ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ބޭއްވި އިސްރައްވެހިންގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ހޯރަފުށީގައި ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.
އަދި މިނިސްޓަރ އިމްރާން ދެއްކެވި ފާހަކަފުޅުގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަލުއްވާލެއްވިއެވެ.
”ރަސޫލާ ސައްލައްﷲ އަލައިހި ވައްސަލަމް ހަދީސް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާ ގޮތަކީ އެ ދެމީހެއްގެ ހުރިހާ ބަހާތައް އެކައްޗަކަށްވެ އެކަތިގަނޑަކަށް ހަދަނީ. ރަހްމަތްތެރި ކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާ“ މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށާއި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

