ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތަކީ”ޓޮކްސިކް ރިލޭޝަންޝިޕެއް”

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ގައުމުތަކާއި ގާތް ގުޅުމެއް އޮތުމަކީ މުހިންމު ކަމަކެވެ. އެހެން ނަމަވެސް، އެ ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އުސޫލުތަކާއި އަސާސްތައް ފުންޑުފުނޑުވާނަމަަ، އެ ގުޅުމަކީ، ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެކެވެ. އަދި އެ ގުޅުން ދަމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ.

ހާރިޖީ ސިޔާސަތުގެ ވާހަކައަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގާއިމު ކުރެވުނީއްސުރެ އެންމެ ގިނައިން، ސަރުކާރުގެ އިސްވެރިން ދައްކަވާ އެއް ވާހަކައެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި، ބަހާއި، އިހުސާސްތަކަކަށްވުރެވެސް، އިސްކަން ދެމުން އަންނަ ސިޔާސަތެއްކަން ފާހަގަކުރެވެއެވެ.

ހާރިޖީ ސިޔާސަތުތައް ވަރުގަދަވުން އިންތިހާއަަށްވެސް މުހިންމެވެ. އަދި އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއްވެސް ލިބެއެވެ. އެހެން ނަމަވެސް، ވަކި ގައުމަކާއި އެކަނި ގުޅުންތަކެއް ބޭއްވުމަކީ، ސިޔާސަތެއް ތޯއެވެ. ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތަކީ “އިންޑިއާ ފަސްޓް” ސިޔާސަތެވެ. އިންޑިއާއިންވެސް “މޯލްޑިވްސް ފަސްޓް” ގެންގުޅޭނަމަ ރަނގަޅެވެ. ބަލާ ވަރަކުން އެ ބަޔަކަށް ބެލުމަކީވެސް ރަނގަޅު ގޮތެކެވެ. އެހެން ނަމަވެސް މޫނުމަތީ ކޮޅުފައިންޖަހާއިރު، ބަލަހައްޓައިގެން ހުރުމަކީ ރަނގަޅު ގޮތެއްކަމަކަށް ނުދެކެމެވެ. އަދި ގެންބިގެންދާއިރު، ބަލަހައްޓައިގެން ހުންނާނެ ފަރާތަކީ ތިމާގެ ގާތް އަހެއްކަމަށް ދެކުމަކީވެސް ބުއްދިވެރި ކަމެއް ނޫނެވެ.

ރައްޓެއްސަކު ހިޔާރު ކުރާއިރު، އެ މީހަކީ، ތިމާގެ މަސްލަހަތަށްވެސް އިސްކަމެއް ދޭނެ ފަރާތަކަށްވުމަކީ، ގެންގުޅެންވާ ރަނގަޅު އުސޫލެކެވެ. ނޫން ނަަމަ ގިނަ ފަހަރު ތިމާގެ ޔާރުގެ ފަރާތުން ތިމާގެ ހަޔާތައްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ރާއްޖެއިން މިވަގުތު ފެނިގެންދަނީ އެފަދަ މަންޒަރުތަކެކެވެ. އެއްވެސް ހާލަތެއްގައި އިންޑިއާ ގޯސް ކުރަނީކީ ނޫނެވެ. އަދި ރައީސް ސާލިހުވެސް ގޯސްކުރަނީކީ ނޫނެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ގެންގުޅުއްވާ މޮޅެތި ސިޔާސަތުތަކުން ވެގެންދަނީ ގެއްލުންކަން، ބާލާ ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ނުބެލިޔަސް އަޑުވެސް އިވެނީއެވެ.

ރައީސް ސާލިހު، އިންޑިއާ ރުއްސަން ނުކުރައްވަނީ ކޮންކަމެއްތޯ ސުވާލު ކުރެވޭ ހިސާބަށް ގޮސްފިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި މެދު ސުވާލުތައް އުފެދި، ރައްޔިތުން ނުތަނަވަސްކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދެއެވެ. ވެރިކަން ކުރަނީ އެމްޑީޕީ ނުވަތަ އިދިކޮޅު ޕީޕީއެމްގެ މެމެބްރުންގެ މައްޗަށް އެކަންޏެއް ނޫނެވެ. އެންމެހާ ދިވެހި ރައްޔިތުންގެ މައްޗަށެވެ. އެހެންކަމުން ރައީސް ސާލިހު ނަންގަވާ ކޮންމެ ފިޔަވަޅެއްގެ ރަނގަޅު އަދި ނުރަނގަޅު އަސަރުތައްވެސް ހުރިހާ ރައްޔިތުންނަށްވެސް އިހުސާސު ކުރެވޭނެއެވެ.

ސިޔާސީ ޕާޓީތަކަކީ ހުރިހާވެސް އެއްޗެކޭ ހީކުރާ ބަޔަކު ވެރިކަމެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަކަށް ނުދެކެމެވެ. ސަބަބަކީ އެންމެހާ ރައްޔިތުންނަކީ ޕާޓީތަކަކަށް ނިސްބަތްވާ ބަޔަކަށް ނުވާތީއެވެ. އެހެން ނަމަވެސް ޕާޓީތަކުގެ ކޯޅުންގަނޑުގެ ތެރޭގައި ހުރިހާ ރައްޔިތުންނަވެސް އަސަރުތަކެއް ކުރާތީއެވެ. މުޅި ރާއްޖޭގެ ވެރިކަންކުރާ ފަރާތް، ޕާޓީގެ ފިކުރެއްގައި ޖެހި ޕާޓީއަކަށް އިސްކަން ދިނުމުން ހަނާވަނީ ދިވެހި ރައްޔިތުންނެވެ.

ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވައިގެން، ހިންގަމުންދިޔަ “އިންޑިއާ އައުޓް” ހުއްޓުވުމަށް ގަރާރެއްގައިވެސް ސޮއިކޮށް ނެރުއްވައިފިއެވެ. ވާހަކަ ފެތުރިފައިވާ ގޮތުން، ހާރިޖީ ގުޅުމަށް ބުރޫ އަރާ އަމަލުތައް ކުށަކަށް ހެދުމުގެ ނަމުގައި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ގެނެސްގެންވެސް ކުރަން މިސްރާބު ޖަހާފައިވާ މަސައްކަތަކީވެސް އިންޑިއާގެ ނޭދެވޭ ވާހަކަތައް ދެއްކުން ހުއްޓުވާލުމެވެ.

ވޭތުވެ ދިޔަ ވެރިކަންތަކަށްވެސް އިންޑިއާގެ ނުފޫޒު ފޯރާނެކަން ހަމަ ޔަގީނެވެ. އެހެން ނަމަވެސް މިއަދު އެކަން މައްސަލައަކަށް ވެފައިވަނީ ވެރިކަމުގައި ތިބި ފަރާތްތަކުގެ އިތުރުން ރައްޔިތުންގެ އާންމު ދިރިއުޅުމަށްވެސް އެ ނުފޫޒޫ ފޯރަފާނެހެން ހީވުމުންނެވެ.

ދާދި ފަހުން ދިވެހިރާއްޖޭގައި ހިންގައި ދިޔަ، ޔޯގާ ޑޭގެ ހަމަނުޖެހުމަކީވެސް ރައީސް ސާލިހުގެ މޮޅު ހާރިޖީ ސިޔާސަތުގެ ނަތީޖާއެވެ. އެ މަނިކުފާނުގެ އަމަލުތައް ބައްޓަންވެފައިހުރި ގޮތުން، ދިވެހި ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް ސިފަވަނީ ހަގީގަތެއް ހެނެވެ. އެއްބަސްވުމެއް އޮތަސް ގައުމީ ސަލާމަތޭ ބުނުމަށްފަހު ފޮރުވަނީއެވެ. ގައުމުގެ އެތެރޭގައި ބޮޑު ހަމަ ނުޖެހުމެއް ހިނގައިދާނެކަމުގެ ބިރު ހީވެފައިވީނަމަވެސް، ޔޯގާ ޑޭއެއްވެސް ބާއްވަން ޖެހެނީއެވެ.

އެއްވެސް ޒާތެއްގެ ހަމަނުޖެހުމަކަށް ތާއީދެއް ނުކުރަމެވެ. އެއްވެސް ހާލަތެއްގައި ބަޔަކަަށް ނުވަތަ ތަނަކަށް ގެއްލުން ދިނުމަށްވެސް ތާއީދެއް ނުކުރަމެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވެރިކަމެއް ކުރުމަކީ މުހިންމު ކަމެއްކަމަށްވެސް ދެކެމެވެ. އެހެން ގައުމެއްގެ ވެރިޔަކު، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއާއި މެދު ހިތްހަމަ ޖެހުމަށްވުރެ، މުހިންމު ވާންޖެހޭނީ ދިވެހި ރައްޔިތުން އެ ފަރާތަކާއިމެދު ދެކޭ ގޮތެވެ.

ހާރިޖީ ސިޔާސަތަކީ އެންމެ ގައުމަކާއި ގާތް ގުޅުމެއް ބޭއްވުން ނަމަ، އެކަން ވެގެންދާނީ ޖޯކަކަށެވެ. ބިލިއަނުން މީހުން ތިބޭ އިރު ގެންގުޅޭނީ އެންމެ ރަހުމަތްތެރިއެކޭ ބުނުމާއި އެއްފަދައެވެ. އިންޑިއާ ނޫނަސް ގައުމުތައް ތިބެއެވެ. ރާއްޖެއާއި ގާތް ގުޅުންތައްވެސް ބާއްވަން ތައްޔާރަށް ތިބޭނެކަން ޔަގީނެވެ. އަދި ބާއްވަމުންވެސް ދެއެވެ. އެކަން އެކި ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންނަށް ސާފުކޮށް ފެނިގެންދާނެއެވެ.

ވަކި ފަރާތަކާއި ދޭތެރޭގައި އޮތް ގާތް ގުޅުމުން ވެގެންދިޔަ ފައިދާތަކަކީ ކޮބާތޯއެވެ. ފައިދާއެއް ވެފައިވާނަމަވެސް ލިބިގެންގޮސްފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެކަންކަންވެސް ވެފައިނުވުމާއި އެއްފަދަވާ ހިސާބަށް ގޮސްފިއެވެ. ދިވެހިރާއްޖެއާއި މެދު ބައިނަލްއަގުވާމީ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކުން ގައުމުގެ އަގުވެސް ވެއްޓެނީއެވެ. އިސްލާމީ އެތައް ގައުމެއްވެސް އެބަ ތިއްބެވެ. އޭގެން ގައުމަކާއި ގުޅުން ބަދަހި ކޮއްލައިގެންވެސް ފައިދާތައްވާނެކަން ޔަގީނެވެ.

އެހެން ގައުމެއްގެ ވެރިންތަކެއް ރުއްސަން އަމިއްލަ ނަފްސައް ގެއްލުންތަކެއް ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވީ، ގިނަ އަދަދެއްގެ މީހުންގެ އުންމީދުތަކާއިވެސްއެކުއެވެ. އެހެން ނަމަވެސް ގެންގުޅުއްވާ މޮޅު ހާރިޖީ ސިޔާސަތުން ރައީސް ސާލިހަށް ވާ ފައިދާއެއް ނެތްފަދައެވެ. އެ މަނިކުފާނަކީ، “ދަށުވެފަ” ހުރި ލީޑަރެއްކަމަވެސް ބުނަނީއެވެ. “ވަގެއް” ކަމަވެސް ބައެއް ފަރާތްތަކުން ބުނަނީއެވެ. މިއީ އަޅުގަނޑުގެ ގައުމުގެ ރައީސުލްޖުމުހޫރިއްޔާއާއިމެދު ދެކެވޭ އަޑު އަހަން ބޭނުން ނުވާ ވާހަކަތަކެކެވެ. އެހެން ނަމަވެސް އަބަދަކު ލޯމަރައިގެން ކަންފަތް ލައްޕައިގެނެއްވެސް ނުހުރެވޭނެއެވެ.

ރައީސް ސާލިހުގެ ސަރުކާރާއި އިންޑިއާގެ ގުޅުން އެ މަނިކުފާނަށް މިހާރު “ޓޮކްސިކް ރިލޭޝަންޝިޕަކަށް” ވާނެކަން ޔަގީނެވެ. މޯދީ ހިނިތުންވެލާ މަންޒަރު ބެލުމުގެ އަގަކީ އެ މަނިކުފާނު ގެންބުމެވެ. އެ މަނިކުފާނުގެ ގަދަރާތް އިއްޒަތްވެސް އަމިއްލަ އަތުން ވެއްޔާއި މޮޑެލުމެވެ. ކައިރީ ތިބި މަދު ބަޔަކުވެސް އެ ހިނިތުންވުން ދެކިލުމައްޓަކައި ގުރުބާންވެ ގޮސްފިއެވެ. އެކަމުގެ އެއް މިސާލަކީ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އަމީރެވެ.

މިނިސްޓަރު އަމީރަށް ކޮންބައެއްކަން ސާފުކޮށް އެނގިހުރެ ބައިނަލްއަގުވާމީ މާލީ ވުޒާރާއެއްގެ އިސްވެރިއަކު ރިސެޕްޝަނިސްޓަކަށްވެސް ހަދަން ޖެހުނީއެވެ. އެވަރު ނުވެގެން މާލީ ވުޒާރާތައް ގެނެސް ރިޕޯޓުތައް ހަދުވައި، ދެމުންދާ އިރުޝާދުތަކާއި ދެކޮޅަށް މަސައްކަތްކުރަންވެސް ޖެހުނީއެވެ. މިނިސްޓަރު އަމީރަށް މާލީ އިދާރަތަން ނެރޭ ރިޕޯޓުތަކުގައި ސާފު ބަހުން ލިޔެފައިވާ އިރުޝާދުތައް ފަހުމް ނުވާކަމަށްވެސް ހެދެން ޖެހުނީއެވެ. މިއީ އެއްވެސް ވަރަކަށް އަޅުގަނޑު ކައިރިއަށް ހިނި އަންނަ ވަރު ކަމެއް ނޫނެވެ. މިއީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ދިވެހި ދަރިއަކަށްވީތީއެވެ. އެހެން ނަމަވެސް ލޯނުތައް ނަގައިގެން ކުރެވިފައިވާ މަސައްކަތެއް ނެތްކަމަށް ބުނުމަކީ ދޮގެއްވެސް ނޫނެވެ.

އިންޑިއާ ރުއްސުމަށް ރައީސް ސާލިހުގެ ސަރުކާރުން ކޮށްފައިވާ އެންމެ ނޭދެވޭ އެއްކަމަކީ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ދިވެހި އަސްކަރީ ބާރުތަކުގެ އަގުވައްޓާލުމެވެ. އަސްކަރީ ބާރުތަކާއި ހަވާލުވެ ހުންނެވީ މިނިސްޓަރު މާރިޔާ ދީދީއެވެ. “އަސްކަރީ” އޭ ބުނުމުން، އެއީ “އަސް” މަހުން ކައްކާފައިވާ “ކަރީ” ތަށްޓެއްކަމަށް އެ ކަމަނާއަށް ހީވާކަހަލައެވެ.

އެ ކަމަނާ އުޅުއްވާ ގޮތުން ހީވަނީ އިންޑިއާއިން ދިވެހިރާއްޖޭ ހިފުމަށް މަސައްކަތްކޮށްފިނަމަ، ދިވެހި ސިފައިން ކުޑަ ކަކޫޖަހާނެހެނެވެ. އެކަމަނާ އެކަން ކުރެއްވި ނަަމަވެސް ދިވެހި ސިފައިންގެ ބޭފުޅުންނެއް އެކަމެއް ނުކުރާނެއެވެ. އެފަދަ ދުވަހެއްގައި ދިވެހި ސިފައިން ބަލަހައްޓައިން ނުތިބޭނެކަން ތާރީހުންވެސް ސާފުވެއެވެ. އެއް ފަހަރެއްވެސް ނޫނެވެ. އެތައް ފަހަރެއްގެ މަތިންނެވެ. އެހެން ހީވާނަމަ، ޝަހީދު ހުސައިން އާދަމް މަތިން ހަނދާން އާކޮއްލުން ރަނގަޅުކަމަށް ދެކެމެވެ.

އިންޑިއާއިން ދިވެހި ސިފައިންނަށް ޓްރެއިނިންގްތަކެއް ދިންކަމާއިމެދު ޝައްކެއްވެސް ނެތެވެ. އަދި އެކަމަށް ޝުކުރުވެރިވަމެވެ. އެހެން ނަމަވެސް، ޓްރެއިނިންގެ ތެރޭގައި ހިތްވަރުތަކެއް ކޮށްފައިވަނީ، ދިވެހި ސިފައިންނެވެ. އަދި އެ ފަރާތްތަކަށް އެ އުކުޅުތައް ދަސްކުރުމުގެ ކުޅަދާނަކަން ލިބިފައިނުވާނަމަ އެކަމެއް ނުވާނެއެވެ. ހުރިހާ ކްރެޑިޓެއްވެސް ހައްގުވަނީ ދިވެހި އަސްކަރިއްޔާގެ ސިފައިންނަށެވެ. ފޮތެއްގައި އެއްޗެއް އޮތަކަސް، މީހަކު ކިޔައިދިނަކަސް، ދަސް ނުކުރާނަމަ، ދަހެއްވެސް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ނަން ވެއްޔާއި މޮޑެވިގެންދާއިރު، ދިވެހި ކޮންމެ ރައްޔިތެއްގެ ނަމަށްވެސް ހުތުރުވެއެވެ. ބޭރު ގައުމުތަކަށް ނިސްބަތްވާ ރައްޓެހިންތިބޭ ދިވެހިން ކައިރީ، ރާއްޖޭގެ އިސްވެރިނަށް މި ވަނީ ކިހިނެއްތޯ އަހާނެކަންވެސް ޔަގީނެވެ. އެހެން ގައުމުތަކުންވެސް ރާއްޖޭގެ ސިޔާސީ ކުޅިވަރު ޕޮޕްކޯރން ހިފައިން ކޮމެޑީއެއް ބަލާ ބީދައިން ބަލަން ތިބޭ ކަހަލައެެވެ. މިފަދަކަންކަމަކީ އެއްވެސް ހާލަތެއްގައި އެދެވިގެންވާ ކަންކަމެއް ނޫނެވެ.

ރައީސުލްޖުމުހޫރިއްޔާއަށް ދަންނަވަން އޮތް ވާހަކައަކީ، ރާއްޖެ އިސް ކުރައްވާށެވެ. ރާއްޖޭގެ ރައްޔިތުން އިސް ކުރައްވާށެވެ. އިސްވެރިޔާގެ މަގާމުގައި ހުންނަވާނަމަ، މި ކަންކަމަކީ އެންމެ ފުރަތަމަ އަހައްމިޔަތު، ސަރަކާރުގެ ހާރިޖީ ސިޔާސަތަކީ “އިންޑިއާ ފަރސްޓް” ނަމަވެސް މަނިކުފާނުގެ އެންމެ ފުރަތަމަ ސިޔާސަތަކަށް ވާންޖެހޭނީ “މޯލްޑިވްސް ފަރސްޓް”އެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: