ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމުން ވަކި ކުރަން ޖެހެނީ ނަޝީދުތޯ ސާލިހުތޯ، ދެ ބޭފުޅުން އެކުގަތޯ؟

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެންބަރުން ފަށައިފިއެވެ. އަދި ހަމައެއާއިއެކު މަޖިލީހުގެ ނައިބު ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އާއިލީ މެންބަރެއްކަމުގައިވާ އީވާ އަބްދުﷲ ވެސް މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ މެންބަރުން ނިންމަން މެދުވެރިވީ ސަބަބަކީ ރައީސް ނަޝީދު އަދި އީވާ އަބްދުﷲ ވެސް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމެވެ.

އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕް އަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖުގައި ވަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއި ބަދުއަހްލާގީ އަމަލު ނުވަތަ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ވަނީ ފޮނުވާފައިވާކަމަށެވެ. އެއާއިއެކެ އީވާ އެއްސެވީ ޒިނޭ ކުރުމާއި ރާބުއިމަކީ ރައީސް ސާލިހު ނުކުރައްވާ ކަމެއްތޯއެވެ.

މައްސަލަ ފެށުނު ހިސާބަކީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮށްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އެކަމުގެ ޖަޒުބާތުގައި ޖެހިވަޑައިގެންނެވުމުންނެވެ. ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އަމަލުކުރެއްވި ގޮތް އެމްޑީޕީގެ މެންބަރުން ސިފަ ކުރެއްވީ ކޮށްކޮ ހައްޔަރުކުރުމުން ކޮންޓްރޯލުން ނެއްޓުނީކަމަށެވެ.
ރައީސް ނަޝީދު ނާޒިމްގެ ދިފާއުގައި ނިކުންނަވާ ދެއްކެވި ވާހަކަތަކުން ދޭހަވީ އެމަނިކުފާނުގެ އާއިލީ ފަރާތެއްނަމަ ގާނޫނު އަރާ ހަމަކުރެވިގެން ނުވާނެޔޭ ވިދާޅުވާފަދައިންނެވެ. އެކަމުގެ ޖަޒުބާތުގައި ޖެހިވަޑައިގެން ސަރުކާރަށް އަމާޒުކުރެއްވި ފާޑުކިޔުންތަކާއި، ރައީސް ސާލިހަށް ކުރެއްވި ތުހުމަތުތަކުގެ ސަބަބުން، ރައީސް ނަޝީދާއި، އަދި އެކަމުގައި ރައީސް ނަޝީދަށް ހިތްވަރު ދެއްވި އީވާގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ލިޔުމުގައި އެމްޑީޕީގެ 18 މެންބަރަކު ސޮއިކޮށްފިއެވެ.

ދެ ފެކްޝަނަކަށް ހިގާ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ރައީސް ސާލިހާއި ނުރުހުންވާ މެންބަރުން ވިދާޅުވީ ރައީސް ސާލިހުގެ އިބާރު ނެތްކަމުގެ ވޯޓެއް ނަގަނީނަމަ ވޯޓު ދެއްވާނެ އެތައް މެންބަރުންނެއް އެމްޑީޕީގައި ތިބޭނެކަމަށެވެ.

ހަމައެފަދައިން އަޅުގަނޑުގެވެސް އުފެދޭ ސުވާލަކީ ރައީސް ސާލިހުގެ އިތުބާރު އެބަ އޮތްތޯއެވެ.

ގައުމުގެ ވަލީއުލްއަމްރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު، މަގާމުން ވަކި ކުރެވޭނީ ނުވަތަ އިތުބާރު ނެތްކަމަށް ނިންމެނީ 3 ޝަރުތެއް ފުރިހަމަވެގެންނެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ އިސްލާމްދީނުގެ އަސްލަކާއި ނުވަތަ ގާނޫނު އަސާސީ އާއި ނުވަތަ ގާނޫނަކާއި ކަނޑައެޅިގެން ހިލާފުވުމެވެ. ދެވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުމެވެ. ތިންވަނަ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލް ވުމެވެ.

އިސްާމް ދީނުގެ އަސްލަކާއި، ނުވަތަ ދީނުގައި ކަނޑައަޅުއްވާފައިވާ ހައްދު ކަނޑައެޅިފައިޥާ ކުށަކަށް އަރައިގަނެފައިވާކަމުގެ ތުހުމަތު ރައީސް ސާލިހަށް ކުރެއްވީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއެވެ. އެމަނިކުނާއިއެކު އުޅެ ބޮޑުވި އެންމެ ގާތް މިތުރެވެ. އެހެންކަމުން އެފަދަ ކުށަކަށް އަރައި ނުގަންނަކަމުގެ ފުރިހަމަ ޔަގީންކަން ސީދާ ރައީސް އަމިއްލަފުޅަށް ދިވެހިންނަށް އެމަބިކްފާނުގެ ތަރުޖަމާނާއިނުލާ ދެއްވަން އެބަޖެހެއެވެ.

ދީނާއި ހިލާފު އެތައްކަމެއް މުޖުތަމުގެ ތެރޭގައި ހިގަމުންގޮސް އެފަދަ ކަންކަން ފެޝަނަކަށް ވެގެން ދިޔައިރުވެސް ފިޔަވަޅު އެޅުނީ އެއްބަޔަކަށެވެ. އެކަންކަމާއިމެދު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ރައިސް ސާލިހުގެ ކޮންމެ ހިތާބެއްގައިވެސް މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފާތިލަ ސާބިތުކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައެވެ. ނަމަވެސް ރައްޔިތުން މިއަދު ބުނަނީ މި ސަރުކާރުގައި އެ ސިފަ ނެތްކަމަށެވެ.

ދެން އޮތީ ރައީސްކަމުގެ މަސްއޫލިއްޔަތު ގާބިލުކަމާއިއެކު އަދާކުރެއްވުމެވެ. އެ މަސްއޫލިއްޔަތު ނުފޫޒުން އެއްކިބާވެ ގާބިލުކަމާއިއެކު އެމަނިކުފާނަށް އަދާ ކުރެއްވޭކަމާއިމެދު އަޅުގަނޑަށް ޝައްކެވެ.

ސަބަބަކީ ހަމަ އެމަނިކުފާނުގެ އެންމެ ގާތް މިތުރާ ކުރެއްވި އަނެއް ބޮޑު ތުހުމަތެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހު ވަނީ ސަފާރީއެއްގައި ހިންގި ރޭޕުގެ މައްސަލައާއި، އެހެނިހެން ނޭދެވޭ އަމަލުތައް ނުބެލުމަށް ކޮމިޝަނަރ އޮފް ފޮލިސް މުހައްމަދު ހަމީދަށް އަންގަވައިގެން ތަހުގީގުތައް ހުއްޓުވާފައިކަމަށެވެ.

ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތީ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހުއްޓުވަން ވައުދުވެވަޑައިގަނެވެ. ރައީސް ސޯލިހް ވިދާޅުވާ ގޮތުގައި އެމަނިކުފާނު ސަރުކާރުގައި ކޮރަޕްޝަނަށް ދެއްވާނީ “ޒީރޯ ޓޮލަރެންސް” އެވެ. ނަމަވެސް އެކަމާއިމެދު ސުވާލު އުފެދޭ ވާހަކަތައް ދައްކަވަނީ ހަމަ އެމަނިކުފާނާއިއެކު ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި ހުރި އެންމެ ގާތް މިތުރެވެ.

ރައީސް ސާލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ އެންމެ ބޮޑު ބޭނުމަކީ ހިޔާނާތް ތަހުގީގު ކުރުމެވެ. އެ ކޮމިޝަނަށް އެތައް ހަރަދުތަކެއް ކުރެވި ނަތީޖާއެއް ނުނެރެވި އުވާލަން ޖެހުނީ ނަތީޖާ ނުނެރެވިގެންނެވެ. އޭސީސީވެސް އެހާލުގައެވެ.

ކޮރަޕްޝަނަށް “ޒީރޯ ޓްލެރެންސް” ދެއްވުމަށް ވެވަޑައިގެން ވައުދު ފުއްދުނުތޯ ނުފުއްދޭތޯ އެއްކިބާގައި ބާއްވަމާ ހިގާށެވެ. ވެރިކަމުގެ ދައުރު ނިމެން ގާތްވެފައިވާއިރުސް މިފަދަ ކަން ކަން ހުއްޓުވުމަށް ކުރި އެއްވެސް މަސައްކަތަކަށް ކުރިއެރުމެއްވެސް ނުލިބެއެވެ. ކުރެވުނު މަސައްކަތެއް ފެންނާކަންވެސް ނެތެވެ. އޭގެ ޖަވާބުވެސް ރައީސް ދެއްވަން އެބަޖެހެއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ރައީސް ސާލިހުގެ ކިބައިގައި އެބަހުންނެވިތޯ ސުވާލުއުފެދެއެވެ.

ކަން މިހެން އޮތްއިރު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އެންމެ އައުލާކަން ބޮޑީ ރައީސް ނަޝީދުގެ ހެއްޔެވެ؟ ނުވަތަ ރައީސް ސާލިހުގެ ތޯ ސުވާލުއުފެދެއެވެ؟ ނުވަތަ ދެ ބޭފުޅުން އެކަގަތޯއެވެ؟

ރައީސްކަމުގެ މަގާމުން ވަކިކުރުމަށް ބަލާ ސިފަތައް ރައީސް ސާލިހުގެ ކިބައިންނާއި ސަރުކާރުންވެސް ފެނިގެންދަނީ އިންތިހާއަށެވެ. އެހެންކަމުން އެންމެ އިންސާފުވެރި ގޮތްކަމުގައި ގިނަ ބަޔަކު އަދި އަޅުގަނޑުވެސް ގަބޫލު ކުރަނީ، އިންސާފުވެރި ތަހުގީގަކަށް ޖާގަ ދެއްވުމަށްޓަކައި ދެ ބޭފުޅުންވެސް މަގާމާއި ވަގުތީ ގޮތުން ނަމަވެސް އެކަހެރިވުމެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: