ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ ބުނާ އިގްތިސާދީ ކުރިއެރުން އޮތްނަމަ، މާލިއްޔަތު ފުރާނީ ޖީއެސްޓީއަކުން ނޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެންމެ ގިނައިން އިވިގެންދާ އެއް ވާހަކައަކީ، ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ނުވަތަ ކުރަމުންދާކަމުގެ ވާހަކައެވެ. އެކަމާއި އެއް ހަމަ ކުރާނެ ވާހަކައެއް އިވިގެންދާނަމަ، މިހާރު އިވެމުންދަނީ، ރައްޔިތުން ފެލާލައިގެން ދަރަނިތައް ފުއްދުމަށް މަސައްކަތްކުރަމުންދާކަމުގެ ވާހަކައެވެ.

ދިވެހިރާއްޖޭގެ މާލިއްޔާތަށް ލޮޅުންތަކެއް އަރާފަވާކަމަކީ، ކޮންމެ ފަރާތަކަށްވެސް ސާފުވާނެކަމެކެވެ. އެކަމަށް އަޅުގަނޑު ހެކެއް ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ، ފިނޭންސް މިނިސްޓްރީގެ ބައްދަލުވުންތަކާއި، ނެރެމުންދާ ސާކިއުލާތަކުންވެސް މާލިއްޔާތައް ބުރޫއަރާފަވާ ވަރު ކުލަވެގެންދާނެއެވެ.

ދިވެހި މާލިއްޔާތައް ގެއްލުންތަކެއް ވެފައިވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރައީސް ސާލިހުގެ ސަރުކާރުން ދޭ ޖަވާބަކީ ކޮބާކަންވެސް ރައްޔިތުންނަށް ސާފުވާނެއެވެ. ކޮވިޑް19 އެވެ. ރަޝިޔާ- ޔޫކްރެއިން ހަނގުރާމައެވެ. އެހެން ނަމަވެސް ތެދު ހަގީގަތަކީ، ރައީސް ސާލިހުގެ ސަރުކާރުގައި މާލީ ވުޒާރާތަކާއި ހަވާލުވެގެން ތިބި ފަރާތްތަކާއި، އިގްތިސޯދީ ވުޒާރާތަކާއި ހަވާލުވެގެން ތިބި ފަރާތްތަކަށް، އެ މަނިކުފާނުގެ ބެލެނިވެރިކަމުގެ ދަށުން، އެ ބުނަމުންދާ ފެންވަރަށް އިގްތިސޯދު އާރާސްތު ކުރެވިފައިވާނަމަ، މިހާރު މި އިވެމުންދާ އަޑުތަކެއް ނީވޭނެކަމެވެ. އަދި މާލިއްޔަތައް ބުރޫ އެރިނަމަވެސް، ރައްޔިތުންގެ ޖީބަށް ބުރަނުކޮށް ގައުމު ހިންގޭނެ ކަމެވެ.

އިގްތިސޯދީ ގޮތުން ދިވެހިރާއްޖެ ވަރުގަދަ ކުރެވިފައިވާ ވާހަކައަކީ، ރައިސް ސާލިހުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުންވެސް އެއްބަސްވެގެން ދައްކަވާ، އެއް އަޑަކުން އިވިގެންދާ ވާހަކަތަކެކެވެ. އެހެން ނަމަވެސް މި ވާހަކައަކީ، އޮއްޓަރެއްނެތް ދެކޮޅު ނުޖެހޭ ވާހަކައެއްކެވެ. ސަބަބަކީ، އެ ބުނާ ފެންވަރަށް ދިވެހިރާއްޖޭގެ އިގްތިސޯދު ކުރިއަރާ ގޮސްފައިވާނަމަ، ދަރަނި އަދާ ކުރުމަށާއި، މާލިއްޔާތައް އިތުރު ކުރުމަށް، ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑު ކުރަން ނުޖެހުނީސްކަމަށްވުމުންނެވެ.

ސަރުކާރުން ހިންގާ ބޮޑެތި އިގްތިސޯދީ މަޝްރޫއުތަކުން ދިވެހި މާލިއްޔާތު ފުރިގޮސް، ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކާނީވެސް އެ ފައިސާއިންކަންވެސް އެންމެހާ ރައްޔިތުންނަވެސް އިންގޭނެއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ބުނާ ފަދައިން ދިވެހި އިގްސޯދު އުފުލާލެވިފައިވާނަމަ، ދުނިޔޭގެ މާލީ ވުޒާރާތަކުން، ރާއްޖޭގެ ހާލަތު ހީނަރުވެ، ސްރީލަންކާއެކޭ އެއްފަދައިން ބަނގުރޫޓުވެދާނެކަމަށް އިންޒާރުތަކެއް ނުދޭނެކަންވެސް ޔަގީނެވެ. އެކަމުން އެ ފަރާތްތަކަށް ވާނެ ފައިދާއެއްވެސް ނޯންނާނެއެވެ. ދައްކަމުން މިދާ ވާހަކަތަކަކީ، އިދިކޮޅު ޕާޓީއަކުން ކުލަކުރުމުން ސިފަވެގެންދާ މަންޒަރެއް ނޫނެވެ. އިދިކޮޅުގައި އޮތް ފަރާތް ކިތަންމެ ކުޅަދާނަ ނަމަވެސް، އެންމެހާ ރައްޔިތުން އަވައިގައި ޖެއްސާހާ ކުޅަދާނައެއްވެސް ނޫނެވެ. ކުޅަދާނަ ނަމަ، ވެރިކަމުގައި ތިބޭނީ އެފަރާތްތަކެވެ. މަޖިލީހުގައި އަގުލަބިއްޔަތުވެސް އޮންނާނީ އެފަރާތުގެ އަތުގައެވެ.

ރާއްޖޭގެ މާލިއްޔަތަށް ދަތިތަކެއް ކުރިމަތިވެ، ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެކަމުގެ ވާހަކަތައް، ހުދު، ރައީސް ސާލިހު ނިސްބަތްވާ އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ، ބޭފުޅުންވެސް ދައްކަވައެވެ. އެގޮތުން ދިވެހިރާއްޖެ އޮތް ހާލުގައި އޮއްވާ، ރައީސް ސާލިހު އަނެއްކާވެސް ވެރިކަމުގެ ދައުރެއް ހޯއްދެވުމުގެ ވާހަކަތަކެއް ދެއްކަވެމުން އެކަމަށް އެންމެ ފުރަތަމަ ފާޑުވިދާޅުވީވެސް ރައީސް ނަޝީދެވެ.

އެ މަނިކުފާނު ވިދާޅުވީ، މީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަމަށެވެ. މި ދަނޑިވަޅުގައި ކުރައްވަން ޖެހިފައިވާ މަސައްކަތަކީ، ދިވެހި ރާއްޖޭގެ ފޮރިން ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްކަމަށްވެސް ރައީސް ނަޝިދުވަނީ ރައީސް ސާލިހަށް އަމާޒުކުރައްވާ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ހާލަތު ގޯސްވެފައިވާކަމަކީ، ފިހާރައަކަށް ވަދެ، ގަނެލާ ކުޑަ މުދާކޮޅަކުން، ބެންކު އެކައުންޓުގައި ލާ ބަނޑިތަކުންވެސް ސާފުވާކަމެކެވެ. އަދި ހާއްސަކޮށް، ދިވެހި މާލިއްޔާތާއި ހަވާލުވެގެން ތިބި ފަރާތްތައް ދައްކަވާ ވާހަކަތަކުންވެސް މިކަން ސާފުވެއެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲވަނީ، މާލިއްޔާތުގައި ބޭނުންކުރެވޭނެ ގޮތަށް ހުރި ފައިސާގެ އަދަދުތައް ސާފުކުރުމަށް މަޖިލީހަށްވެސް ހުށައަޅުއްވާފައެވެ. މާލީ ވަޒީރު އެކަމަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި، ވިދާޅުވާ ބަސްތަކުން، ވެގެންދާކަމަަކީ، އިތުރަށް އަޑި ކިލަނބުވުމެވެ.

ޖޭޕީ މޯރގަންގެ ޑިރެކްޓަރަކު ބުނެލާ ބަހަކާމެދު، ހިތްހަމަނުޖެހި، އެނާ އަކީ ރިސެޕްޝަނިސްޓެއް ކަމަށްވެސް ހަދާލަނީއެވެ. އަނެއް ފަހަރު ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ބުނާ “ރިސެޕްޝަނިސްޓު” ދެއްކި ވާހަކަތައް، އަމިއްލަ އަނގައިންވެސް ދެކެވެނީއެވެ. ސަބަބަކީ މާލީ ހާލަތު އޮތް ގޮތަކީ، ދެކޮޅު ހެދެން ނެތް ހަގީގަތަކަށްވުމުންނެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށަށް ގޮސްފައިވަނީ، ލަންކާއެކޭވެސް އެއްފަދައިން، ލޮލަށް ފެންނަން ނެތް މަޝްރޫޢުތަކެއް ހިންގުމުގެ ނަމުގައި ލޯނުތަކުގެ މައްޗަށް ލޯނު ނެގުމުންކަމަށް ބުނެވިދާނެއެވެ. އެއްވެސް ފަރާތެއް ވައްކަން ކޮށްފައިވާކަމަކަށް އަޅުގަނޑު ނުބުނާނަމެވެ. އެވާހަކަވެސް ދައްކަމުންދަނީ، ރައީސް ސާލިހު ނިސްބަތްވާ ޕާޓީގެ މެމްބަރުންނާއި، އެހެނިހެން ޕާޓީތަކުގެ ބައެއް މެމްބަރުންނެވެ. އެހެން ނަމަވެސް، އެޅި ބުރިޖެއް އަދި ފެންނާކަށްނެތް، އިންޑިއާއިން ލޯނު ނަގައި، އިންޑިއާގެ ކުންފުންޏަކާއި މަސައްކަތް ހަވާލުކޮށް، އިންޑިއާއިން ނެގި ލޯނުން މަސައްކަތަށްވެސް އިންޑިއާއަށް ފައިސާތަކެއް ދީ، އެތައް ގުނައެއް އިތުރުކޮށް، ލޯނުވެސް އަދާ ކުރަންޖެހެނީ އިންޑިއާއަށެވެ.

ކޮންމެ އެއްޗަކަސް، ލޯނު ނަގައި، ދަރަނިވެރިވެ، ގައުމު އަލުން އާރާސްތުކުރުމުގެ ނަމުގައި، ރައްޔިތުން އަތުން ފައިސާތަކެއް ނެގުމުގެ މަސައްކަތްތަކެއް ރައީސް ސާލިހުގެ ސަރުކާރުން ފަށައިފިއެވެ. ސަރުކާރުގެ އިސްވެރިން ދެކޭ ގޮތުން، ޖީއެސްޓި ނެގުމަށް ކުރަމުންދާ މަސައްކަތަކީ މުހިންމުކަމެކެވެ.

ގީއެސްޓީ ބޮޑު ކުރުމަށް މަސައްކަތެއް ފެށުމަށްފަހު، ރައީސް ސާލިހުގެ ސަރުކާރުންވަނީ މިކަމުގައި ރައްޔިތުންގެ އަނގަބަނދުކުރުމުގެ މަގުސަދުގައި އައިއެމްއެފްގައި އެދި ރިޕޯޓެއްވެސް ހަދާފައިއެވެ. އެހެން ނަމަވެސް އެ ރިޕޯޓުވެސް އެހެން ކަންކަމެކޭ އެއްގޮތަށް ވަނީ “އަތައް ގޮވާފަ އެވެ”. އިހުޒަމާނުގައި މަދު ބަޔަކަށް އިނގިރޭސި އިންގޭތީ، ބޭރު ގައުމުތަކުގެ ރިޕޯޓުތައް ނުކީ ނަމަވެސް، މިހާރު ރާއްޖޭގައި އޮތް ތައުލީމީ ފެންވަރުން، ތުއްތު ކުއްޖާއަށްވެސް އެފަދަ ރިޕޯޓުތައް ކިޔާލެވެއެވެ. އަދި ލިޔެފައިވާ އެއްޗެއް ސާފުވެސްވެއެވެ. އެހެންކަމުން މި ޒަމާނުގައި، އޮޅުވާލައިގެން ތިބެވޭނީ ކުޑަ ހިނދުކޮޅަކަށެވެ.

ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑު އައިއެމްއެފްއިން ހަދާފައިވާ ރީސާޗް ރިޕޯޓުގައި އެ ވުޒާރާއިން ބުނެފައިވާގޮތުން، އާންމު ރައްޔިތުން އަތުން ނަގާ ޖީއެސްޓީ ބޮޑުކުރަން ރަނގަޅުކަމަށް ނުފެނެއެވެ. އަދި ބޮޑު ކުރާނަމަ، ބޮޑުކުރުމަށް ފެންނަނީ 2024 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް އެކަން ކުރަންވާނީ، މާލިއްޔަތާއި އިގްތިސޯދު ކޮވިޑްގެ ކުރިން އޮތް ހާލަތަށް ގެންގޮސް، ތަކެތީގެ އަގު، ހަމައެއްގައި ކޮންޓްރޯލް ކުރެވުމަށް ފަހުކަމަށްވެސް އައިއެމްއެފް އިންވަނީ ފާހަގަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން އައިއެމްއެފްއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރުން ރަނގަޅުކަމަށް މިވަގުތު ނުފެންނަނަމަވެސް، ޓީޖީއެސްޓީ ނުތަ ޓުއަރިޒަމްގެ ޓެކްސް ބޮޑުކުރުމަކީ އެދެވޭކަމެއް ކަމަށް އެ ވުޒާރާއިން ދެކޭކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ސަބަބުން، ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެކަމަށާއި، ރޫމުތައް ވިއްކަމުންދާ އަގާއި ބަލައި، ގްރީން ޓެކްސްވެސް ކުޑަކަމަށް އައިއެމްއެފްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: