ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އިން އަދިވެސް ފެންނަނީ މައުމޫނިޒަމް! 

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އުފެއްދީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެސް ބައިވެރިވުމާއިއެކުއެވެ. ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި ސަރުކާރު ހިންގަން ޖެހޭނެ ގޮތާއި، ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރަން ޖެހޭ މީހުން ކަނޑައެޅުމުގެ އިހްތިޔާރު ހޯދަން ކުރެއްވި މަސައްކަތުގެ ސަބަބުން ރައީސް މައުމޫން ޕީޕީއެމް އިން ބޭރުކުރަން ޖެހުނީއެވެ.

ރައީސް މައުމޫން ޕީޕީއެމް އިން ބޭރުކޮށް، ޕީޕީއެމް އިން އެޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ވެރިކަމެއް ފުރިހަމަކޮށްފިއެވެ. އޭގެ ފަހުން އެކި އިންތިހާބުތަކުގައި ކާމިޔާބީތައް ވެސް ހޯދައިފިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އުއްމީދު ވެސް ނިކަން ބޮޑަށް ހޯދައިފިއެވެ. ނަމަވެސް އަދިވެސް ބަދަލުނުވާ އެއްކަމެއް އެބައޮތެވެ. އެއީ ޕީޕީއެމްގެ ފިކުރާއި، ޕީޕީއެމްގެ އުޅުން ޒުވާން ނުވުމެވެ. ޕީޕީއެމް އިން އަދިވެސް 21 ވަނަ ގަރުނަށް ހޭނުލާކަމަށް ފެންނަ މަންޒަރުތައް ހެކިދެއެވެ.

ވަރަށް ރީތި މިސާލެއް ދަންނަވާލާނަމެވެ. ޕީޕީއެމް އިން ޖަލްސާތަކަށް ތައްޔާރު ކުރަމުން ގެންދާ ޕޯސްޓަރުތަކެވެ. ރައީސް އަބްދުﷲ ޔާމީން “އުޑާއި ދިމާއަށް” އަތް އުފުލައިގެން ހަނާ އަޅުއްވަން ހުންނަ މަންޒަރެއް ނުފެންނަ ޕޯސްޓަރެއް ނެތެވެ. އެއީ އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުން އާއި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަގެ ރަން ދުވަސްވަރު އެގައުމުތަކުން ފެނުނު މަންޒަރުތަކެވެ. މިހާރު ވެސް ކިމްޖޮން އުންގެ ފޮޓޯތައް އުތުރު ކޮރެއާގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރެއެވެ.

ރާއްޖެ އިން އެފަދަ ފޮޓޯތައް ފެނުނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ބައެއް އެއާޕޯޓްތަކުގައި ރައީސް މައުމޫންގެ މާސިންގާ ފޮޓޯތައް އޭރު ހަރުކޮށްފައި ހުރެއެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް މައުމޫން ނިކުންނެވީ އަތްތިލައެއް ލޯގޯއެއްގެ ގޮތުގައި ހަމަޖައްސަވައިގެންނެވެ. އެއީ ޒުވާނުންގެ ވިސްނުމާއި އުސޫލުތަކާއި ވަރަށް ދުރުކޮށް އޭރުވެސް ރައީސް މައުމޫން ކުރެއްވި ކަމެކެވެ.

ޕީޕީއެމްގެ ލީޑާޝިޕްގައި ވެސް ތިބީ ދުވަސްވީ ބޭފުޅުންނެވެ. ޕާޓީގެ ކަންކަން ރާވައި އިންތިޒާމް ކުރެއްވުމުގައި އަދިވެސް އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދިވެސް މައުމޫނިޒަމްގެ ސިފަތަކަށް ޕީޕީއެމްއަށް ސަލާމަތް ނުވެވިގެން އުޅޭ ސަބަބަކީ އަދުރޭގެ ނުފޫޒު ޕީޕީއެމްގެ ޕޯސްޓަރުތައް ހެދުމުން ފެށިގެން ގޮސް، ދެން ވެސް އޮތިއްޔާ އޮތް ކަމެއްގެ ތެރެއަށް ފެތުރިފައި އޮތުން ކަމަށް ވެދާނެއެވެ.

ޕީޕީއެމްގެ ޕޯސްޓަރުތަކަށް ބަލާއިރު ސިނަމާލެ ބުރިޖާއި އެތަނުގައި އެއޮތް ރީތި ކަނޑު ވެސް ފެންނަނީ ފިޔައިތޮށި ކުލައިންނެވެ. ބުރިޖުގެ ފޮޓޯއެއް ޕީޕީއެމްގެ ޕޯސްޓަރެއްގައި ބޭނުން ކުރުމުގައި ގޯހެއް ނެތެވެ. ނަމަވެސް އެފޮޓޯ ފިޔައިތޮށި ކުލައިން ދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފިޔައިތޮށި ކުލަ އަކީ ޕީޕީއެމްގެ ކުލަ ކަމާއި ބުރިޖަކީ ޕީޕީއެމްގެ ވެރިކަމުގައި އެޅި ބުރިޖެއްކަން ނޭންގޭ ދިވެހި ރައްޔިތަކު ނުހުންނާނެއެވެ. އެހެންކަމުން ލޮލަށް އުނދަގޫ އަދި ޕޯސްޓަރެއް ޑިޒައިން ކުރުމުގެ ހުރިހާ އުސޫލަކާއި ހިލާފަށް މިފަދަ ކަމެއް ކުރާކަށް ނުޖެހެއެވެ.

ލަފާކުރެވޭ ގޮތުގައި ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން ބާއްވާ ޖަލްސާގެ ބެކްޑްރޮޕްގައި ވެސް ރައީސް ޔާމީންގެ ބޮޑު ފޮޓޯއެއް ހަރުކޮށްފައި ހުންނާނެއެވެ. ނަމަވެސް ސުވާލަކީ ރައީސް ޔާމީން ސްޓޭޖްގައި ވާހަކަ ދައްކަވަން ހުންނަވާއިރު އެމަނިކުފާނުގެ ފޮޓޯއެއް ފަހަތުގައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިއުޅެނީ ރައީސް ޔާމީންގެ ސިފަ ވަކިކުރަން ދިވެހި ރައްޔިތުންނަށް ނޭންގިގެން ހެއްޔެވެ؟

ޕީޕީއެމް އަށް އަދިވެސް ޒުވާނުންގެ ތާއީދު ލިބެން އޮތީ މިފަދަ ތާކުންތާކުނުޖެހޭ މައުމޫނިޒަމްގެ ސިފަތައް ދޫކޮށްލައި، ވިސްނުމާއި އުސޫލުތައް ޒުވާން ކޮށްގެންނެވެ. ހުދުމުހުތާރު ވެރިކަންތައް ހިނގާ ގައުމުތަކުގެ ކަންކަން ކޮޕީ ކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނެއެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 65%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: