ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއީ ހިލާފުވެއްޖެނަމަ ގާތް މީހެއް ދުރުމީހެއް ނުބަލާ އަދަބުދީ: ޑރ އިޔާޒް

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި، އިސްލާމް ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް، ގާތް މީހެއް ދުރުމީހެއް ތަފާތު ކުރުމެއްނެތި، އިންސާފު ގާއިމުކޮށްދެއްވުމަށް، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިލްތިމާޒް ކުރައްވައިފިއެވެ.

ދާދި ފަހުން، ލީކުވެގެންދިޔަ ވީޑިއޯތަކުގައި، ސިޔާސީ އިސްވެރިނާއި، ސަރުކާރުގެ މުއައްސަސާތަކުގެވެސް އިސްވެރިން، އެއްޖިންސުން ގުޅުން ހިންގުންފަދަ އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގާ މަންޒަރު ފެނިގެންދާކަމުގެ ތުހުމަތުތައް ކުރެވިފައިވާ ދަނޑިވަޅެއްގައި، ލޫތުގެފާނުގެ ގައުމުވެސް ހަލާކުގެ ތެރެއަށް ވެއްޓިގެންދިޔައީ، އެފަދަ އަމަލުތައް ގިނަވެގެންދިއުމުގެ ސަބަބުންކަމަށް ފާހަގަކުރައްވާ އިޔާޒް ވިދާޅުވީ، އެކަމުން އިބުރަތް ހާސިލުކޮށް، އެ އަމަލުތައް ހިންގުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭކަމަށެވެ.

ލޫތުގެފާނުގެ ގައުމު ބަނޑުން ޖައްސަވާ، ހިލައިގެ ވާރޭ ވެއްސެވި ސަބަބުތައް ފަދަ، ބޮޑެތި ފާހިޝް އަމަލުތައް ދިވެހި މުޖުތަމައުގެ ތެރެއިން ފެނިގެންދާކަމަށް ފާހަގަކުރައްވާ އިޔާޒް ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ނުކުރެވޭނަމަ، ދިވެހިރާއްޖެ އެއްކޮށް، ހަލާކުގެތެރެއަށް ހުށައެޅި، އަހުލާގީ އަދި އިޖުތިމާއީ ފޭރާންވެސް ގެއްލިގެން ހިންގައިދާނެކަމަށެވެ.

ދިވެހި ގައުމު ހަލާކުގެ ތެރެއަށް ހުށައެޅިގެންދަނީ، ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ސަރުކާރުގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން، އިޔާޒް ވިދާޅުވީ، ނޭދެވޭ އަދި ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމަގައި، ވަކި ފަރާތެއް ތަފާތުކޮށްގެން ނުވާނެކަމަށެވެ. އަދި ދިވެހިރާއްޖެ ހަލާކުވެގެންދިއުމުން ސަލާމަތްކުރެއްވުމުގެ އެންމެ ބޮޑު ޒިންމާ އެޅިފައިވަނީ ރައީސް ސާލިހުގެ ކޮނޑުގައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި، އެއްޖިންސުން ގުޅުން ހިންގުންފަދަ، ދީނާއި ހިލާފު އަމަލުތައް ގިނަވެފައިވާކަމަށާއި، އެކަންކަން ހުއްޓުވުމަކަށް ގެނައުމުގެ ޒިންމާ އޮތީ ރައީސް ސާލިހު އަތްމަތީގައިކަމަށް އިޝާރާތްކުރައްވާ، އިޔާޒް ވިދާޅުވީ، ވަގުތު ފާއިތުވެ، ހިތާމާތަކާއި ކުރިމަތިލާންޖެހުމުގެ ކުރިން، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ސާލިހަށް އިލްތިމާޒް ކުރައްވާކަމަށެވެ.

މީގެ އިތުރުން އިޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގައި ހިންގަމުންދާ ދީނާއި ހިލާފު އަމަލުތައް ހުއްޓުވުމަކަށް ނުގެނެސް، ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކުން ލިބޭނެ މަންފާއެއްވެސް ނެތްކަމަށެވެ. އަދި ވަގުތު ފާއިތުވެގޮސްފިނަމަ، ކުރައްވާނެ ހިތާމައަކުން ހާލަތު ބަދަލުވެގެން ނުދާނެކަމަށްވެސް، ރައީސް ސާލިހަށް އަމާޒު ކުރައްވާ އެނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ދީނީ މިންގަނޑުތަކާއި، އިޖްތިމާއީ މިންގަނޑުތަކާއިވެސް ހިލާފު ގިނަ އަމަލުތަކެއް ހިންގަމުންދާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެ ހަލާކުވަމުންދާކަމަށް ޑރ އިޔާޒް ސިފަކުރެއްވިއިރު، ދާދި ފަހުން ލީކުވި ވީޑިއޯތަކުން ފެނިގެންދާ އަމަލުތައް ހިންގުމުގެ ތުހުމަތު ކުރެވިފައިވާ އެއްވެސް ފަރާތެއް ހައްޔަރު ކުރެވިފައިނުވެއެވެ. މިކަަމާއި ގުޅިގެން ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންގޮސްފައިވާއިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވަނީ، ދީނަށް ފުރައްސާރަ ކުރާ ފަރާތްތައް ފުރުވާލުމުގައި ސަރުކާރުގެ އަތެއްވާކަމަށް ބުނެ ތުހުމަތުތަކެއް އަމާޒުކޮށްފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: