ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަމަކީ ވެސް ހައްލެއް!

ދަނޑުވެރިކަން ކުރާ ބިމެއްގައި މޭވާތަކަށް މީހަކު ފެން ދެނީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދަނޑުވެރިކަން ކުރުން ވެފައި އޮންނަނީ، މަދު ބަޔަކު ކުރަމުންދާ ކުޑަ ވިޔަފާރިއަކަށެވެ. އެހެން ނަމަވެސް، އެފަދަ ގޮތަކަށް ކަންދިމާވާ މައިގަނޑު ސަބަބަކީ ދަނޑުވެރިކަމަކީ ދިވެހިރާއްޖޭގައި ކުރުން އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ދެކޭ ފަރާތްތަކެއްގެ ކުޑަ ވިސްނުމުގެ ސަބަބުންނެވެ.

ދިވެހިރާއްޖޭގެ މާލީ ހާލާތު ދައްވެ ކެއިން ބުއިމަށް ބޭނުން ކުރަމުންދާ ގިނަ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ. އުފުލިގެން ދާން ދިމާވި މައިގަނޑު ސަބަބަކީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ބަދަލުތަކެވެ. އަދި ދިވެހިރާއްޖެ އަކީ ގިނަ ތަރުކާރީ އާއީ މެވާގެ ބާވަތްތަކުގެ އިތުރުން ކުކުޅާއި،ކުކުޅު ބިސްވެސް އިމްޕޯޓު ކުރާ ގައުމަކަށް ވުމުންނެވެ. އެއީ ހަގީގަތެކެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި އެތައް ސަތޭކަ ފަޅު ރަށްތަކެއް އޮންނަ އިރު، އެ ހަގީގަތަކީ ބަދަލު ކުރެވިދާނެ އެއްޗެކެވެ. ހުއަފެނެއް ކަމަށް ދެކިގެން ތިބ ވާނެ ފައިދާއެއް ނެތެވެ.

ދަނޑުވެރިކަމާއި ކުނިވާ ޒާތުގެ ތަކެތީގެ މެނޭޖުމެންޓާއި ނައަމްސޫފި ހުއި ހެއްޕުމާއި އޮންނަނީ ގުޅި ލާމެހިފައެވެ. މިފަދަ ނަޒަރަކުން ބަލާ ނަމަ ކުނިވާޒާތުގެ ތަކެތި މެނޭޖުކުރުމަށް ވެސް ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ދަނޑުވެރިކަން އިތުރު ކުރެވި، ދިވެހިރާއްޖޭގައި ކުކުޅު ފަދަ ތަކެތީގެ ވިޔަފާރިވެސް ކުރެވިގެންދާނެއެވެ.

ކުރާނީ ކިހިނެއްތޯ ސުވާލު ކުރެވިދާނެއެވެ. ފަޅު ރަށްތައް އެބަތިއްބެެވެ. ތެދެއް، ދިވެހި ރަށް ރަށުގެ ފަސްގަނޑަކީ ދަނޑުވެރިކަމަށް އެންމެ އެކަށީގެންވާ ފަސްގަނޑެއް ނޫނެވެ. އެހެންނަމަވެސް އެކި ގައުމުތަކުގައި ދަނޑުވެރިކަން ކުރާ އުސޫލުތަކަށް ބަލާ ނަމަ، އެކަން ކުރުމަށް ހޯދާ ފަސްގަނޑަކީ ނުވަތަ ސަރަހައްދަކީ އެންމެ އެކަށީގެންފާ ފަސްގަނޑަކަށް ވާކަށް ނުވެސް ޖެހެއެވެ. އެތަން ޖެހޭނީ އެކަށީގެންވާ ތަނަކަށް ހަދާށެވެ. ހުސްބިމެއްގައި ޓެންޓު ޖަހައިގެން ދިރިއުޅެން އެކަށީގެން ނުވާނަމަ، ގެދޮރުވެސް އަޅާ އުސޫލުންނެވެ.

ސިސްޓަމެއްގެ ތެރެއިން ރިސޯޓުތަކާއި، އެހެނިހެން ކާބޯތަކެތީގެ ބޭނުން ކޮށް، ކުނި އުފައްދާ ފަރާތްތަކާއި ގުޅިގެން، ސޮއިލް ފާރޓިލައިޒޭޝަން ޕްރޮސެސް އެއް ހިންގުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ކުކުޅު ފަދަ ޖަނަވާރު ގެންގުޅޭ ނަަމަ، އެވެރިންގެ ހަށިގަނޑުން ބޭރުވެގެންދާ ތަކެތިންވެސް މި މަސައްކަތްތައް ކުރެވިދާނެއެވެ. އެ މަސައްކަތައް ކިޔަނީ ކޮމްޕޯސްޓިންގެވެ. މަދީ ކުރާނެ ބަޔަކާއި ސަރުކާރުން ބާރުވެރިކުރާ އެފަދަ ފުރުސަތެކެވެ.

ކާށި ކެވޭނީ ދަތް ހުރެގެންކަމަށް ބުނެއެވެ. އެހެން ނަމަވެސް މިއީ ޒަމާނާއެކު، އޮށްޓަރެއް ނެތް ވާހަކައެއް ކަމަށްވެސް ބުނެވިދާނެއެވެ. ދަތް ނެތިގެން ފާވެގެންދާން ހުރުމުގެ ބޭނުމެއް ނެތެވެ. އެ ނޫން ގޮތެއް ހޯދަން ޖެހެއެވެ. ހަފާލާނެ ދަތެއް ނެތިޔާ، ހިމުންކޮށްގެންވެސް ކާންވީއެވެ. ކޮންމެސް ގޮތެއް އޮންނާނެކަން ކަށަވަރެވެ.

ސޮއިލް ފާޓިލައިޒް ކުރުމަށް ނުވަތަ ފަސްގަނޑު ތައްޔާރު ކުރުމަށް ބޭރު ގައުމުތަކުން ބޮޑު އަގު ދީފައި ފާޓިލައިޒާރ ގެނައުމަކީ މުހިންމު ކަމެއް ނޫނެވެ. ފަޅު ރަށެއް ނެގުމަށް ފަހު، ބޮޑު މަޝްރޫއެއްގެ ގޮތުން އެ ރަށެއްގައި، ރިސޯޓުތަކުން އުފައްދާ ބައެއް ޒާތުގެ ކުނި ބުނި ބޭނުންކޮށްގެން، ކޮމްޕޯސްޓިންގް މަޝްރޫއެއް ހިންގިދާނެއެވެ. އެ އުސޫލުން ދަނޑުވެރިކަމަށް ފަސް ތައްޔާރު ކުރެވިދާނެއެވެ. ދެން ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރަށް ރަށް ކުޑަވުމެވެ. އެހެން ނަމަވެސް މީ އެފަދަ ވިސްނުމެއް ގެންގުޅެންވީ ޒަމާނެއް ނޫނެވެ.

ތަރައްގީ ވަމުން އުމާއިއެކު، އިންސާނާ ދިރިއުޅޭ ތަނެއްގައި ހުންނަ ވާޓިކަލް ސްޕޭސް ބޭނުން ކުރުމަކީ، ކުރަމުން އަންނަ ކަމެކެވެ. މި އުސޫލުން މިހާރު ދަނޑުވެރިކަން ކުރަމުން އަންނަ ގިނަ ފަރާތްތަކެއް އެ ކަން ދަނެއެވެ. މިހެން ބުނުމުން ބިލްޑިންގެ ސިފަވެގެންދިޔަ ނަމަވެސް، މި ބިލްޑިން ވެގެންދާނީ ހަމައެކަނި ފަސް ހިފަހައްޓަން ހަދާ ޕޮޓުތަކެއް ނުވަތަ އެހެނިހެން ނިޒާމެއް ބެހެއްޓިގެންްދާނެ ތަނަކަށެވެ. ފާޓިލައިޒްކޮށްފައިވާ ފަސް ބޭނުން ކުރަމުންދާ މިންގަނޑަވެސް ކުޑަވާނެއެވެ.

ދަނޑުވެރިކަމުގެ ތެރެއަށް ނައަމް ސޫފި ހުއިހެއްޕުން ވެއްދުމުން ލިބިގެންދާ ބޮޑު ފައިދާތަކެއް ވެއެވެ. އެއް ފައިދާއަކީ، ކުކުޅު ފަދަ ތަކެތި އާލާކޮށް، އޭގެން ލިބިގެންދާ ފައިދާތަކުން ވިޔަފާރިތަކެއް ކުރުމެވެ. އަނެއް ފައިދާއަކީ، ދަނޑުވެރިކަމަށް ބޭނުންވާ ފާޓިލައިޒާރ އެކުލަވާލުމުގައި ނުވަތަ ކޮމްޕޯސްޓު ކުރުމުގައި އެތަކެތީގެ ނަޖިސް ބޭނުން ކުރެވުމެވެ. ދައްކަން ފަސޭހާ ނުވަތަ އަޑު އެހިމަށް އެންމެ ހިތް ގައިމު ވާހަކައަކަށް ނުވި ނަމަވެސް މި ވާހަަކައަކީވެސް މިހާރު އޮތް ހާލަތުގައި ދެއްކުން މުހިންމު ވާހަކައެކެވެ.

ރިސޯޓުތަކުން އުފައްދާ ބައެއް ޒާތުގެ ކުނި ބުނިވެސް މި މަސައްކަތުގެ ތެރޭގައި ބޭނުން ކުރެވިދާނެއެވެ. އެގޮތުން ސަރުކާރުން ދާދި ފަހުންވަނީ އެކި ޒާތުގެ ކުނި ވަކި ކުރުމަށް އަންގާފައެވެ. އެހެން ކަމުން މިކަމަކީވެސް ދަތިކަމަކަށް ނުވާނެއެވެ. އެކި ޒާތުގެ މޭވާ އަދި، ތަރުކާރީގެ ތޮށިވެސް ކަނޑަށް އެޅުމުގައި ނުވަތަ ނައްތާލުމުގެ ބަދަލުގައި، ހަމަ ކޮމްޕޯސްޓިންގަށް ހާއްސަކުރެވިދާނެއެވެ. އެގޮތުން ކުނި އެންދުމުން ވެގެންދާނެ ގެއްލުންތައްވެސް ކުޑަ ކުރެވިދާނެއެވެ. އަދި ރިސޯޓުތަކާއި ކުނިވާޒާތުގެ ކުނި އުފައްދާ ފަރާތްތައް ޒިންމާދާރު ކުރުވުމަށްވެސް މަގުފަހިވެގެންދާނެއެވެ.

މި އެކަންޏެއް ނޫނެވެ. ދިވެހިރާއްޖޭގައި ވަށައި އޮތީ ކަނޑެވެ. ރާއްޖެއަކީ ގާތް ގަނޑަކަށް އަބަދުވެސް ގަދައަށް އަވިދޭ ގައުމެކެވެ. އެހެން ކަމުން، އިރުގެ ދޯދި ބޭނުންކޮށްގެން، ކަނޑުގެ ފެން ޑީސެލިނޭޓު ކުރެވިދާނެ އެތައް ގޮތެއް ހުރެއެވެ. އަދި ހުދު ސޮލާރ ޕަވާޑް ޑީސެލިނޭޓަރުވެސް ހުރެއެވެ. އެހެން ކަމުން ހައިޑްރޯޕޯނިކްސްގެ މަޝްރޫއަކީވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރެވިދާނެ ކަމެކެވެ.

މިފަދަ ގޮތަކަށް ކަންކަން ކުރުމަށް ދިވެހިރާއްޖޭގައި އޮތީ އެންމެ ރަށެއް ނޫނެވެ. ގުދުރަތީ ރީތިކަން ދަމަހެއްޓުމުގެ ނަމުގައި އެތައް ސަތޭކަ ރަށްތަކެއް ބަހައްޓައިގެން ވެފައިވާ ފައިދާތަކެއް ގިނަ ނޫންކަންވެސް ސާފުވާނެއެވެ. ފަތުރުވެރިކަން އޮންނަނީ ހުރިހާ ސަރަހައްދަކަށްވެސް ނޫނެވެ. އަދި ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ ނަމުގައި އެތައް ސަތޭކަ ރަށްތަކެއް ބަންދު ކޮށްގެން ތިބި ނަމަވެސް، އެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އެ ރީތިކަންވެސް ނެތެމުންދާކަން އެންމެނަށްވެސް އިންގޭނެއެވެ.

މިފަދަ ކުޑަ ހިޔާލަކުން ބޮޑު މަޝްރޫޢެއް ފަށައިފި ނަމަ ވެގެންދާނެ އެއް ފައިދާއަކީ، އަގުތައް އުފުލިފައިވާ އިމްޕޯޓު ކުރާތަކެތި ހޯދަން ޖެހޭ މިންގަނޑު ކުޑަ ކުރެވުމުން މާލިއްޔާތައް ވެގެންދާނެ ލުއިތަކާއި، ކުޑަ އަގެއްގައި ތަކެތި ލިބެން ހުރުމުން ރައްޔިތުންގެ ޖީބަށް ލުއިވުންކަމަށް ބެލެވިދާނެއެވެ. އަދި ބޮޑު މަޝްރޫއެއެ ގޮތަށް ފަށައި، ދިވެހިންނަށް ފޯރުކޮށްދޭ މިންގަނޑަށްވުރެ އިތުރައް އުފައްދައިގެން ބައިނަލްއަގުވާމީ މާކެޓުތަކަށް ވިއްކައިގެން މާލިއްޔާތައް އިތުރު ކުރުމުން ލިބޭ ފައިދާއެވެ.

ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއުއަކުން ލިބޭ އެންމެ ބޮޑު ފައިދާއަކީ، ސިއްހަތައް ކުރާ ފައިދާއެވެ. ތާޒާކަން ކެންޑިފައިތިބި ތަކެތި އިމްޕޯޓުކޮށްގެން ހަލާކުވާން ކައިރިވާ ހިސާބުން ރައްޔިތުންނާއި ހިސާބަށް ފޯރުވުމުގެ ބަދަލުގައި، ތާޒާކަންމަތީ ލިބުމުން އެ ތަކެތީގައި ހުންނަ ފައިދާ ކުރުވަނިވި މާއްދާތަކުގެ ފުރިހަމައަށް ރައްޔިތުންނަށް ލިބުމެވެ. އަދި ދިވެހިރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ބޮޑު ރޯލެއް އަދާ ކުރެވުމެވެ.

އިތުރު ފައިދާތަކެއްވެސް ވެއެވެ. ބޮޑު އަގުދީފައި އެންދުމުގެ ބަދަލުގައި ކުނި މެނޭޖު ކުރުމުގެ ޕްރޯއެކްޓިވް ގޮތެއްވެސް ލިބުނީ ނޫންތޯއެވެ. އަދި ދިވެހިރާއްޖެ އަބަދާމެ އަބަދު ބޭރުގެ އިގްތިސޯދަށް ބަރޯސާވާލެއްވެސް ކުޑަވީއެވެ. ވަޒީފާތަކެއްވެސް ފަހިވެގެން ދިޔައީއެވެ. އަދި ހާއްސަ ގޮތެއްގައި ދިވެހި ރައްޔިތުން ބޭނުން ކުރަމުންދާ މޭވާ އަދި ތަރުކާރި ފަދަ ތަކެތީގެ ކޮލިޓީ ކަށަވަރު ކުރެވުނީއެވެ. އެހެން ކަމުން މިކަމުން ފައިދާ ނޫން އެއްޗެއް ވާން ނެތްކަންވެސް ސާފެވެ.

ބުނެލަން އޮތް ވާހަކައަކީ ޒަމާނާއިއެކު، ދިވެހި އިގްތިސާދުގެ އުސޫލުތައް ބަދަލު ކުރަން ވެއްޖެއެވެ. އަބަދަކު ގަންނަ ފަރާތް ނުވަތަ ހިދުމަތް ހޯދާ ފަރާތްތައް ގޮތުގައި ތިބެގެން ވާނެ ފައިދާ ކުޑައެވެ. އަބަދާމެ އަބަދު އުސްމިންތަކުގެ ވާހަކަތައް ދެކެވޭ ގައުމެއް ހަގީގަތުގައިވެސް އުސްމިނަކަށް ގެންދަން ވަގުތު އައިސް ލަސްވެސް ވެއްޖެއެވެ. ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި އެއް ވަރަށް ވެރިކަން ކުރާ ފަރާތްތަކުގެ ވިސްނުންތައްވެސް ތަރައްގީވާން ވެއްޖެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: