ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިންނަށް ސަނާކިޔުމާއި، އަތްޖެހުން ހުއްޓަންވެއްޖެ

ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ޔާމީން، ރައީސް ސާލިހު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް އެ ބަޔަކު ތާއީދު ކުރާ ފަރާތަކަށް، އެ ތާއީދު އޮތްކަން ދެއްކުމަކީ ކުރާ ކަމެކެވެ. ހާއްސަގޮތެއްގައި ކެމްޕެއިން ކުރުމުގެ ތެރޭގައި ކެމްޕެއިން ކުރާ ފަރާތްތައް އެ ތާއީދު ކުރާ ފަރާތްތަކުގެ މޮޅު، ނުވަތަ ހެޔޮ ވާހަކަތައް ދައްކައި ސަނާ ކިޔާވެސް ހަދައެވެ.

ދިވެހިންނަށް ކިތައް ވެރިކަން ފެނިއްޖެ ހެއްޔެވެ. އެއްވެސް ވެރިކަމެއްގައި ދިވެހިން އެދުނު ބަދަލެއް ނުވަތަ ނަތީޖާތަކެއް ފެނިއްޖެތޯ މިއީ ވަރަށް ފުންކޮށް ނަފްސާކޮށްލަން ޖެހޭ ސުވާލެކެވެ. އެދުނު މަދު ކަމެއް ފެނުނު ކަމަށްވާ ނަމަވެސް، އެ ކަންކަމަށްވުރެ ގިނަވާނީ، ނޭދެވޭ ނަތީޖާތަކާއި ހިތި އަސަރުތަކެކެވެ.

ދިމޮކްރެޓިކް ނިޒާމެއް ގާއިމުކުރެވުނު ފަހުން، ވެރިކަމަށް ވަޑައިގެން، ރައީސް ކަމުގެ ބަދަލުގައި ރަސްކަމެއް ކުރި ފަރާތެއް ފެނިގޮސްފިއެވެ. ގަނޑުވަރު ދޮށުން ނުބައި ގަޑިޔަކު ބައިސްކަލެއްގެ ބެލް އަޅާލެވިގެން ހައްޔަރު ކުރި މީހުން އެ ވާހަކަވެސް ދައްކައެވެ. ރަނުން ފާހަނާތަށިވެސް ފަރުމާ ކުރި ކަމަށްވެސްވެއެވެ. ދުވުހުގެ ކެއިން ބުއިމަށް ބޭރު ގައުމުތަކުން ތަކެތި އޯޑަރު ކުރިކަމަށްވެސްވެއެވެ. އެ ހުރިހާ ކަމެއްގެ އިތުރުން ޑިމޮކްރެސީގެ ނަމުގައި ކުރީ ސީދާ ރަސްކަމެއް ކަމަށްވެސް ބުނެއެވެ.

އިންގިރޭސިވިލާތުން ގޫގުލް ކުއޯޓްސް ފަދަ ތަކެތި ކިޔަވާ ވިދާޅުވެގެން، ހެޔޮ ބަދަލަކަށް ކަމަށް ބުނެ، ޝިޔާރު ބޮނޑިއެއް ހިއްޕަވައިގެން ރަސްކަމެއް ކުރަމުންދިޔަ “ޑިމޮކްރެޓިކް ދިވެހިރާއްޖެ” ވަޑައިގެން ވެރިކަމެއް ކުރުމަށް ނިއަތް ގަތް ބޭފުޅަކު، ރަސްކަމުގެ ކޯރެއް ފެނި ފެންފޮދެއް ބޯލުމަށް ކަރުހިއްކި މަންޒަރުވެސް ފެނިއްޖެއެވެ. އަދި އެންމެނަށް ހެޔޮވާނެ ކަމަށް ހުއާކޮށް، ވެރިކަމަށް ވަޑައިގަތުމަށްފަހު، ކުޅި ދައްކާލާނަމޭ ބުނި އަޑުވެސް އިވިއްޖެއެވެ.

ތިރީސް އަހަރުގެ ރަސްކަމެއްގެ ތެރެއިން މަޑު މަޑުން ހުރެ، އަތް ގަދަކުރަމުން އައިސް ވެއްޓުން ވެރިކަމެއް ކޮޅަށް ޖަހަައި ތަހުތައް އަރައި ވަޑައިގަތް ބޭފުޅަކުވެސް ފެނުނެވެ. ދެން އިވިގެންދިޔައީ، ގައުމު ދަވާލައިގެން ތުހުމަތުތަކެއް ކުރެވެމުންދާ އަޑެވެ. ބޭރު ދުނިޔެއިންވެސް އެވާހަކަ ދައްކަމުންދާ އަޑެވެ. އަދިވެސް އެ ތުހުމަތުތަކާއި، އެ ހާދިސާގެ އަނދިރިކަންވަނީ ދިވެހިރާއްޖެއަށް ވެރިވެފައެވެ. ހަގީގަތެއްވެސް ނޭގެއެވެ. އެހާވެސް ކަންކަން ގޯސްވިއެވެ.

އަނެއްކާވެސް ދުވަސްތަކެއްވެސް ނުވެ، ކުރިން ތިބި ފަރާތްތައްވެސް ހިމެނޭހެން ދިވެހިން ގެންގުޅެމުންދާ ވެރިކަމުގެ އަތްބައި ކަނޑާލުމަށް ފަހު، ދިވެހިން ހިތް ބުރަނުކޮށް، ވެރިއަކު ހޮވީއެވެ. މަޑު މަޑުން ހުންނަވާ ބޭފުޅެކެވެ. ސިޔާސީ ހެޔޮ ވިސްނުމެއް ގެންގުޅުއްވާކަމަށް އަޑު ފެތުރިގޮސްފައިވާ ބޭފުޅެކެވެ. ބަރު ޝިޔާރު ބޮނޑިތަކެއް އުފުއްލުމުގައި ޝާމިލުވެފައިވާ ބޭފުޅެކެވެ.

އެހެން ނަމަވެސް ވެރިކަމެއް ކުރުމަށް އެ ފަރާތަކަށް ފުރުސަތު ދިނުމުން އަނެއްކާވެސް އިވިގެންދިޔައީ އެއްކަލަ ނޭދެވޭ ވާހަކަތަކެވެ. ގައުމުގެ ބެންކު އެކައުންޓުތައް ކަހާ ފޫދިޔައިރުވެސް ފައިސާ ފޮއްޗެއް އަތު ނުޖެހިދާނެކަމުގެ ބިރު ހީވެފައިވާ ވާހަކައެވެ. އިޖުތިމާއީ ފޭރާން ވީދާލުމަށްފަހު، ގާނައި ޕައުޑަރަށްވެސް ހަދަމުންދާ ވާހަކައެވެެ.

ކޮންމެ ވެރިއަކުވެސް ލިބިގެންދާ ކާމިޔާބީތަކުގެ ވާހަކަތައް، ބާރު ލާފައި ރައްޔިތުންގެ ގާތު ދައްކައެވެ. ގޯސްވަނީ ނާކާމިޔާބީތަކުގެ ވާހަކަތައް ރައްޔިތުން ބާރު ލާފައި ދައްކަން ފަށާ ހިސާބުންނެވެ. އެ ހިސާބުން އިވެނީ އެއް އަޑެކެވެ. އެ ނާކާމިޔާބީއަކީ ކުރީ ސަރުކާރުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް ބުނާ އަޑެވެ. ކޮންމެ ވެރިއަކު ހުއްޓަސް އެ ވާހަކަތައް ގަބޫލު ނުކުރާ މީހުންނަށް ވެގެންދަނީ އެއް ގޮތެކެވެ. ތޭރި ތަކުގެ ފަހުތުގައި ތިބެ ހައްޕު ކިޔައިގެން ހުންނަން ޖެހުމެވެ.

މި ދެންނެވި ގޮތައް ވެރިކަން ކޮށް ދައުރު ހަމަވުމުން ދެންވެސް ދިވެހިން މިފަރާތައްކަަށް ކިޔަނީ ސަނާއެވެ. މިގޮތަށް ކަންކަން ކުރުމަކީ ދިވެހިންނަށް ނޭނގިވިޔަސް ހެދޭ ބޮޑު ގޯހެކެވެ. މި ކަމުގެ ސަބަބުން ދެން އަންނަ މީހަކަށް މި ދެވެނީ އެގޮތަށް ކަންކަން ކޮށް ފައިބައިގެންދެވޭނެ ކަމުގެ ޔަގީންކަމެވެ. ދެންވެސް ސަނާ ކިޔާނެ ބަޔަކު އުޅޭނެ ކަމުގެ ޔަގީންކަމެވެ.

ހަގީގަތުގައި ކޮންމެ ވެރިއެއްގެވެސް ރަނގަޅު ސިފަތަކެއް ހުންނާނެއެވެ. އަދި ނުރަނގަޅު އެތައް ސިފަތަކެއްވެސް ހުންނާނެއެވެ. މިއީ ހަގީގަތެއްކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އެހެންނަމަވެސް ދިވެހިން މުސާރަ ދީފައި ތިބޭ ފަރާތްތަކެއް ކުރާ މަސައްކަތައް ސަނާ ކިޔުމުގެ އާދަކާދަ ހުއްޓުމަކަށް ގެންނަން ވެއްޖެއެވެ. އެކަމުގެ ސަބަބުން ދެވެނީ ނުރަނގަޅު އެތައް ކަމެއް ކުރުމަށް ހިތްވަރެކެވެ.

ސަނާކިޔުމަކީ އޭގެ ޒާތުގައި މައްސަލައެއްވެސް ނޫނެވެ. އެހެން ނަމަވެސް، ސަނާ ކީކީނުންގޮސް އެ މީހަކު ތާއީދު ކުރާ ވެރިޔަކު ނުވަތަ އެހެން ފަރާތެއްވެސް ކުރާ ގޯސްކަންކަން ގަބޫލު ކުރުމަށް ލަދު ގަންނަން ޖެހޭ ހިސާބަށް ކިޔުމަކީ ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.

އިންސާނީ ތޮބިއްޔަތު ވާގޮތުން އެމީހަކަށް ނެގޭ ފިޔަވަޅު ގޯސްކަމަށް، ނުވަތަ ވިސްނުނު ވިސްނުން ގޯސްކަމަށް ގަބޫލު ކުރުމަކީ، ގިނަ މީހުންނަށް ވަރަށް ދަތިކަމެކެވެ. ހަމަ އެގޮތަށް މާގަދަޔަށް މާކެޓުކޮށް، އެއްޗެއް ވިއްކުމަށްފަހުވެސް، މައްސަލަތައް ޖެހުމުންވެސް އެކަމަށް އެއްބަސް ވާން ޖެހިލުންވެއެވެ. އެހެންކަމުން ސަނާ ކިޔާ ވެރިކަމަށް ގެނައި ފަރާތް ނޭދެވޭ ކަންކަން ކުރަމުންދިޔަ ނަމަވެސް، އެ ވާހަކަތައް ދައްކަން ގިނަ މީހުންނަށް ދަތިވެއެވެ. ލަދުވެސް ގަންނާނެކަން ޔަގީނެވެ. ނެގުނު ފިޔަވަޅު، ދެވުނު ވޯޓު، ކުރި ހިޔާލު ގޯސްކަމަށް އެއްބަސްވާން ބޭނުން ނުވަނީއެވެ. މިއީ ހަމަ އިންސާނީ ތޮބިއްޔަތެވެ.

މިފަދަ ގޮތަކަށް އަމަލުތައް ބައްޓަން ކޮށްފައި ހުރުމުން، ސަނާކިޔާ ވެރިޔާ، ވެރިކަމުގައި ހުރެ ކުރާނެ ކަމެއް ކޮށް ކުރަން ޖެހޭ އެއްކަމެއްވެސް ނުކޮށް ފައިބާއިރު، ގައުމު ހަފުސް ވެފައި އޮތަސް އެއްޗެކޭ ބުނާނެ ބަޔަކުވެސް މަދެވެ. އަދި ބުނާ ފަރާތްތައް ދައްކާ ވާހަކަތަކާއި ދެކޮޅަށް ވާހަކަދައްކާނެ މީހުން ގިނައެވެ. އެއީ އަމިއްލަ މަސްލަހަތު ހިމެނޭތީއެވެ. ދެންވެސް ކިޔަނީ ސަނާއެވެ. އެހެން ކަމުން ގަސްތެއް ނެތަސް އެފަދަ ކަންކަމަށް އިތުރަށް މަގުފަހިކުރެވެނީއެވެ.

ގެއަށް މަސައްކަތެއް ކުރަން ގެންނަ ފަރާތެއް ނުވަތަ، ވަޒީފާގައި ތިބި ފަރާތްތަކަށް މުސާރަ ދީގެން އާދައިގެ މަތިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުން އެއްވެސް ބަޔަކު އެ މީހަކަށް ސަނާ ކިޔާ އަޑެއް ނީވެއެވެ. ސަބަބަކީ އެއީ އެ މީހަކާއި ހަވާލުވެ، އެއްބަސްވުމެއްގެ ދަށުން ފައިސާތަކެއް ދީގެން ކުރުވާ މަސައްކަތަކަށް ވުމުންނެވެ. އެގޮތުން ވެރިކަމަށް އަންނަ ކޮންމެ މީހަކީވެސް އާދައިގެ މަތިން މަސައްކަތްތަކެއް ހަވާލުވެފައިތިބި ބައެކެވެ. މުސާރަ ލިބޭ ބައެކެވެ. ސަނާ ކިޔަންވީ ސަބަބެއް ނެތެވެ.

ސަނާ ކިޔާނަމަ ކިޔަންވީ ވެރިކަމުގެ ދައުރު ހަމަވުމުންނެވެ. އެހިސާބުން ހައްގުތޯވެސް ކަށަވަރު ކުރެވިފައިވާނެއެވެ. އަދި ރައްޔިތުން ސަނާކިޔާ އަޑު އެހުމަށް ހަވާލުވި މަސައްކަތެއް ހެޔޮ ގޮތުގައި ކުރާނެކަން ޔަގީނެވެ. ކިޔާފާނެ އެއްޗަކާއިމެދުވެސް ވިސްނާނެއެވެ. ނީވިދާނެތީ ފިކުރުވެސް ކުރާނެވެ. ފަސް އަހަރު ހޭދަކުރާނީ ހަމަ ރައްޔިތުން ރުއްސުމަށްޓަކައި އެންމެ އެދެވޭ ގޮތެއްގެ މަތިންކަން ކަށަވަރެވެ.

ވެރިކަމަށް އަންނަ ފަރާތަކީ، ދިވެހިންގެ ޓެކުސް ފައިސާއިން ބޮޑު މުސާރައާއި، ގިނަ އިިނާޔަތްތައް ދީފައި ހުންނަ ފަރާތެކެވެ. އެއްވެސް ހާލަތެއްގައި މުސާރަ ނަގައިގެން އަދާކުރަން އެއްބަސްވި މަސައްކަތް އާދައިގެ މަތިން ކުރަމުންދާތީ އަތް ތިލަބަޑި ޖަހަން  ތިބޭނެކަމެއް ނެތެވެ. އެކަމުން ވީ ފައިދާއެއް ނެތެވެ. ތިބެންވީ ވެރިކަމަށް އަންނަ ފަރާތެއް ޒިންމާ ދާރު ކުރުވަންށެެވެ. ކުރާ ނުރަނގަޅު ކަމެއްގެ ވާހަކަތައް ދެއްކުމުގައި މުޅި ގައުމު އެކަތި ގަނޑެއްގެ ގޮތުގައެވެ.

ވަކި ޕާޓީއެއް ވަކި ވެރިއެއް ބަލާނެކަމެއް ނެތެވެ. ވެރިކަމެއް ކުރަނީ އެންމެހާ ދިވެހި ރައްޔިތުންގެ މައްޗަށެވެ. ކޮންމެ ނޭދެވޭ އަސަރެއްވެސް ކުރަނީ ދިވެހިންނަށެވެ. އެހެން ކަމުން މިކަމުގައި ވަކި ފަރާތަކަށް ޖެހުމެއް އޮވެގެން ނުވާނެއެވެ. 30 އަހަރު ސަނާކިޔައިގެން ވީ ފައިދާއެއް ނެތްކަން ސާފު އެންމެނަށް، މިއަދަކުވެސް އެކަމުން ވާނީ ފައިދާ ނޫންކަމާއި ވަނީ ގެއްލުންކަންވެސް އިންގޭނެއެވެ.

މީހަކު ކުރާ ރަނގަޅު ކަންކަމުގެ ވާހަކަތައް ދެއްކުމަކީ ދުނިޔޭގެ އުސޫލެއް ނޫނެވެ. ދައްކާނީ ކުރަންޖެހި ނުކުރާ، ނުވަތަ ކުރާ ނޭދެވޭ ކަންކަމުގެ ވާހަކައެވެ. ޒިންމާދާރު ކުރުމުގައި އެންމެން ޝާމިލު ނުވާނަމަ، ގައުމެއްގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ކުރާނީ ހަމަ ރަސްކަމެކެވެ.

ވަރަށް ގަދަ
74%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: