ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިން، ދޮގުވެރިން، ކެހިވެރިން، ދަރަނިވެރިން.. ހައްތަހާވެސް ވެރިން!

ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ޔާމީން، ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ޒާތުގެ ވެރިން ތިބެއެވެ. އަނިޔާވެރިން، ދޮގުވެރިން، ކެހިވެރިން، ކިބުރުވެރިން، ދަރަނިވެރިން، މިހެން ގޮސް ދިވެހިނަށް އެތި ޒާތުގެ ވެރިން ފެނިއްޖެއެވެ. ހެޔޮ ވެރިންވެސް ތިބެދާނެއެވެ. އެހެން ނަމަވެސް އަދި ފެންނަ ފެނުމަށް އެއީ ދިވެހިން ކޮންމެ ފަސް އަހަރަކުން ދެކެމުންދާ ހުވަފެނެކެވެ. ދިވެހި ރައްޔިތުން ކޮންމެ ފަހަރަކުވެސް އެދިފައިވަނީ ތެދުވެރިންނަށެވެ. އިލްމުވެރިންނަށެވެ. ހެޔޮ ވެރިންނަށެވެ. ލިބެނީ ކޮންމެ ފަހަރަކުވެސް އިސްވެ ބަޔާން ކުރެވުނު ކަހަލަ ވެރިއެކެވެ.

އެކި ފަހަރުގެ މަތިން ދިވެހިން އެކި ވެރިން ހޮވައިފިއެވެ. އެހެން ނަމަވެސް ނަސީބު ދެރައީ ކަމެއް، ނުވަތަ، ރައްޔިތު މީހާ ޓީމަށްވުރެ، ވެރިކަން ޓީމުގެ ކުޅުންތެރިން މޮޅީކަމެއްވެސް ސާފެއް ނޫނެވެ. ނުވަތަ ދިވެހިން އެދެނީ، ހެޔޮ ވެރިންނަށް ކަން އިންގިފައިވާތީ، އެފަދަ މަންޒަރެއް ކުލަކޮށްގެން ހިތް އަތުލައި ކަތިލަނީ ކަމެއްވެސް ސާފެއް ނޫނެވެ. ސާފުވާ އެއް ކަމަކީ، ފެނުނިޔާ ފެނުނީ، އެދުނު މަންޒަރު ނޫން އެހެން މަންޒަރުތަކެއް ކަމެވެ. އުފަލުގެ ބަދަލުގައި ލިބެނީ ހިތާމަތަކެއް ކަމެވެ.

ރާއްޖެއަކީ އިސްލާމީ ގައުމެކެވެ. ޝައްކެއްވެސް ނެތެވެ. ގިނަ ވާނީ ސައްތައިން ސައްތަ، އިސްލާމް ދީނަށް ލޯބި ކުރާ، އެ އުސޫލުތަކުގެ ތެރެއިން އުޅެމުންދާ މީހުންނެވެ. އެހެން ނަމަވެސް މިއަދު މުޖުތަމައުގެ ތެރޭގައި ފެންނަމުންދާ މަންޒަރުތަކުން، އެ ނޫން ބަޔަކުވެސް ދިވެހި މުޖުތަމައުގެ ތެރޭގައި އުޅެމުންދާކަންވެސް އެންމެހާ ރައްޔިތުންނަށްވެސް ސާފުވާނެއެވެ. މިކަމަކީ، އެއްވެސް ހާލަތެއްގައި އުފާކުރަންވީ ނުވަތަ، ޖޯކެއްގެ ސިފައިގައި ނަގަންވީ ކަމެއްވެސް ނޫނެވެ. އެހެން ނަމަވެސް ރާއްޖެ ސަލާމަތް ކުރަން މަސައްކަތެއް ކުރާނެ ވެރިއަކުވެސް ނެތެވެ. ކުރަން މަސައްކަތެއް ކުރަން ހިޔާލެއްވެސް ކުރެވޭނީ އެހެން ކަންކަމުން އަތް ދޫކޮށްލެވިގެންނެވެ.

އެއްކަލަ ހާލު ބޮޑު ތިރީސް އަހަރުވެސް އަނބުރާ ލިބޭ ނަމައޭ ހިތައް އަރާ ހިސާބަށް ގޮސްފިއެވެ. އޭރަށް ވުރެ ވެސް މިހާރު ހާލު ބޮޑެވެ. މުޖުތަމައު ހަލާކުވެއްޖެއެވެ. ރައްޔިތުން ނުތަނަވަސްވެ، ހާސްކަމުގެ ތެރޭގައި ދުވަސް ގުނަން ފަށައިފިއެވެ. އެހެން ނަމަވެސް ވެރިންނަށް އެކަމާއިމެދު ކުރެވޭނެ އެއްވެސް ކަމެއް ނެތް ފަދަ އެވެ. ކުރާނީވެސް ކީއްތޯ، ފައިސާ ފޮތިތަކުން ފަރުމާ ކުރެވިފައިވާ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ޗެންޗޭނަކުން ކޮސްތޮޅު އެޅިވައިވާއިރު، އެތިބީ ހިރިވެސް ނުލެވޭ ވަރުވެފައެވެ. ނޫން ނަމަ، މިހާރު ހުރި ހާލަތުން ރާއްޖެ އިއާދަ ކުރުމަށް މަސައްކަތް ނުކުރާނީ ކާކުތޯއެވެ. ވީ ވައުދުތަކުގަ ހިފަހައްޓާ ތެދުވެރިން ތިބިނަމަ ޔަގީނުންވެސް ކުރާނެއެވެ.

ބުރަކަށި މަތީ އުފުލަމުންދާ ލޯނުގެ ބަނޑެލިތައް ބަރުކަމުން އިސް އުފުލާ ބަލާވެސް ނުލެވޭކަން ޔަގީނެވެ. ވަމުންދާ ކަމެއްވެސް އިންގޭނީ ވަށައި ބެލުމަށްވެސް ފުރުސަތެއް ލިބިގެންނެވެ. އެހެން ނަމަވެސް އެކަމެއްވެސް ވާކަށް ނެތެވެ. ދަރަނިވެރިންނަށް އެފަދަ އިހްތިޔާރެއް ލިބިގެންނެއް ނުވެއެވެ. ފައިސާތަކުގެ ބާރުގެ ދަށުލެވި، ދަރަނިވެރިން ތިބޭނީ މަޖުބޫރުކަމެއްގެ މަތީއެވެ. އެފަދަ ބަޔަކަށް ނެގި ފައިސާއެއް އަނބުރާ ދެއްކުން ނޫން ގޮތެއް ނޯންނާނެކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އިންގޭނެއެވެ. ގާތް ގަނޑަކަށް އެންމެނަކީވެސް ކޮންމެސް ލޯނެއް ނަގާފައިވާ ފަރާތެކެވެ. ނުވަތަ ނަގަން ޖެހިފައިވާ ފަރާތެކެވެ. ފައިސާ ދެނީ ވަތްގަނޑުން ނަގާފަ ވިޔަސް، ދޭ ފަރާތާއި، ލިބިގަންނަ ފަރާތާއި ދެމެދު އެއްބަސްވުންތަކެއްވެސް އޮންނާނެކަން އެންމެނަށް އިންގޭނެވެ.

ދިވެހިންނަށް ކެއް ނުވާ ވަރު ވެގެން، އަޑު ހަރުކޮށް، ފައިސާ ބަހައްޓާށޭ، އަހަރަމެން ބޭނުންވަނީ ގައުމޭ ބުނުމުން، ރައްޔިތުންގެ ބުރަކަށްޓަށް އިތުރު ފައިސާ ބޮނޑިތަކެއް ބަރު ނުކުރާނަމޭ ނުބުނޭތޯ؟ ބުނި އަޑު ހަމަ ޔަގީނުންވެސް އަޅުގަނޑު އެހިން، މި ހިސާބުން އިތުރު ފައިސާތަކެއް އުފުލާކަށް ނުހޯދާނަމޭ، ހުރި ފައިސާ އަކުން ކުރެވޭ ވަރެއް ކުރާނަމޭ ބުނި އަޑުވެސް އަޅުގަނޑު އެހީމެވެ. ކުރާނެ ކަމެއް ކުރާނީވެސް ހުރި ފައިސާއަކުންނޭ ބުނި އަޑުވެސް އެހީމެވެ. ނުވެއްޖެ ނަމަ، ދެކޮޅު ޖައްސައިދޭނަމޭ، އެހެން ނަމަވެސް ރައްޔިތުންނަށް އެ ބުރަ އުފުލަން ނުޖައްސާނަމޭ ބުނި އަޑު ޔަގީނުންވެސް އެހިން.

ރައްޔިތުންގެ ބުރަކަށްޓަށް އަރުވާފައިވާ ފައިސާ ބަނޑެލިތަކުގެ ބުރަދަނަށް އިތުރުކުރުމަށް ބަނޑެލިތަކެއް ނުހޯދާނެކަމަށް ބުނި އަޑު ނާހާ ރައްޔިތަކު ނުހުންނާނެއެވެ. އެ ވާހަކަތައް ދެއްކީ ބަނދު ކޮޓަރިއަކު ނޫނެވެ. އެހެން ނަމަވެސް ދޮގުވެރިން އެފަދަ ގިނަ ވާހަކަ ދައްކައެވެ. އެހެން ނަމަވެސް ބަހާއި އަމަލާއި ދިމާވާނީ ލައްކައަކުން އެފަހަރެވެ. އެގޮތުން އިހަށް ދުވަހު، އެ އިވިގެންދިޔައީ އިތުރު ބަނޑެލިތަކެއް ހޯދައިފި ވާހަކައެވެ. ހޯދީ ރައްޔިތުންނަށްޓަކައި ކަމަށް ބުނި ނަމަވެސް، އަދި މިއަކުން ލޯލާރިވެސް ދިވެހި ރައްޔިތަކަށް ނުފެނެއެވެ. ކުރިކަމެއްވެސް އަދި ނުފެނެއެވެ. ކުރެވެމުންދަނީ އެއްކަލަ ބަނޑެލިތަކަށް އިތުރު ކުރުމުން ބުރަދަނަށް އިތުރުވެގެންދިޔަކަމުގެ އިހުސާސްތަކެވެ.

ކޮންމެ މީހަކުވެސް އެންމެ ބަލާނީ، އެންމެ ތެދުވެރިވާނީ، އެ މީހެއްގެ ގާތް އަހުންނާއި އުހުތުންނަށްކަމަކީ ދުނިޔޭގެ ހަގީގަތެވެ. އެ މީހެއްގެ އެންމެ ގާތް މީހަކާއި މެދު ކަން ކުރާ ގޮތުން، ދުރު މީހަކަށް ކަންކޮށްފާނެ ގޮތް އަންދާޒާ ކުރުމަކީ، އިންތިހާއަށް ފަސޭހަ ކަމެކެވެ. އާއިލާއަށް މައިން ބަފައިންނަށް އިހުތިރާމެއް ކުލުނެއް ނުވަތަ ގަދަރެއްވެސް ނެތް މީހެއް އެހެން މީހަކަށް އެފަދަ ދަރަޖަތަކެއް ދީފާނެ ކަމަށް ގަބޫލު ކުރެވޭ ފަހަރުތައް ހުރި ނަމަވެސް، ހަގީގަތަކީ، ނުދެވޭ ކަމެވެ. ދުނިޔެެ މަތިން ކަން ހިންގާ ގޮތް ގޮތުން އެކަން ސާފު ވާނެއެވެ.

އެގޮތުން ރާއްޖޭގައި ކެހިވެރިން އަދި ހަސަދަވެރިންވެސް ފެނިއްޖެއެވެ. ދެބަޔަކުގެ ގުޅިގެން ރައްޔިތުން ދޭ ވޯޓަށް ކެހިވެރިވުމަށް ޑީލުތައް ހެދުމަށްފަހު، އެކަކު އަނެކަކަަށްވެސް ކެހި ދިނީއެވެ. އަދި އަނެކާއަށް ހަސަދަވެރިވެސް ވީއެވެ. އެހެން ނަމަވެސް އެކަމުގެވެސް އެންމެ ބޮޑު ނޭދެވޭ އަސަރުވެސް ކުރަނީ ރައްޔިތުންނަށެވެ.

މަސައްކަތެއް ފެށުމަށް ބޭންކުން ލާރި ނެގި ބައިވަރު މީހުން ދިވެހިންގެ ތެރޭގައި ތިބޭނެއެވެ. ބޭންކަކުން ލާރިތަކެއް ދެނީ، ވާ ލޮތްބެއްގެ ބޮޑުކަމުންނެއް ނޫނެވެ. އެތަނަށް ބަދަލުގައި އިތުރަށް ފައިސާތަކެއް ހޯދުމުގެ މަގުސަދުގައެެވެ. އެގޮތުން ދިވެހި ރާއްޖެއަށްވެސް ލިބިގެންދާ ފައިސާގެ ބަނޑެލިތަކަށް އެތައް ގުނައެއް އިތުރުކޮށް އަނބުރާ ދައްކަން ޖެހޭނެ ދުވަހެއް އަންނާނެއެވެ. މިކަން ރޭގަނޑާއި ދުވާލުހާވެސް ސާފެވެ.

މަސައްކަތެއް ކުރުމަށް ބޭންކުން ފައިސާ ހަވާލު ކުރާ ފަރާތައް، އެ ފައިސާއިން ނުފުދިއްޖެ ނަމަ، އިންވެސްޓްމެންޓް ރައްކައުތެރި ކުރުމުގެ ނަމުގައި، މަސައްކަތް ނިންމުމަށް އިތުރަށްވެސް ފައިސާ ދެއެވެ. އަދި ރަނގަޅަށް ދާ ނަމަ، ދެންވެސް ނުނިމިއްޖެ ހާލަތެއްގައި، ހަމަ ފައިސާ ދީފައި ހުންނާއެވެ. މިގޮތަށް އެތައް ފަހަރެއްގެ މަތިންވެސް ދެއެވެ. ބޭންކަކުން އެ ފައިސާތަކާއިމެދު ހާހެއް ނުވާނެއެވެ. އާހިރުގައި އެ ފައިސާތައް ދެވިފައިވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވީމައެވެ. ލޯނު ނެގި ފަރާތައް ފައިސާ އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި ދެންވެސް ކަން ކުރާނެ ގޮތް އެއްބަސްވުމެއްގައި ލިޔެވިފައިވާނެތީއެވެ.

ބޭންކުތަކުން، ލޯނު ފައިސާ އަނބުރާ ނުދައްކައިފި ނަމަ، ލޯނުގެ ވެރި ފަރާތުގެ އަތުން މުދަލުން ވިޔަސް ބަދަލު ހޯދާނެއެވެ. މުދަލެއް ބެންކުގެ ބެލުމުގެ ދަށަށް ގެންގޮސް، ދުވަސްތަކެއް ވުމަށް ފަހު ދެންވެސް ފައިސާތައް އަނބުރާ ނުދެވިއްޖެ ހާލަތެއްގައި އެ މުދަލެއް ވިއްކާވެސް ލާނެއެވެ. ކޮންމެއަކަސް ބެންކަށް ލިބެންޖެހޭ މިންވަރަކަށް ފައިސާ ހޯދާނެއެވެ. އެގޮތަށް ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް ކަން ދިމާވެފައި ހުންނާނެއެވެ.

