ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުރުކުރުމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން މިއަދު ފާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، އެމްޑީޕީއާއި ރައީސް ނަޝިދުގެ ދެމެދުގައި އަމާޒު ކުރާ ބަހުގެ ހަމަލާތައް ވަނީ ގިނަވެފަ އެވެ. އަދި އެމްޑީޕީން ގަބޫލު ކުރާގޮތުގައި އެ ނަތީޖާ ލިބުމުގެ ޒިންމާ ނަގަން ޖެހޭ އެއްބޭފުޅަކީ ރައީސް ނަޝީދެވެ.

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ބޭނުން ވަނީ ”އިބޫ ނޫން ގޮތެއް“ ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިއިރު، ރައްދުގައި އެމްޑީޕީގެ މެމްބަރުން ވެސް ގެންދެވީ އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސަރުކާރަށް ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސްގެ ތާއީދު ބޭނުންވާތީ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. އެއީ މަސްލަހަތަށް ބަލައި ނިންމި ނިންމުމެއްކަމަށް އެމްޑީޕީން ބުނި ނަމަވެސް، ޑިމޮކްރެޓްސް ސިފަ ކުރި ގޮތުގައި އެމްޑީޕީ ގޮތް ހުސްވެ ބޭނުންވީ ތާއީދެވެ.

އެމްޑީޕީގެ ނިންމުމާއި އެއްގޮތަށް މައްސަލަ އަނބުރާ ގެންދިއުމުން ވެސް ޑިމޮކްރެޓްސް އެމްޑީޕީއަށް ތާއީދެއް ނުކުރެ އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުގެ ގޯސްތައް ފާހަގަކޮށް ވެރިކަން ބަދަލުވާން ޖެހޭކަމަށް ގޮވާލި އެވެ. ދެވަނަ ބުރުގައި ރައީސް ސޯލިހަށް ނާކާމިޔާބުވުމުން، އޭގެ ފަހުން ބަރުލަމާނީ ބަހުސެއް އުފެދި ގައުމީ މަޖިލީހުގައި ވެސް މެމްބަރުން ގޮވާލީ ”ނަޝީދު ނޫން ގޮތެއް“ އަދި ”ބަރުލަމާނީ ނޫން ގޮތެއް“ ހޯދުމަށެވެ. އަދި މިހާރު މިއޮތް ޓްރާންސިޝަނަލް މުއްދަތުގައި އެމްޑީޕީއަށް މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން އަނބުރާ ވެއްދުމަށް ވެސް ގޮވާލި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ތާއީދުކޮށްފައި ވަނިކޮށް ރޭގައި ފެށި މަޝްވަރާތަކާއި އެއްގޮތަށް ފަސްކުރީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީން ތައްޔާރުވިއިރު، ކުރިޔަށް ހުރީ މުހިންމު މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނެ އެވެ.

މި މައްސަލައިގައި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ މެމްބަރުން ދަނީ ފާޑުކިއުން އަމާޒުކޮށް، އިންތިހާބުގެ ބަލީގެ ޖަޒުބާތުގައި ޖެހި މަސައްކަތް ނުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ޑިމޮކްރެޓްސްގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ޕާޓީން އެމްޑީޕީއާއި ދުރުވާން ޖެހުނު މައިގަނޑު ސަބަބަކީ ސަރުކާރުގެ އެތެރޭގައި ވައްކަމާއި، އޮޅުވާލުމާއި، ކޮރަޕްޝަން އިންތިހާއަށް އިތުރުވުމުން ކަމަށެވެ. އަދި އެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ބަދަލުގައި ސަރުކާރުގައި އޮތީ އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް އެހީވެދީ، އެ މައްސަލައެއް އޮއްބާލުންކަމަށް ވެސް ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މަޖިލިސް މެމްބަރުންނާއި، ދައުލަތުގެ ވަޒީރުން އަދި ދައުލަތުގެ އެންމެ މަތީ މަގާމުތަކުން ފެށިގެން، ކުންފުނިތަކާއި ސަރުކާރުގެ އެކި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ޒިންމާ އޮތް މީހުން ވެސް ތިބީ ކޮރަޕްޝަނުގެ ދަށުވެފައި ކަމަށެވެ. މިއީ ބަލައި ތަހުގީގު ކުރަން ޖެހޭ މައްސަލައެއްކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމުގެ ދަހިވެތިކަމުގައި ޖެހި އެތައް ހާސް ރައްޔިތުންގެ މުސްތަގުބަލް ގުޅިފައިވާ ޕާޓީއެއް މަގުމަތިކޮށް، ދައުލަތުން ނާޖާއިޒް ފައިދާ ތަކުރާރުކޮށް ނަންގަވާފައިވާކަމަށެވެ. އަދި މި މައްސަލަތައް ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: