ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް އެމްޑީޕީގެ ތެރޭގައި ބައިބައިވުންތައް އުފެދިއްޖެ: މިފަހަރު މައްސަލައަކީ ބަރުލަމާނީ ނިޒާމު!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތާއީދެއް ނެތްކަން ހާމަކުރުމާއި އެކު، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ހުރި ހިޔާލު ތަފާތުވުން ހާމަވާން ފަށައިފިއެވެ.

ރިޔާސީ އިންތިހާބު ބޭއްވުން ފަސްކޮށް، ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް ރައީސް ނަޝީދު، ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައަޅާފައިވަނިކޮށް، ރައީސް ސާލިހު މީޑިއާތަކަށް މައުލޫމާތު ދެއްވައި، އެ މަނިކުފާނު ތާއީދު ކުރައްވަނީ، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ރިޔާސީ ނިޒާމެއްގައި ދެމެހެއްޓުމަށް ކަމަށް ބުނުމާއި އެކު، ދެ ފެކްޝަންގެ މެމްބަރުސް ސޯޝަލް މީޑިއާގައި އެ ފަރާތެއް ތާއީދު ކުރާ ނިޒާމަކަށް ތާއީދު އޮތްކަން ވަނީ ފާހަގަކޮށްފައެވެ.

ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ، މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވަނީ ރިޔާސީ ނިޒާމަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އިމްތިޔާޒް ވިދާޅުވީ، ދުނިޔޭގެ އެންމެ ތަހުޒީބު އަދި ސުލްހައާއި ތަނަވަސްކަން ހޯދާފައިވާ ގައުމުތަކަކީ ގާތްގަނޑަކަށް ހުސް ބަރުލަމާނީ ނިޒާމެއްގެ ތެެރެއިން ވެރިކަން ކުރަމުން އަންނަ ގައުމުތައް ކަމަށެވެ.

ވެރިކަން ކުރަން ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ބުނުމަކީ، ހަގީގަތަށް ހަޖޫ ޖެހުންކަމަށް ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ރިޔާސީ ނިޒާމު މާ ރަނގަޅުވާނެ ކަމަށް ބުނެވޭ ވަރުގެ މޮޅު މީހެއް ދިވެހިރާއްޖޭގައި ހުރި ކަމަށް އެނާ ނުދެކޭކަމަށެވެ.

ރައީސް ސާލިހުގެ ފެކްޝަނުގައި ހިމެނި ވަޑައިގަންނަވާ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އޭނާގެ ހިޔާލު ހިއްސާކޮށް ވިދާޅުވީ ރިޔާސީ ނިޒާމަކީ ތިން ބާރު ވަކި ކުރެވިފައިވާ ނިޒާމެއްކަމަށާއި، ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ އަތުން ބާރުތައް ގެއްލި ދާކަމަށް އެނާ ވަނީ ސިފަކުރައްވާފައެވެ.

ނާޝިޒް ވިދާޅުވީ، ރައްޔިތުންގެ އަތުގަ އޮތް ބާރު މަޖިލީސް މެމްބަރުގް އަތަށް ނަގައި، މަސްހުނިވެ ގަޑުބަޑު ކުރަން އެނާ ނޭދޭކަމަށެވެ.

މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ތިން ބާރު މަސްހުނިވާ ނިޒާމެއް ރާއްޖޭގައި ގާއުމު ކުރާ ވަރަށްވުރެ، ގައުމު އޮތީ ޅަފަތުގައިކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲވެސް ވަނީ އެނާ ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ހުންނެވި ކަން ހާމަކޮށްފައެވެ. އެގޮތުން، އެނާ ތާއީދު ކުރަނީ، ރާއްޖޭގައި ރިޔާސީ ނިޒާމެއް ދެމި އޮތުމަށް ކަމަށް އަހުމަދު އަބްދުﷲ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝަހިދުވެސްވަނީ އެ މަނިކުފާނު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ.

ރައީސް ނަޝީދުވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެ މަނިކުފާނު އެތައް ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުކުރައްވާފައިވާ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލާއިއެކު، މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. ދާދި ފަހުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނުވަނީ، ރައީސް ސާލިހު ބަރުލަމާނީ އަށް ތާއީދު ނުކުރައްވައިފިނަމަ، ވެރިކަން ހޯދުމަށް ނާކާމިޔާބުވާނެކަމަށް ދޭހަވާ މޭރުކަމުން ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: