ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޓްސްއަޕް ގުރޫޕެއްގައި ޑްރާމާ ކުޅުނަސް، އެމްޑީޕީގެ ގުޅުން ވަރުގަދަ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދެބަސްވީ ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ފަލްސަފާގެ އަސާސީ ކަންކަމަކީ ޕާޓީގެ މެންބަރުން ދެބަސްވާ ކަންތައްތަކެއް ނޫންކަމަށް ޕާޓީގެ ޗެއާޕާސަން، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ހިޔާލުތަފާތުވުންތައް އުފެދި، އެމްޑީޕީގެ އެތެރޭގެ ހާލަތު ގޯސްވެފައި ވަނިކޮށް ރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގައި ވެސް ޕާޓީގެ ލީޑާޝިޕްގެ ތެރޭގައި ބަހުގެ ހަމަލާތަކެއް އަމާޒު ކުރި އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ޕާޓީ އޮތީ ވަރަށް ގޯސް ފައްތަރެއްގައިކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އުފެދި ޕާޓީއެއްގެ ހާލަތު މިހާ ދަށް ވެގެން ނުވާނެ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހުށަހަޅާފައި އޮތް ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތާއި، ރައްޔިތުންނަށް އެކަމުގެ ހިޔާލު ދިނުމަށް ފުރުސަތު ދޭން ގޮވާލި އެވެ.

މި އަހަރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ، ބަހުސްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުތަކާއި، ބާރާއި ނުފޫޒު ބޭނުން ކުރުމުގެ ވާހަކަތައް ހިމެނެ އެވެ. އެއަށް ފަހު އަނެއްކާ ވެސް ކޮންގްރެސް އާއި ދިމާކޮށް ހުށަހެޅި ގަރާރާއި، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން މައްސަލަ ހޫނުވީ އެވެ. އަދި އެ މައްސަލައިގައި މެމްބަރުންގެ ތެރޭގައި ދެކެވުނު ގިނަ ވާހަކަަތައް މީޑިއާތަކުގައި ލީކުވި އެވެ.

ގައުމީ މަޖިލީހުގެ ވަޓްއަސްޕް ގުރޫޕުގެ ސްކްރީންޝޮޓުތައް އެކި ފަހަރު މަތީން ލީކުވެފައިވާއިރު، އެންމެ ފަހުން އާއްމުވި ވާހަކަތަކުގައި ޒިނޭގެ ތުހުމަތަކާއި ރާ ބުއިބުމުގެ ތުހުމަތުތަކެއް ކުރައްވާފައި ވެއެވެ.

ރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ކުރާ ބަހުސްތަކަކީ އެއީ ޑިމޮކްރަސީގެ ހެއްކެއް ކަމަށެވެ. ޕާޓީ އުފެދިގެން އައީ ރައްޔިތުންގެ ދަތި ހާލު ދަނެގެން އެކަންތައް ހައްލު ކުރުމަށްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރައްޔިތުންނާއި ހަމައަށް ރަނގަޅު ބޭސްފަރުވާގެ ނިޒާމަކާއި، ތައުލީމީ ނިޒާމެއް ގެނެސް ދިނީ އެމްޑީޕީން ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ގާއިމު ކުރުމަށް އެމްޑީޕީން ދިން ސަމާލުކަމާއި، އެ މަސައްކަތާއި ގާތަށް ވެސް އެހެން ސަރުކާރަކަށް ނުވަތަ ޕާޓީއަކަށް ކުރިޔަށް ދެވިފައި ނުވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

“ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނެތިފައި އޮއްވާ އަޅުގަނޑުމެންގެ މި ޕާޓީން އެކަންތައްތައް މިއޮތީ ތައާރަފުކޮށްފަ، މިއަދު އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތަކު ބޭސް ފަރުވާކުރުމުގައި ގޮތް ހުސްވެގެން  ދާކައް ނުޖެހޭނެ”

ވެރިކަމެއްގައި އެންމެ މުހިންމީ އުމްރާނީ ތަރައްގީ ނޫންކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އެންމެ މުހިންމީ، ދިވެހި ރައްޔިތުންގެ ފިކުރު ބަދަލުކުރުމާއި ސިޔާސަތުތަކަށް ބަދަލު ގެނައުންކަމަށެވެ.

ފައްޔާޒް ވިދާޅުވީ ތަރައްގީ ގެނެވޭނީ މިނިވަންކަމާއިއެކު ފިކުރުކުރުމުގެ ހައްގު އެ ރައްޔިތަކަށް އޮތުމުންކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ބަހުސް ކުރުމާއި، ވަކި ކަމަކާއި މެދު އެ މީހަކު ދެކޭ ގޮތް ހިއްސާ ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. ޕާޓީގެ އެންމެ މުހިންމު އަސާސާއި އެކު، ޕާޓީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.

“ބައެއް ބޭފުޅުން ވިދާޅުވާނެ އަޅުގަނޑުމެން ޑްރާމާ ކުޅެނީ އޭ، އަޅުގަނޑުމެންގެ ވަޓްސްއެޕް ގުރޫޕުގެ ވާހަކަދައްކާނެ. ބައްލަވާ އެއީ އަޅުގަނޑުމެން އެކަން ކުރަން ބޭނުންވާގޮތް. ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން ޑްރާމާ ކުޅުނޭ ހީވިއަސް އަޅުގަނޑުމެންގެ ގުޅުން އޮންނަނީ އެހެނެއްނޫން”

ބައެއް މެމްބަރުންގެ މެދުގައި އޮތް ރުޅިވެރިކަމާއި ނަފްރަތު ފެނިގެން ދިޔަ ވަޓްއަޕް ގުރޫޕުގެ ސްކްރީންޝޮޓުތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ، މިނިވަަންކަމާއި އެކު ވާހަކަ ދައްކައިގެން ނަތީޖާ ނެރުމަކީ އެމްޑީޕީގެ ސިފަ ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ދެކެވޭ ވާހަކަތައް ފާޑުކިއުންތައް އަމާޒުވީ ނަމަވެސް، މަސައްކަތް ކުރަން ބޭނުންވާ ގޮތަކީ އެއީކަމަށް ވިދާޅުވި އެވެ،

ފައްޔާޒް ވިދާޅުވީ ތަފާތު ހިޔާލުތަކެއްގެ މައްޗަށް ބަހުސް ކުރިނަމަވެސް އެމްޑީޕީގެ އެތެރޭގެ ގުޅުންތައް މާ ވަރުގަދަކަމަށާއި، އެ ވާހަކަތަކަށް ފަހު ވެސް މެމްބަރުންގެ މެދުގައި އެކަކު އަނެކަކާއި އެކު މަސައްކަތް ކުރުމުގެ ހިތްވަރު ހުންނާނެ ކަމަށެވެ. ބަރުލަމާނީ ނިޒާމާއި މެދު މެމްބަރުންގެ ހިޔާލުތައް ދެކަފިވުން ވެސް އެއީ، އެފަދަ ބަހުސްއެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެކުގައި މަސައްކަތް ކުރެވޭނެކަމަށް ފައްޔާޒް ވިދާޅުވީ ނަމަވެސް، ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ގޮތުގައި ނިޒާމީ ބަހުސްއަށް ޖާގަ ނުދީފި ނަމަ އެމަނިކުފާނު ހުންނެވީ ސަރުކާރާއި އެކު ނުވަތަ ރައީސް ސޯލިހާއި އެކު މަސައްކަތް ކުރައްވާ ގޮތަކަށް ނޫނެވެ. އަދި ސަރުކާރާއި ދެކޮޅަށް ނިކުންނަވާނެކަމުގެ އިންޒާރު މިއަދުގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: