ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ޝާހިދު ހުރިގޮތް ހާމަކޮށްފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު / ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތާއި ސަރުކާރުގެ ވެރިޔާ ހޮވުމާއި ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ޒިންމާދާރު ކުރުވުން މަޖިލީހުގައި އޮތުމަށް ތާއީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދުގެ ޓްވީޓްގައި ވަނީ އަދުލު އިންސާފު ގާއިމްކުރުން ފަނޑިޔާރުގޭގައި އޮތުމާއި ގާނޫނަށް ބޯލެނބުމުގެ ސިފަ ވެރިންގެ ކިބައިގައި ހުރުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ޝާހިދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދިވެހިރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާއި ގުޅޭގޮތުން ގަރާރެއް އެކުލަވާލައި އެ ގަރާރު އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސް އަށް ހުށައެޅުމަށް ނިންމަވާފައިވާތީ އެކަމާއި ގުޅިގެން ކަމުގައި ބެލެވެއެވެ.
ރައީސް ނަޝީދުވަނީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނެސް ބޮޑުވަޒީރަކު ހޮވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ރައީސަކު ހޮވާނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެން އިތުރު ނުވާނެ އިސްލާހާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ 5 ކަމަށް ކަނޑައެޅުން ހިމެނެއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކު ނެގުމަށް މަޝްވަރާކުރެވުނު ދުވަސްވަރު ޝާހިދު ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވައި އެމަނިކުފާނުގެ އަރިހުން އެކަމަށް އެދިވަޑައިގެންފައިކަމަށާއި އަދި ޝާހިދަކީ ވެރިކަމަށް ރުކުން ހަމަވާ ބޭފުޅެއް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ގާނޫނު އަސާސީ އަށް  ގެނައުމަށް ރައީސް ނަޝީދު ބޭނުންވާ އިތުރު ބަދަލުތަކުގެ ތެރޭގައި 35 އިންސައްތައިން މަތިން ވޯޓް ހޯދާ ކެންޑިޑޭޓަކު އެއްބުރުން އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އާދެވޭ އިސްލާހެއް ވަނީ ހުށައަޅުއްވާފައެވެ. އެ ކަމުގެ ތަފްސީލުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އާއްމުކޮށް އެއް ޝަހްސަކަށް ނުވަތަ އެއް ޕާޓީ އަކަށް ވޯޓް ލިބިގެންދަނީ ސާޅީހަކަށް ޕަސެންޓް ކަމާއި 35 އިންސައްތަ އަށް ވުރެ ދަށުން ވޯޓް ލިބިއްޖެ ނަމަ އެއީ ވަރަށް ދަށް އަދަދެއް ކަމުގައެވެ. 35 އިންސައްތައިގެ ދަށުން ވެރިކަމެއް އުފެއްދުމަކީ ބުއްދިވެރިކަމެއް ނޫން ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިމަތިލާ އިންތިހާބުން ފަންސާސް ޕަސެންޓް ހޯދާނެ ކަމުގައެވެ.

އެންމެ ފަހުން ރައީސް ނަޝީދު ވާދަކުރެއްވި 2013 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ބަލިވިކަމަށް އިއުލާން ކުރެވުނީ ފަސް ހާސް ވޯޓުން ކަމާއި އެއީ 49 އިންސައްތަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ކޮންގްރެސްގައި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން ނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި ޕްރޮވިންސް ރައީސުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: