ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުގައި ހަމަހަމަ ކަން ގާއިމް ކުރުން

ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ ހަމަހަމަ ކަމަކީ ހަމަހަމަ ފުރުސަތުތަކެއް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އެންމެނަށް ލިއްބައިދިނުމެވެ. ތަނެއް ނުވަތަ މުޖުތަމައު އެއް ކުރިއަރައި ދިއުމުގައި އެތަނެއްގައި ހަމަހަމަކަން ގާއިމްވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ފަރުދުންގެ ހައްގުތަކާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އެންމެންނަށް ބޭނުން ކުރެވޭނެ ހެން ފަހިވެފައި ހުރުމަކީ ބޭނުންތެރިކަމެކެވެ.

މުޖުތަމައުގެ ހަމަހަމަކަން ގާއިމްކުރުމުގައި ގާނޫނުން އެމީހަކަށް ލިބިދޭ ހުރިހާ މިނިވަންކަމެއް ވަކި ކުލައަކަށް ވަކި ނަސްލަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އެކަން ގާއިމް ކޮށް ތަންފީޒުކުރުމުގެ އެންމެ މުހިއްމު އެއް ކަންތަކެވެ.

އެހެން ނަމަވެސް މިއަދުގެ ބައިނަލްއަގްވާމީ މުޖުތަމައުގައި ދިމާވާ މައިގަނޑު އެއް މައްސަލައަކީ ނަސްލީ ތަފާތުކުރުމެވެ. އެމީހަކީ ކަޅު މީހަކަށް ނުވަތަ ދޮން މީހަކަށް ވުމުން އެމީހަކު ތަހައްމަލު ކުރަންޖެހޭ އިމްތިހާނު ތަކަކީ ގިނަފަހަރު ވޭންދެނިވި އަނިޔާއެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި އެމީހަކީ ކަޅު މީހަކަށް ވުމަކީ އެމީހެއްގެ ހައިބަތު ކުޑަވާ ކަމެކެވެ. އެމީހަކީ ނިކަމެތި މީހެއްގެ ގޮތުގައި ދެކެވި އެމީހަކަށް މަލާމާތް ރައްދުވާފަދަ ކަމެކެވެ. އަދި ހަމައެފަދައިން އަނެއްބައި ގައުމުތަކުގައި ދޮން މީހުންނަކީ މާ މޮޅު ބަޔަކަށްވެއެވެ. އެމީހުން ކުރާ ނުރަނގަޅު ކަންތައްތައްވެސް މާބޮޑު މައްސަލައަކަށް ނުވެ ހިނގައިދެއެވެ. އަދި ދޮންމީހުން ވެސް ނިކަމެތިކޮށްލެވޭ ފަހަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިކަން މިހެން ދިމާވަނީ މުޖުތަމައުގެ ހޭލުންތެރިކަން ދަށްވީމަ ކަމުގައި ފަހަރުގައިވުމަކީ އެކަށީގެންވާ ކަމެކެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދުނިޔޭގައި އެއްބަޔަކު އަރާމާއި އުފަލުގައި މަޖަލުގައި އުޅޭއިރު އަނެއް ބަޔަކީ ވަސީލަތްތައް މަދު ފަގީރު ގައުމުތަކެވެ. ފަގީރު ބައެއް ގައުމުތަކުގައި ފަގީރުކަމުން އެންމެ މުހިއްމު އަސާސީ ހައްގުން މަހުރޫމުވެފައިވެއެވެ. އެންމެ އަސާސީ އަދި ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެއްޗާއި ބޯފެނާއި ސިއްހީ ފަރުވާ އާއި ފުރިހަމަ ތައުލީމާއީ ގެދޮރު ނުވަތަ ވަންނާނެ ބޯހިޔާވަހިކަމެއް ނެތް މުޖުތަމު ތަކެވެ. މިކަންކަން މިހެން ދިމާވަނީ އެތަނެއްގައި ގާއިމް ކުރެވިފައި އޮންނަ ސަރުކާރެއްގެ ސަބަބުން ކަމުގައިވެސް ބުނެވިދާނެއެވެ.

ދުނިޔޭގެ އެންމެ ތަހުޒީބުވެފައިވާ އެމެރިކާގައި އެކަނި  އަހަރަކު ދެ މިލިއަނެއްހާ ކުޑަކުދިން ބަނޑުހައިހޫނު ކަމުގައި ސާފު ބޯފެން ނުލިބި ޒަރޫރީ ބޭނުންތައް ނުފުދި ދިރިއުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާސާ އަކުން ދެއްކި ގޮތުގައި އަހަރެއްގެ މައްޗަށް ސާފު ބޯފެނާއި ކާބޯ ތަކެއްޗާއި ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ނުލިބުމުގެ ސަބަބުން ހަތަރުލައްކަ އަށްޑިހަ ފަސްހާސް ކުޑަކުދިން މަރުވާ ކަމަށްވެއެވެ.

މުޖުތަމައުގެ ހަމަހަމަކަން ގާއިމްކުރުމަށް ހަމަހަމަކަމާއެކު ތައުލީމް ދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރުން މުހިއްމު ކަމެކެވެ. ތައުލީމީ ސިނާއަތުގައި ހުރި ގޮންޖެހުންތައް ނައްތާލައި ތަހުޒީބު މުޖުތަމައުތަކާއި ތަހުޒީބު ނޫން މުޖުތަމައު ތަކުގައި އިލްމީ ގޮތުން ހުރި ފަރަގު ކުޑަކުރުމަށް ދުނިޔޭގެ ފެންވަރުގައި ގިނަގުނަ ކަންތައްތަކެއް މިހާތަނަށް ކުރެވިފައިވެއެވެ. ނަމަވެސް ގިނަފަހަރު ތައުލީމް ދިނުމުގައި މުޖުތަމައުގެ ހަމަހަމަ ކަން ގާއިމް ނުކުރެވި ދަނީ މަދުފަހަރަކު ނޫނެވެ. ވަގުތާއި ހާލަތާއި އުމުރުގެ ތަފާތާއި ހެދި ދުނިޔޭގެ އެކި ހިސާބުގައި އިލްމު އުގެނުމުން ގިނަ ބަޔަކު ވަނީ މަހުރޫމު ވެފައެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަންހެނުން ކިޔަވަން ދިޔުން މަނާކޮށް ގެއިން ބޭރަށް ނިކުތުން މަނާ ކޮށް ފިރިހެނުންނަށް ހުރިހާ ހައްގުތަކެއް ދިނުމުގެ ސަބަބުން އަންހެނުން ވަނީ ތައުލީމް ލިބިގަތުމުގެ ހައްގުން މަހުރޫމްވެފައެވެ.

ތައުލީމީ ހައްގުން މަހުރޫމްވެފައި ވުމާއެކު ޅައުމުރުގައި ވަޒީފާގެ މާހައުލަށް ނެރުމަކީ ވެސް މުޖުތަމައުގެ ހަމަހަމަކަން އެކަށައެޅުމަށް ހުރަހެއް ކަމުގައިވަނީ ވެފައެވެ. ފާއިތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ކުޑަކުދިން ވަޒީފާގެ ބާޒާރަށް ނުނެރުމަށް ގިނަ ގުނަ ގަވާއިދުތަކެއް އެކަށައެޅިފައިވީ ނަމަވެސް އެކަން ދަނީ ތަކުރާރު ވަމުންނެވެ. ނަމަވެސް ކުޑަކުދިންނަށް މަސައްކަތް ކުރުމަށް މަޖުބޫރު ކުރެވޭ ހާލަތްތައް ވެސް ކުރިމަތިވަނީ މަދުފަހަރަކު ނޫނެވެ. އެކުދިންނަށް މަޖުބޫރު ކުރުވަނީ މަސައްކަތް ކޮށްގެން ލާރިހޯދާށެވެ. މަންމަ ނުވަތަ ބައްޕަ ނުވަތަ އާއިލާ އެހެން މީހަކަށް ދިމާވާ ކަމެއްގެ ސަބަބުން ގިނަ ފަހަރު ޅައުމުރުގައި ވަޒީފާގެ މައިދާނަށް ނިކުންނަން ޖެހެއެވެ.

ކުޑަކުދިން ޅައުމުރުގައި ވަޒީފާއަށް ދިއުމާއި ކުޑަކުދިންނަށް ދިމާވާ ޖިސްމާނީ އަނިޔާ އަކީ ވެސް ހަމަހަމަ މުޖުތަމައެއް ބިނާ ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. މިކަން މިހެން ދިމާވަނީ މައިން ބަފައިން ދަރިން ބެލުމުގައި އިހުމާލު ވުމަކުން ނޫނެވެ. ގިނަފަހަރު މިކަން ދިމާވަނީ ކޮންމެވެސް މީހަކު އެކުދިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ޖިންސީ ގޮތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުންނެވެ. މިކަން ކުރަނީ އެކުއްޖަކާ އެންމެ ގާތުން ނުވަތަ އެކުއްޖާގެ ވަށައިގެންވާ މާހައުލުގައި ދިިރިއުޅޭ އަވައްޓެރިއެއް ނުވަތަ ދުރުހިލޭ މީހެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ދިރާސާއަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގެ އާބާދީގެ ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ ޅަފަތުގެ އުމުުރުގެ ކޮންމެވެސް ހިސާބެއްގައި ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ މީހެކެވެ. މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު މައްސަލައަކީ ނަހަމަ ގޮތުގައި ކޮށްފައިވާ ގޯނާގެ އަސަރު މުޅި އުމުރަށް ދިގުދެމިގެން ދިއުމެވެ. އެކަމުގެ ސަބަބުން ކުއްޖާ ބޮޑުވެ މުޖުތަމައުގައި އުޅޭއިރުވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވާ ގޮތް މެދުވެރިވެއެވެ.

މިއާއެކު ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހަމަހަމަ ފުރުސަތު ތަކެއް ހޯދައި ދިނުމަކީ ވެސް މުޖުތަމައުގެ ހަމަހަމަކަން އެއްމިންގަނޑެއްގައި ހިފެހެއްޓުމުގައި އިސްދައުރެއް އަދާކުރާނެ ކަމެކެވެ. އަހަރުމެންގެ ތެރޭގައި ދުނިޔެއަށް އުފަންވާއިރު އެންމެން ތިބެނީ އެއްވަރަކަށް ނޫނެވެ. ފުރިހަމަ މީހުންނާއި އުނި މީހުން މި ދުނިޔޭގައި ދިރިއުޅެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކުދިން ބޭނުންވާ އަޅާލުމާއި އެހީތެރިކަމާއި އޯގާތެރިކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހިތާމައަކީ އޯޓިޒަމް އާއި އަޑު އިވުމާއި ފެނުމުން މަހްރޫމް ވެފައިވާ ކުދިންނާއި ނުހިނގޭ ކުދިންނާއި ވާހަކަ ދެއްކުމުން މަހުރޫމް ވެފައިވާ ކުދިން ފަދަ ކުދިން މުޖުތަމައު ތަކުން ބާކީ ކުރާކަމެވެ. އެކުދިންނަށް ކިޔެވުމުގެ ފުރުސަތެއް ނުދޭ ތަނުގައި ކޮންމެ ތަނެއްގައި އެކުދިންނާއި ދިމާކޮށް އެއްޗިހި ކިޔާ އެކުދިންނާއި ޒުވާބު ކުރާކަމަކީ އާއްމު ކޮށް ދިމާވާ ކަމެކެވެ. އޭގެ ބަދަލުގައި އެކުދިންނަށް އަޅާލާ އޯގާތެރިވުމަކީ އެކުދިންގެ ހިތުގައި އެމީހަކަށް ލޯބި ޖެހިދާނެ ކަމެކެވެ. އަދި އިންސާނިއްޔަތަށް ކުރެވޭ ހެޔޮ ކަމެކެވެ.

މީގެ އަހަރުތަކެއް ކުރީގައި ނުކުޅެދޭ ކުދިން މުޖުތަމައު އިން އެކަހެރިކޮށް ހެދި ނަމަވެސް މިއަދު  އެކުދިންނަށް ހާއްސަ ހޮސްޕިޓަލު ނުވަތަ ސްކޫލްތަކަށް ގެންގޮސް އެކުދިންނަށް ފުރިހަމަ ތައުލީމާއި ތަރުބިއްޔަތު އެކުދިންނާއި އެކަށޭނެ މާހައުލެއްގައި ގާއިމްކޮށްދެއެވެ.

މުޖުތަމައުގެ ހަމަހަމަ ކަމަކީ ކުރިންވެސް ބުނެވުނު ފަދައިން ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމެއް ނޫނެވެ. ނަމަވެސް ވަޒީފާގެ މާހައުލުގައި ވެސް ނަސްލީ ތަފާތު ތައް ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިގެން ދާ ކަމަކީ ހިތާމަ ހުރިކަމެކެވެ.

އޭގެ މިސާލެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް ވެސް ވަޒީފާގެ ކުރިއެރުމާއި ޕްރޮމޯޝަން ލިބުން ލަސްވާ ފަހަރު އާދެއެވެ. އެމީހަކީ ކަޅު މީހެއްނަމަ އެމީހަކަށް ވަޒީފާގެ ކުރިއެރުން ލިބުން ލަސްވެދާ ފަހަރު ކުރިމަތިވެއެވެ. ނަމެވސް އެމީހަކީ ދޮން މީހެއްކަމުގައި ވަނީ ނަމަ އެމީހަކަށް ތިން މަސް ނުވަނީސްވެސް ދުނިޔޭގެ ބައެއް ގައުމު ތަކުގައި ވަޒީފާގެ ކުރިއެރުން ލިބެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވަޒީފާގެ މާހައުލުގައި ޓްރެއިނިންގ ތައް މަދުން ދޭތަން ފެނުމަކީ އާއްމު ކަމެކެވެ.

އެކި މީހުންގެ ހިޔާލާއި އާދަކާދަ އާއި ދިރިއުޅުމުގެ ވައްޓަފާޅި ތަފާތު ކަމުގައި ދެނެގަނެގެން އެފަދަ މީހުންނަށް ވެސް ހަމަހަމަ ކަމާއިއެކު ކަންތައްތައް ފަހިކޮށްދިނުމަކީ އެދެވިގެންވާ ކަމެކެވެ.

ކޮންމެ މީހެއްގެ ވެސް ހުރި ހުނަރާއި ގާބިލްކަން ދެނެގަނެ އެމީހެއްގެ އަގު ވަޒަންކޮށް އެމީހެއްގެ ތަޖުރިބާއާއި ވިސްނުމަށް އިހްތިރާމްކޮށްގެން ކުރިއަށް ދިއުމުން މުޖުތަމައު ކުރިއަރައިގެން ދާ ހަލުވި މިން އަވަސްވެގެން ދެއެވެ.

ހަމަހަމަކަމަކީ އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވުމުގެ އިތުރުން އެމީހަކު ކުރިއަރައި ދިއުމަށް ޖާގަދިނުމެވެ. އެކަމަށް ޖާގަދިނުމުގައި އެއްވެސް ކަމަކަށް މަޖުބޫރު ކުރުމެއް ނެތުމާއި އަދި ވަކި ކަމަކަށް ޝަރުތު ކުރުމެއް ނެތި މިނިވަންކަމާއެކު ކުރިއަރައި ދިއުމަށް ޖާގަ ދިނުމަކީ ބޭނުންތެރިކަމެކެވެ.

މުޖުތަމައު ތެރޭގައި ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި އިގްތިސާދީ މިނިވަންކަން ގާއިމްކޮށްދިނުމާއި މުޖުތަމައުގައި އެމީހެއްގެ ބައިވެރިވުން ނުވަތަ ބައިވެރި ކުރުން އިތުރު ކުރުމާއި އާއިލާގެ ދުޅަހެޔޮކަން އިތުރު ކުރުމަށް މަސައްކަތް ކުރުމާއި އެބައެއްގެ ނުވަތަ އެ މުޖްތަމައެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެކެވެ.

އެކަންކަން ހާސިލް ކުރުމުގައި އެންމެ މުހިއްމު ކަމަކީ އަނެކާ ދައްކާ ވާހަކަ އަޑުއަހައި އޭނާގެ ބޭނުންތައް ވީއެންމެ އަވަހަކަށް ކަމާއި ގުޅޭ ފަރާތަކަށް އަންގައިގެން ފުއްދައި ދިނުމެވެ. އާއްމުންނަށް ދަތިވާ އެންމެހައި ކަންތައްތައް ވަގުތުން ވަގުތަށް ކޮށްދިނުމަކީ އެމީހުންގެ ތާއީދާއި އެއްބާރުލުން ލިބިގެން ދާނެ ކަމެކެވެ.

އެ މުޖުތަމައަކުން އެމީހަކަށް އަމާން ކަމާއި  އިހްތިރާމާއި  ރައްކާތެރިކަމާއެކު މަރުހަބާ ކިޔާ ކަމުގެ އިހުސާސް އެމީހަކަށް ކުރެވޭ ހިނދަކީ އެ މުޖުތަމައެއްގައި ހަމަހަމަކަމާއި އިންސާފު ގާއިމްވެގެން ދާން ފެށުމެވެ. އެކަމުން ދޭހަވަނީ އެ މުޖުތަމައަކީ ހަމަހަމަކަމާއެކު ކުރިއަރައި ދިއުމަށް ފައްކާވެފައިވާ މުޖުތަމައެއް ކަމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: