ޤިޞާޞްގެ ޙުކުމް ތަންފީޒު ނުކުރާނަމަ، މިފަދަ އަނިޔާވެރި މަރުތައް ކުރިއަށްއޮތްތާވެސް ފެނުމަކީ ހަމަވެދާނެކަމެއް ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ހ.ޝީރީންވިލާގައި އުމުރުން 22 އަހަރުގެ ޒުވާން އަންހެން ކުއްޖެއްކަމަށްވާ ޝިއާއުއަށް ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ކޮށްފައިވާ ޓުވީޓުގައި ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ، ޤިޞާޞް ނުހިފާނަމަ މިފަދަ އަނިޔާވެރި މަރުތައް އިތުރުވެގެން ހިނގައިދާނެކަމަށެވެ.
ގިސާސްގެ ހުކުމް ތަންފީޒު ނުކޮށްދާނަމަ މިފަދަ އަނިޔާވެރި މަރުތައް ކުރިޔަށް އޮތްތާވެސް ފެނުމަކީ ހަމަވެދާނެ ކަމެއް! ފޮތް ބާވައިލެއްވި ފަރާތުން އެފޮތް ބާވައިލެއްވީ އެ ހަމައެކަނި ކިޔަވާލާކަށް ނޫން! އެއަށް ޢަމަލުވެސް ކުރަން! ބާވައިލެއްވި ޙުކުމްތައް ދޫކޮށްލައިގެން ނަތީޖާއެއް ނުލިބޭނެ!
— Ali Zaid (@alizaid1000) August 7, 2022
މީގެ އިތުރުން، ފޮތް ބާވައިލެއްވި ފަރާތުން އެފޮތް ބާވައިލެއްވީ ހަމއެކަނި ކިޔައިލުމަށް ނޫންކަމަށާއި އެއަށް ޢަމަލުވެސް ކުރަން ޖެހޭކަމަށް ޝެއިޚް ޒައިދުގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެކަލާނެގެ ބާވައިލެއްވި ޙުކުމްތައް ތަންފީޒުނުކޮށް ދޫކޮށްލައިގެން އެދެވޭ ނަތީޖާއެއް ނުލިބޭނެކަމަށްވެސް ޒައިދު ވިދާޅުވެފައިވެ އެވެ.
އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.
މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާހިލްގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ނިމެންދެއް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

