ގާނޫނުތައް ހަމަހަމަކަމާއިއެކު ތަންފީޒު ކުރަން ޖެހޭކަމަށާއި ރާއްޖޭގައި އޮތީ އޯވެލް ގެ އެނިމަލް ފާމް ގެ ހުކުމްކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން އަބަދުވެސް އަންނަނީ ގާނޫނު ހަމަހަމައަށް ހުރިހާ ފަރާތްތަކަށް އިންސާފުވެރިކަމާއިއެކު ތަންފީޒު ނުކުރާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ވެރިކަމުގައި ތިއްބެވި އިސް ފަރާތްތަކަށް ތުހުމަތެއް ކުރެވުނު ނަމަވެސް އެ ފަރާތެއް ހައްޔަރުކޮށް، މައްސަލަ ތަހުގީގުނުކުރާކަމުގެ ޝަކުވާ އިދިކޮޅުގެ އިސް ފަރާތްތަކުން އަންނަނީ ކުރަމުންނެެވެ.
ގައުމު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވަނީ، އެމަނިކުފާނުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ.
މިއާއިއެކު އިދިކޮޅުން އަންނަނީ ރައީސް ސާލިހުގެ މައްޗަށް ކުރެވުނު ތުހުމަތުގެ އިންސާފުވެރި ޝަރީއަތެއް ކުރުމަށްޓަކައި މަގާމުން ދުރުވުމަށް ގޮވާލަމުންނެވެ.
މި ދަނޑިވަޅުގައި ޓްވީޓެއްކުރައްވާ އާދަމް ޝަރީފް ވިދާޅުވެފައިވަނީ ގާނޫނުތައް ހަމަހަމަކަމާއިއެކު ތަންފީޒް ކުރަންޖެހޭކަމަށާއި ރާއްޖޭގައި އޮތީ އޯވެލްގެ އެނިމަލް ފާމް ގެ ހުކުމްކަމަށެވެ. އެފަދައިން ވިދާޅުވެ އާދަމް ޝަރީފް ވަނީ ޓްވީޓުގައި އޯވެލްގެ އެނިމަލް ފާމްގެ ހުކުމްކަމަށް އިޝާރާތްކޮށް، ހުރިހާ ޖަނަވާރުން ހަމަހަމަ ވީ ނަމަވެސް ބައެއް ޖަނަވާރުންގެ ހަމަހަމަކަން އެހެން ޖަނަވާރުންނަށް ބޮޑުވާނޭ ދޭހަވާފަދަ އިގިރޭސި ކުއޮޓެއް ހިމަނުއްވާފައެވެ.
Qaanoonuthah hamahamakamaaeku thanfeezu kuranjehey! Raajjeygai miothee Orwell ge animal farm ge hukum. "All animals are equal but some animals are more equal then the others". Emmennah qaanoonu hamahamakamaaeku nuhingaa nama adhuluveri verikamakah nuvaane! Miee faasigu verikameh!
— Adam Shareef Umar (@Adamshareefz) July 30, 2022
އެންމެންނަށް ގާނޫނު ހަމަހަމަކަމާއިއެކު ނުހިނގާ ނަމަ އަދުވެރި ނުވާނެކަމަށް ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވެފައިވަނީ މިއީ ފާސިގުވެރިކަމެއްކަމަށެވެ.

