ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރޫޕުތައް ހަދައިގެން ގޮސް ޖޭޕީން ރައީސަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާނެ: ސައުދު

ރައީސް ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް /ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަކީ ސަރުކާރުގެ ކޯލިޝަން ޕާާޓްނަރެއްގެ ގޮތުގައި ދެމިއޮތުމަށް އެއްވެސް ޑިމާންޑެއް ހުށަހަޅައި، ބޮޑާހާކާފައިވާނެ ޕާޓީއެއް ނޫންކަމަށާއި ގާސިމް އިބްރާހިމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވީ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިންކަމަށް ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ދައުރު ނިމެން އަހަރަކަށް ވެފައިވާއިރު، ކޯލިޝަން ވެރިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަމާއި މެދު އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުމާއި ފާޑުކިއުންތައް އަމާޒުވާއިރު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގަބޫލު ކުރައްވާ ގޮތުގައި ރައީސް މަސައްކަތް ކުރައްވަނީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކުގެ ނުފޫޒުގައި ޖެހިވަޑައިގެންނެވެ. އެގޮތުން އެންމެ ބޮޑު ނުރުހުމެއް އަމާޒުވަނީ ގާސިމާއި، އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށެވެ.

ކޯލިޝަން ދެމެހެއްޓުމަށް ގާސިމް ބޭނުންވާ ކަންކަން ރައީސް ސޯލިހު ފުއްދަވައިދެއްވާކަމަށް ބުނެ އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ތުހުމަތުތަކެއް ކުރައްވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް އެފަދަ ވާހަކަތަކެއް ދައްކަވާފައިވާކަން ފާހަގަ ކުރެވެ އެވެ.

ޗެއާޕާސަނެއް ހޮވުމަށް ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދި ދެބައިވެގެން ދިޔަ އެވެ. އަދި އެ ހޫނުކަން މަތީ އޮއްވައި ރައީސް ގާސިމާއި ބައްދަލު ކުރެއްވުމުން އެކަމަށް އެންމެ ފުރަތަމަ ފާޑުކީ އެމްޑީޕީގެ މެމްބަރުންނެވެ.

އެގޮތުން ބައެއް މެމްބަރުން ތުހުމަތު ކުރީ ގާސިމަށް 2023 ގެ އިންތިހާބުގެ ހުށަހެޅުންތަކެއް ރައީސްގެ ފަރާތުން ހުށަހެޅީ ޕާޓީއާއި އެއްވެސް މަޝްވަރާ ކުރުމެއް ނުވަތަ ގައުމީ މަޖިލީހަށް ވެސް އެފަދަ އެއްވެސް އެންގުމެއް ނާންގައިކަމަށެވެ.

ގާސިމާއި ރައީސް ބައްދަލު ކުރުން އެއީ މައްސަލައެއްކަމަށް ނުވަތަ ގާސިމް ރުއްސައި 2023 ގެ ރަނިން މޭޓު ކަން ހުށަހެޅުންކަމަށް ބުނެވިދާނެތޯ ސުވާލު ކުރުމުން ސައުދު ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާ ވެސް ގާސިމް އަރިހު ހުންނެވި ކަމަށެވެ.

“އަޅުގަނޑު ގަބޫލު ކުރާނީ މިއީ އެކުވެރިކަމާއި، ގުޅުން ބަދަހި ކުރުންކަމަށް… ފެނިގެން ދިޔައީ ގާސިމް އިބްރާހީމަށް ރައީސް ސޯލިހު ކުރެއްވި އިހުތިރާމު… އެބޭފުޅާ އެ ވީ ގުރުބާނީގެ އަގުވަޒަން ކުރުމަށް ވިޒިޓުކޮށްގެން ވިޔަސް ނުވަތަ އެބޭފުޅާ ހުރިތަނަކަށް ގޮސްގެން ވިޔަސް ބައްދަލު ކުރުން.. އެއީ އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ… އަޅުގަނޑުމެން ވަކި ޓީމުތަކެއް ހަދައިގެން، ވަކިކަމަކަށް ޑިމާންޑެއް ނުކުރަން” ސައުދު

ސައުދު ވިދާޅުވީ ސިޔާސީ މައިދާނުގައި ކުރިޔަށް ދެވެނީ އެކަކު އަނެކަކަށް އިހުތިރާމުކޮށް، ގުޅުން ބާއްވައިގެން ކަމަށެވެ. އަދި އެމީހެއްގެ ވިސްނުން ތަފާތު ވާން ޖެހޭނެކަމަށް ސައުދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ސިޔާސީ އެހެން ލީޑަރަކާއި ބައްދަލު ކުރުން މައްސަލައަކަށް ވީ، މީގެ ކުރިން އެހެން ލީޑަރުންގެ ފަރާތުން ނުފެންނަ މަންޒަރަކަށް އެކަން ވީތީކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ އިންތިހާބުތަކުގައި އެހީއަށް އެދި އަންނަނީ އެހެން ޕާޓީތަކުންކަމަށާއި، ޖޭޕީން އެއްވެސް ޕާޓީއަކަށް ކުރި ޑިމާންޑެއް ނޯންނާނެކަމަށެވެ. 2018 ގެ ރިޔާސީ އިންތިހާބަށް އެންމެ ރަނގަޅު ގޮތަކީ ކޯލިޝަނެއް ހަދައި، އެ ކެނޑިޑޭޓަކަށް ތާއީދު ކުރުންކަމަށް ވީތީ ޕާޓީގެ ކޮންގްރެސްއިން އެގޮތް ނިންމީކަން ފާހަގަކޮށް ސައުދު ވިދާޅުވީ ސަރުކާރު އުފެދުމަށް ފަހު ވެސް ވަކި މަގާމުތަކެއް ހޯދަން ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި މަގާމެއް ގެއްލުމުން އެއީ ޖޭޕީގެ ސްލޮޓެއްކަމަށް ބުނެ ޝަކުވާ ހުށަހަޅާފައި ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީއަކީ ކުޑަ ޕާޓީއެއްކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް ސައުދު ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ އަދަދަކީ ޕާޓީގެ ކުޑަބޮޑު މިން ބެލޭނެ ފޯމިއުލާއެއް ނޫން ކަމަށެވެ. ޖޭޕީއަކީ ސިޔާސީ މައިދާނުގައި ވަރުގަދަ ޕާޓީއެއްކަން ކޮންމެ ޕާޓީއެއްގެ މެމްބަރުން ވެސް ގަބޫލު ކުރާނެކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވަނީ ކޯލިޝަނުގައި ދެމި އޮތުމަށް ނުވަތަ، ވަކި މަންފާއެއް ހޯދުމަށް ގާސިމް ކުރާ އެއްވެސް މަސައްކަތެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: