒާރުގެ އަގުތައް އުފުލިގެންގޮސް، ވަގު ނޯޓުގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމަށް ބައެއް މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި އިބްރާހިމް ރަޝީދު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން، ޑޮލަރުގެ ކަޅުބާޒާރު އިތުރަށް ފުޅާ ކުރަމުންދާކަމަށެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ތެރޭގައި ނޭދެވޭ އަމަލުތަކެއް ހިންގަމުންދާކަމަށް އިޝާރާތް ކުރައްވާ އެނާ ވިދާޅުވީ، ގައުމުގެ ފޮރިން ރިޒާވްވަނީ، ”ކޮރަޕްޝަނާ ތާރަ ކޮންކްރީޓަށް“ ބަދަލުކޮށްފައިކަމަށެވެ.
ސަރުކާރުގެ ކުންފުންޏެއްކަމަށްވާ، އާރްޑީސީން ނޭދެވޭ އަމަލުތަކެއް ހިންގަމުންދާކަމަށް އިޝާރާތްކުރައްވާ، އެ ކުންފުނީގެ އަމަލުތަކުން، ޑޮލަރުގެ ވަގު ވިޔަފާރި ފުޅާވަމުންދާކަމަށް ފާހަގަކޮށް، އިބްރާހިމް ރަޝީދު ވިދާޅުވީ، ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް އުފުލިގެންދާއިރު، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަކަށް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނުތައް ތަންފީޒު ކުރަމުންދާ މަންޒަރުވެސް އެނާ އަށް ފެނިވަޑައިނުގަންނަކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ކަޅުބާޒާރު އިތުރަށް ފުޅާކޮށް ގައުމުގެ ފޮރިންރިޒާވް, ކޮރަޕްޝަނާ ތާރާ ކޮންކުރީޓަށް ބަދަލުކުރަމުންދާއިރު އަދި ތަކެތީގެ އަގު އިންތިހާއަށް މައްޗަށްދާއިރު މިކަން ހުއްޓުވާން އެމްއެމްއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނުތައް ތަމްފީޒު ކުރާތަނެއް ނުފެނޭ ! pic.twitter.com/Q5K4IttFGP
— Ibrahim Rasheed (@BondeM4) July 20, 2022
މާލީ ނިޒާމްތެރޭން ހިންގާ މިފަދަ ބޮޑެތި ކޮރަޕްޝަންތައް ހުއްޓުވާން ވަރަށް ބުރަ މަސަތްކަތްތަކެއް އެމްއޭމްގެ ގަވަރނަރ ކުރައްވާކަން ވެސް ފާގަކުރެވޭ. ލަސްނުކޮށް މިކަން ވެސް ހުއްޓުވާ ކޮޅެއްގައި ޖައްސާނެކަމަށް އުންމީދުކުރަން .
— Ibrahim Rasheed (@BondeM4) July 20, 2022
ދިވެހިރާއްޖޭގައި ޑޮލަރުގެ ވަގު ވިޔަފާރި ފުޅާކުރުމުގައި ސަރުކާރުގެ ކުންފުނިތަކުން އިސް ރޯލެއް އަދާ ކުރަމުންދާކަމަށް ތުހުމަތު ކުރައްވާ، އެފަދަ އަމަލުތައް ހުއްޓުވުމަށް އެމްއެމްއޭއަށް ލާޒިމް ކޮށްފައިވާ ގާނޫނޫތައް ތަންފީޒު ކުރަމުންދާތަން ނުފެންނަކަމަށް ފާހަގަކުރެއްވި ނަމަވެސް، އިބްރާހިމް ރަޝީދު ވިދާޅުވީ، މާލީ ނިޒާމުގެ ތެރޭގާއި ހިންގާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެމްއެމްއޭގެ ގަވަރނަރު މަސައްކަތް ކުރައްވާކަމަށެވެ. އެހެނަކަމުން ޑޮލަރުގެ ވަގު ވިޔަފާރު ކުރުންވެސް ހުއްޓުވުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށްވެސް އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.
މިރާއްޖޭގެ ހާލަތަކީ ކޮބާތޯ ؟ ދަރަނީގެ ދަންތުރަ؟
2016 ވަނަ އަހަރުން ފެށިގެން ހަރަދަށް ޒިންމާވާ ގާނޫނާ ހިލާފަށް ކުރީ ސަރުކާރާ މިސަރުކާރު ވެސް ދަނީ އަމަލު ކުރަމުންނެވެ.
ޖުމްލަ ދަރަނީގެ ގޮތުގައި ލޯނާއި ލޯނު ގެރެންޓީ އަށް ލިމިޓެއްނެތި ލޯނުޝާކުންގެ އަތުން ލޯނުވެސް ދަނީ ނަގަމުން ! https://t.co/3Szvt7L2K5— Ibrahim Rasheed (@BondeM4) July 9, 2022
ސަރުކާރުގެ ކުންފުނިތަކުން އަމަލު ކުރާ ގޮތުން، ދިވެހިރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު ފުޅާވަމުންއަންނަކަމަށް އިބްރާހިމް ރަޝީދު ތުހުމަތު ކުރައްވާފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރަށް އަމާޒުކޮށް އެނާ ގިނަ ތުހުމަތުކެއް ކުރައްވާކަން ފާހަގަކުރެވެއެވެ. އެގޮތުން ދާދި ފަހުން އެނާ ވަނީ، 2016 ވަނަ އަހަރުންފެށިގެން ރައީސް ސާލިހުގެ ސަރުކާރުން، ރާއްޖޭގެ ހަރަދަށް ޒިންމާވާ ގާނޫނާއި ހިލާފުވަމުން އަންނަކަމަށްވެސް ތުހުމަތު ކުރައްވާފައިއެވެ. އަދި ލިމިޓެއް ނެތި، ”ލޯނު ޝާކުންގެ“ އަތުން ލޯނުތައް ނަގަމުންދާކަމަށްވެސް އެނާ ވަނީ ތުހުމަތު ކުރައްވާފައިކަން ފާހަގަކުރެވެއެވެ.

