ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީކޯ މޫސަ، ނަޝީދަށް: ބަރުލަމާނީ ނިޒާމުގެ ވާހަކަ ނުދައްކައި މާ ގިނަ ވޯޓު ލިބޭނެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އުފައްދައި، ޕާޓީއަށް މީހުން ވަނީ ވެރިކަމުގެ ނިޒާމުގެ ވާހަކަ ދައްކައިގެން ނޫންކަމަށާއި ބަރުލަމާނީ ނިޒާމުގެ ވާހަކަ ނުދައްކައި ޕާޓީއަށް ރިޔާސީ އިންތިހާބުގައި މާ ގިނަ ވޯޓު ލިބޭނެކަމަށް އެ ޕާޓީގެ ކުރީގެ ޗެއަޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލު ކުރުމަށް ބޭނުންވާތީ، އެކަން ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވީ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮންގްރެސްގައި އެކަމަށް ގޮތެއް ނިމި އަންނަ އަހަރުގެ ފެބްރުއަރީ މަހު ރަސްމީ މަސައްކަތްތައް ފެށުމަށެވެ. ނަމަވެސް އެ އިސްލާހަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ރައްދު ދެއްވައި އިސްލާހަށް ފުރުސަތު ނުދީފިނަމަ ސަރުކާރާއި ދެކޮޅުވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. އެމްޑީޕީގެ ހަރުގޭގައި އޮތް ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ލިބޭނީ 27 އިންސައްތައެއްހާ ވޯޓު ކަމަށެވެ. އަދި އެމްޑީޕީގެ ގިނަ މެމްބަރުން އެމަނިކުފާނަށް ވޯޓު ނުދެއްވާނެކަމަށް ވިދާޅުވި އެވެ.

ބަހުސްގެ ތެރެއަށް ވަޒީރުންނާއި އެހެން ބޭފުޅުން ވެސް ވަދެވަޑައިގެން ރައީސް ސޯލިހުގެ ދިފާއުގައި ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އަދި ރާއްޖެއަށް އެންމެ އެކަށީގެން ވަނީ ރިޔާސީ ނިޒާމުކަން ފާހަގަ ކުރި އެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް، އެމްޑީޕީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާފައި ވާ މޫސަ ވިދާޅުވީ، އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ނިޒާމުގެ ބަހުސް ކުރަން ބޭނުން ބައެއް ނޫންކަން އެންމެ އުތުރުން ފެށިގެން ދެކުނަށް ކުރި ދަތުރުތަކުން އެނގިގެން ގޮސްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް މާ ގިނަ ދުވަހެއް ނެތްކަން ފާހަގަކޮށް މޫސަ ވިދާޅުވީ، ބަރުލަމާނީގެ ވާހަކަ ނުދައްކައި އެމްޑީޕީއަށް މާ ގިނަ ވޯޓު ލިބޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ޕާޓީގެ ދަފްތަރުގައި ނެތް އެތައް ބަޔަކު ވެސް ހިމެނޭނެކަމަށް މޫސަ ވިދާޅުވި އެވެ.

ބަރުލަމާނީގެ ބަހުސް ފައްޓަވައި، ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ހަރުގެ ޖަލްސާތައް ވެސް ކުރިޔަށް ގެންދަވާތީ އެމްޑީޕީ ޕާލިމަންޓު ގުރޫޕު މެމްބަރުންނާއި ވަޒީރުން ދަނީ އެބޭފުޅުންގެ ހިޔާލު ހިއްސާ ކުރަމުންނެވެ. ނިޒާމު ބަދަލު ކުރުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ތާއީދު ބޭނުންކަމަށް ވިދާޅުވުމުން އެނާ ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި ރައީސް ސޯލިހުގެ ބަދަލުގައި ވެރިކަމަށް އައުން ރަނގަޅީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް ޝާހިދު ވެސް ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށް ރައީސް ސޯލިހުގެ ދިފާއުގައި ޓުވީޓު ކުރައްވާފަ އެވެ.

އެމްޑީޕީ ހަރުގޭގައި ވާޙަކަ ދައްކަވަމުން ރޭރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓެއް ނުލިބިއްޖެނަމަ 42 އިންސައްތަ ވޯޓް އެމްޑީޕީ އާއި ދުރުވާނެ ކަމަށެވެ. 2018 ވަނަ އަހަރުގެ ކަންކަމާއި މިހާރުގެ ހާލަތު އެއްގޮތް ކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: