ޕާޓީ ވާދަ ޤައުމުގައި ކިތަންމެ ބޮޑަސް، އެއް ޕާޓީގެ މެންބަރުން އަނެއް ޕާޓީގެ މެންބަރަކާއި ކިތަންމެ ނަފުރަތު ވިޔަސް މިފަހަރު ވީ އެހެނަކުން ނޫނެވެ. ދުވާފަރު ކައުންސިލުން މިފަހަރު ދެއްކީ އެއްބައިވަންތަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ. ވައްކަން ކުރުމުގައެވެ. ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމުގައެވެ. ޖުމްލަ 7 ކައުންސިލަރުން ތިބޭ ދުވާފަރު ކައުންސިލްގެ މެޖޯރިޓީ އަކީ ޕީޕީއެމްއެވެ. 5 ކައުންސިލަރުން ތަމްސީލުކުރަނީ ޕީޕީއެމްއެވެ. އަދި ދެ ކައުންސިލަރަކު ތަމްސީލުކުރަނީ އެމްޑީޕީއެވެ. ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކައުނސްިލްގައި މަސައްކަތް ކުރާ އެތައް ބައެއްގެ އެކައުންޓަށް ޖަމާވެ ނިމުނު އިރު މިކަމުގައި ޝާމިލްނުވާ އެކަކުވެސް ކައުންސިލްގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުވާފަރު ކައުންސިލުގެ މައްސަލަތައް ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓެއްގައެވެ.

އެލްޖީއޭއިން މޮނިޓާ ކުރުމުގެ ކުރިން މީން އެއްްވެސް ކަމެއް ރެއަކާނުލަނީތަ؟
މުޅިއަކުން އެހެންނެއް ނޫނެވެ. ރަށުގެ ރައްޔިތުންނަށް ކައުންސިލް ތެރއިން މިކަހަލަ ކަންތައްގަނޑެއް އުޅޭކަމުގެ ޝައްކެއް ވެގެން އެރަށުގެ ރައްޔިތުން މުޒާހަރާވެސް ކުރިއެވެ. ނަމަވެސް އެކަމަށް ކޮންމެ ކައުންސިލަރަކުވެސް ކުރީ އިންކާރެވެ. ރައްޔިތުންގެ މުޒާހަރާތަކުން މި މައްސަލާގައި ލިބުނު ކުރިއެރުމެއް ނެތެވެ.
އެލްޖީއޭގެ ރިޕޯޓުގައި އޮތީ ކީކޭ؟
އެލެޖީއޭގެ މޮނިޓަރިން ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.އަދި ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ.
އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ފާހަގަކުރެއެވެ.
އެއްވެސް ތަފްސީލެއްނެތި އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތަފްސީލުތައް:
* ކައުންސިލްގެ ނައިބުރައީސް އިޒްމީލް އަޙްމަދަށް: 252،048ރުފިޔާ
* ސެކެޓްރީ ޖެނެރަލް މުޙައްމަދު ނާސިހްއަށް: 165،200 ރުފިޔާ
* ކައުންސިލް މެންބަރު ޒުހުދާ އާދަމްއަށް: 181،666 ރުފިޔާ
* ކައުންސިލް މެންބަރު އަޙްމަދު ސަމޫހް އަށް: 128،696 ރުފިޔާ
* ކައުންސިލް މެންބަރު އައިމިނަތު ސަލާހަށް: 119،535 ރުފިޔާ
* ކައުންސިލް މެންބަރު މުޙައްމަދު ޝާމްއަށް: 447،837 ރުފިޔާ
* ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓާ މުހައްމަދު އަލިފުޅުގެ އެކައުންޓަށް: 711،617 ރުފިޔާ
މީގެ އިތުރުން ވެސް އަންހެނުން ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި ކޮންޓްރެކްޓް މުއައްޒަފެއްގެ އިތުރުން ސްޕޯޓްސް ސްޓާފަކަށްވަނީ ފައިސާ ދޫކޮށްފައެވެ.
ކައުންސިލުން މި ރިޕޯޓާމެދު ދެކެނީ ކިހިނެއް؟
އެލްޖީއޭއިން އާއްމުކުރި ރިޕޯޓާއި ގުޅިގެން ދުވާފަރު ކައުންސިލުންވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އެލްޖީއޭގެ ރިޕޯޓުގައި ހަޤީގަތް އޮޅޭގޮތަށް ގިނަ ވާހަކަތަކެއް ހިމަނާފައިވާކަމަށެވެ. އަދި ކައުންސިލަށް ޖަވާބުދާރީވާން ފުރުޞަތު ނުދީ ރިޕޯޓު އާއްމުކުރުން ބަލައިނުގަނެވޭ ކަމަށްބުނެ އެކަން ކުށްވެރިކޮށްފައިވެސް ވެއެވެ.
މީގެ އިތުރުން ރޕޯޓުގައި ބަޔާންކޮށްފައިވާ މާލީކަންކަމުގެ ތަފްސީލުތައް ކައުންސިލްގައި ހުރި ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތު ހިއްސާކުރާނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އޭސީސީން މައްސަލަ ބަލަން ފެށުން.
ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަން ފަށައިފާވާކަން އެ ކޮމިޝަނުން ވަނީ އިއްޔެ ހާމަކޮށްފައެވެ. ރަށު ރައްޔިތުން ތިބީ މައްސަލަ ނިމޭނެ ގޮތެއްގެ އިންތިޒާރުގައެވެ.


5 Responses
ހުސް ވަގުންދޯ؟ ގާނޫނުގެ އޮތް އަދަބު ދީ.
ކޮބާ ޤާނޫންގައި ބުނާ އަތޮޅުއިދާރާ
ތިޔަ ފިޔާ ތޮށި ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލްއެއް.. އެމްޑީޕީގެ މެޖޯރިޓީ އޮތްނަމަ އެމްޑީޕީ ކައުންސިލޭ ކިޔާފަ ލިޔާނި.. މިހާރު ޕީޕީ ވީމަ ގުޅިގެން ޕާޓީއަކަށް ނުބަލާ ކުރިކަމަކަށް ހަދާލީ..
އެފަދަ ބޮޑެތި ވައްކަންތައް ކުރާއިރު ތިމާ ޤިޔާމަތްދުވަހުން މާތްﷲ ގެ ހަޒްރަތަށް ހާޒިރުވާން ޖެހޭނެކަން ހަދާންކުރަން އެބަޖެހޭ. ރައްޔިތުންގެ ޓެކްސް ފައިސާއަކީ ޤައުމު ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ރައްޔިތުން ހައްގެއްކަން ވިސްނާލަން އެބަޖެހޭ. އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެކަމެއް މާތްﷲ އެމީހެއްގެ ކިބައިން ބަދަލު ނަންގަވާނެކަން، އަޅުގަނޑުމެން މުސްލިމުންނަށް ސާފުކޮށް އެނގޭކަމެއް. ވީއިރު މި ދުނިޔޭގެ ވަގުތީ ފައިދާއަށް މިކުރާ ކަންކަމުން އާހިރަތުގައި ތިމާއަށް ލިބިދާނެ ގެއްލުމަކާއި މެދު ކުޑަކޮށްވެސް ވިސްނާލެއްވީމުތޯ؟
ދުނިޔޭގައި ދިފާއީ ވަކީލުންނާއި ނުފޫޒު ބޭނުންކޮށްގެން ކަންކަމުން ރެކެވިދާނެ.އަދި އޮޑިޓްކުރާއިރު އެމީހުންނަށް ހޯދައިނުގަނެވޭނޭ ގޮތަށް ރައްޔިތުންގެ ހައްޤުތަކަށް ނާޖާއީޒް ގޮތުގައި ބޭނުންކުރެވިދާނެ.. ނަމަވެސް އާހިރަތްދުވަހުން މަހުޝަރުގެ ބިންމަތީގައި ތިބޭއިރު، ތިމާގެ ފަތް އަތަށްލިބޭއިރު އޭގައި ތިމާކުރި ހުރިހާކަމެއް ސާފުކޮށް ފެންނާން އޮންނާނެކަމީ ކަށަވަރުވާކަމެއް. މީހުންގެ ހައްޤުތަކަށް އަރައިގެންފައިވާނަމަ އެކަމުގެބަދަލު ދޭންޖެހޭނެކަން ތާއަބަދު ހަދާންކުރާތި.
ވިސްނާ ދެނެގަންނަންވީ ތިމާބޭނުމީ ދުނިޔޭގެ ވަގުތީ ދަޅަތައްތޯ ނޫނީ އާހިރަ ދާއިމީ ނިއުމަތްތޯ. މާތްﷲ އެންމެންނަށް ހެޔޮވިސްނުންދެއްވާށި. އާމީން ޔާރައްބަލް އާލަމީން.
ގުޅިގެން މި ގައުމު ކުރިއައް ގެންދަން ފިސާރި ކެރިގެން