އަމިއްލަ ފަރުދެއް ބޭންކަކުން ފައިސާ ނެގުމާއި، ގައުމެއްގެ ނަމުގައި ލޯނުތަކެއް ނެގުމުގައި ހުންނަ އެންމެ ބޮޑު ތަފާތަކީ، އެއްކަލަ ފައިސާތައް އަނބުރާ ދައްކަން ޖެހެނީ ސީދާ ސޮއި ކުރާ ފަރާތްކަމަށް ނުވުމެވެ. އެ ފައިސާ ދައްކަން ޖެހެނީ އެ ގައުމުގެ ވެރިންނެވެ. ވެރިންނޭ ބުނުމުން އޮޅިދާނެތީ ސާފުކޮށްލަދޭނަމަވެ. ގައުމެއްގެ އަސްލު ވެރިންނަކީ އެ ގައުމެއްގެ ރައްޔިތުންނެވެ. ދެން ތިބެނީ އެކި މައިދާނުތަކުގައި، އެ ވެރިން ތަމްސީލު ކުރުމަށް ވޯޓުން ހޮވާފައި ތިބޭ ބަޔެކެވެ. އެ ފަރާތަކަކީ ގައުމުގެ ވެރިންގެ ފައިސާއިން މުސާރަ ދީފައި ތިބޭ ފަރާތްތަކެކެވެ. އެ މީހުންނަކީ އެއްވެސް ހާލަތެއްގައި ހިލޭ ސާބަހަށް އުޅޭ ބައެއް ނޫނެވެ.

އެހެން ކަމުން، ގައުމެއްގެ ނަމުގައިވާ ފައިސާތަކެއް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ގެއްލޭނީވެސް ގައުމެއްގެ ވެރިން އަތުންނެވެ. ދެރައީ، ގައުމުގެ ނަމުގައި އެއްބަސްވުމެއް ހަދައި ފައިސާތައް ނަގާއިރު، ހައިސިއްޔަތު އޮޅިވައިފާ ފަރާތްތަކެއް، އެއްކަލަ އެއްބަސްވުންތައްވެސް ހަގީގީ ވެރިންނަށް ފޮރުވަމުންދާތީއެވެ. އެހެން ކަމުން ފައިސާ ނުދެއްކިއްޖެޔާ ގެއްލޭނީ ކޯއްޗެއްކަމެއްވެސް އިންގޭކަށް ނޯންނާނެއެވެ.

ދިވެހިންނަށް، މިފަދަ ގޮތަކަށް ކަން ދިމާވާ އެއް ސަބަބުކަމަށް އަޅުގަނޑު ދެކެނީ، އިހްލާސްތެރިންގެ ހެދުން ލައިގެންތިބި ކިބުރުވެރިންތަކެއް ހޮވޭތީއެވެ. ވޯޓު ހޯދަން ލައިނު ހަދައިން ތިބޭ މީހުންގެ ތެރޭގައި ތެދުވެރިން ނެތީމަ ރައްޔިތުން އެފަދަ ވެރިއަކު ހޯދުމަށް ކުރާ މަސައްކަތްދާނީ ހަމަ ފެނަށެވެ. ރަނގަޅު ވެރިއެއް ހޯދުމަކީ ދަތި ކަމެކެވެ. އެންމެންވެސް ތިބެނީ ހުދު ގަމީސްތަކެއް ތުރު ކުރައްވައިގެންނެވެ. އަތް ކުރީގައި ކުނޑިކޮޅެއްވެސް ޖެހިފަނުވެއެވެ. ލޯ ފޮރުވަނީ ކަލު އަވި އައިނުންނެވެ. ދެންޓިސްޓަށް ގޮސް އިރު އިރުކޮޅާ ދަތް ހުދު ކުރަންވެސް ދިވެހިން ތިބެނީ އެ މީހުންނަށް ފައިސާ ދީފައެވެ. އެހެންކަމުން ކޭވަރުވެސް ކޭކަންވެސް ނޭގޭ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: