ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަވަށަށް، އެކުއްޖެއްގެ ޢާއިލާއަށް، އެކުއްޖެއްގެ ވެއްޓަށް މަންފާކުރަނިވި ކަމެއްގައި މަސްޢޫލުވެ އުޅުން މުހިއްމުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެ އެވެ.
ދިރާސީ އައު އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން މިނިސްޓަރު ނެރެފައިވާ ޚިތާބުގައި ދަރިވަރުންނަށް އަމާޒުކޮށް ވިދާޅުވެފައިވަނީ، އެކި ކަންކަމަށް އެކި މީހުން ހުނަރުވެރިވުމަކީ މާތް ރަސްކަލާންގެ ލައްވާފއިވާ ބޮޑު ނިއުމަތެއްކަމަށެވެ. އަދި ކޮންމެ ދަރިވަރެއްގެ ސަމާލުކަން ހަމައެކަނި ހުންނަންވާނީ ކިޔެވުމަށް އެކަނި ނޫންކަމަށާއި، އެހެންމީހުން ތިމާއަށް ކުރާ އިޙްތިރާމާއި ޤަދަރު ބިނާވެފައި އޮންނާނީ ތިމާގެ ފަރާޓުން އެތަނަކަށް ކުރާ އަސަރަކުން ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ދިރިއުޅޭ ތަނަށް މަންފާކުރާނެފަދަ ކަމެއްގައި މަސްއޫލުވެ އުޅުން މުހިއްމު ކަމުގައެވެ.
މީގެ އިތުރުން، ދިރިއުޅުމަށް ތައްޔާރުވުމަށްޓަކައިނކޮންމެ ކުއްޖަކުވެސް މަދުވެގެން ޢަމަލީ ދެ މަސައްކަތް ދަސްކުރުން މުހިއްމު ކަމުގައި މިނިސްޓަރުގެ ޚިތާބުގައި ފާހަގަކޮށްފައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު ފެށިގެންދާ ފުރަތަމަ ދިރާސީ އަހަރަށް ވުމާއެކު މިނިސްޓަރު ވިދާޅުވީ މި ދިރާސީ އައު އަހަރު ލިބިގެންދިޔަ އެއްމެ ބޮޑު އެއް އުފަލަކީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަނެވި އާއްމު ހާލަތުގައި ކިޔެވުމުގެ ހުރިހާ ހަރަކާތެއް ކުރިއަށްގެނދިޔުމުގެ ހެޔޮ ނަސީބު މާތް ﷲ މިންވަރުކޮށްދެއްވުން ކަމަށެވެ.

