ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ޓްވީޓްތައް ކާނަލް ނާޒިމަށް ހަޖަމެއްނުވި! 

ކާނަލް ނާޒިމް— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ފާޅުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ފާޑުވިދާޅުވި ދުވަހެކެވެ. ރައީސް ޔާމީން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމަށް ޖެހިފައިވާ ހާލަތުގެ ޒިންމާއިން ގާސިމާއި ނާޒިމަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި އެދެބޭފުޅުންނަކީ މަރުދުވަހާ ހަމައަށް ވެސް ގައްދާރުން ކަމަށެވެ.

އެއާއިއެކު ވަގުތުން ނާޒިމް ވަނީ ރައީސް ޔާމީނަށް ރައްދުދެއްވާފައެވެ. ނާޒިމް އަމިއްލަފުޅަށް އޭނާއަކީ ވަތަނީ ލީޑަރެއްކަން ސާބިތުކޮށްދެއްވަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެންމެ ބޮޑު ގައްދާރަކީ ޔާމީން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި 2013 އިން 2018 އަށް ރައީސް ޔާމީން ކުރެއްވީ “ނަޖިސް” ވެރިކަމެކެވެ. އެއީ ރިޝްވަތާއި ހިޔާނާތް އަދި ވައްކަމާއި މަކަރާއި ހީލަތް އާންމުކުރި ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ރައީސް ޔާމީނާ ސިޔާސީ ގޮތުން ނުވަތަ އެ ނޫން ގޮތަކަށްވެސް ހިޔާލު ތަފާތު އެންމެން ވަނީ ޖަލަށް ލާފައެވެ. އަދި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ނާޒިމަށް ރައްދުދޭން ދެން ނިކުތީ ރައީސް ޔާމީންގެ ސަޕޯޓަރުންނެވެ. ޓްވިޓާގައި ނާޒިމަށް ފާޑުވިދާޅުވެ ރައީސް ޔާމީން ދިފާއު ކުރައްވަމުން ރައީސް ޔާމީންގެ ސަޕޯޓަރުން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެން ދިޔަ ދަރުމަވަންތަ ހޮސްޕިޓަލާއި ސިނަމަލާނެ ބުރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުން ފެންނަން އޮތް ހަގީގަތަކީ ރައީސް ޔާމީންގެ މައްޗަށް އިދިކޮޅުން ކުރާ ތުހުމަތުގެ ބުރަދަނެއް ނެތްކަން ކަމަށެވެ. އެއިން އެއްވެސް މަޝްރޫއަކާއި ގުޅޭ ހިޔާނާތުގެ އެންމެ މައްސަލައެއް ވެސް ތަހްގީގު ވެސް ކުރެވިފައި ނެތްކަމަށް ސަޕޯޓަރުން ބުނަން ފެށިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމް ޖަލަށްލީ ގެއިން ފިސްތޯލައެއް ފެނިގެން ކަމަށާއި އެއީ ނާޒިމް އެގެއަށް ވެއްދި އެއްޗެއް ނޫންކަން ސާބިތުކޮށްދޭން ޖެހޭނީ ނާޒިމް ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ބުންޏެވެ.

ނާޒިމަކީ ރައީސް ވަހީދުގެ ވެރިކަމުގައި އެމެރިކާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް އެއްބަސްވުމެއްގައި ހަދައި އެއްބަސްވުމުގައި ސޮއި ކުރައްވަން އުޅުއްވި ބޭފުޅެއް ކަމަށް ވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ވިދާޅުވެއެވެ. އަދި އިތުރު ބޮޑެތި ތުހުމަތުތަކެއް ވެސް އެފަރާތްތަކުން ނާޒިމަށް ކުރިއެވެ.

އެއާއިއެކު ދެން ފެނިގެން ދިޔައީ ނާޒިމް ފާޑުކިޔާ ފަރާތްތައް ޓްވިޓާ އިން ބްލޮކް ކުރަން ފެށި މަންޒަރެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ނާޒިމް، އެމީހުން ބްލޮކް ކޮށްފައިވާ ސްކްރީން ޝޮޓްތައް ވެސް ޓްވީޓް ކޮށްފައެވެ.

ބައެއް މީހުން ވަނީ މީހަކު ކުރާ ޓްވީޓެއް ހަޖަމު ނުކުރެވޭ އިރު ނާޒިމް ގައުމުގެ ރައީސްކަން ކުރާނީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ.

ނާޒިމް ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: