ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ވެސް ރައްޔިތުން ބޭނުންވީ ބަރުލަމާނީ ނިޒާމެއް، އޭރުގެ އިލެކްޝަނުން ނަތީޖާ އޮޅުވާލި: ނަޝީދު

ރިޔާސީ އިންތިހާބުގެ ކުރިން 2007 ގައި ބޭއްވި ނިޒާމީ ވޯޓުގެ ކެމްޕެއިނުގެ ތެރެއިން، އޭރު ބަރުލަމާނީ ޕްރޮމޯޓު ކުރުމުގައި ނަޝީދަށް ގޮންޖެހުންތައް ދިމާވި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބުށް ފަހު ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރެއްވި މަސައްކަތްތައް ނާކާމިޔާބުވީ، އޭރުގެ އިލެކްޝަންސް ކޮމިޝަންގައި ތިބި ފަރާތްތައް ހިންގި ކޮރަޕްޝަންގެ އަމަލަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާ ރައީސް ނަޝީދަށް އާއްމުން އެންމެ ބޮޑަށް އަމާޒު ކުރާ އެއް ސުވާލަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ނުކުރެއްވި ސަބަބާއި މެދު އެވެ.

2007 ވަނަ އަހަރު، ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ މެދުގައި ވެރިކަމުގެ ނިޒާމަކަށް ދިއުމާއި މެދު ނެގި ވޯޓުގައި ގިނަ ބައެއްގެ އަޣުލަބިއްޔަތުން ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ. އަދި އޭރުން ފެށިގެން އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އައީ ވޯޓުގެ ނަތީޖާތައް އޮޅުވާލާފައިވާ ކަމަށެވެ. އަދި ވޯޓުލީ އިންސައްތައަށް ވުރެ، މަތީ އަދަދަކުން ނަތީޖާތައް ދެއްކުމަކީ އޭގެ ހެއްކެއްކަން ފާހަގަ ކުރި އެވެ. އޭރު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަމަވެސް، ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އޭގެ ސަބަބުން ރައީސް ނަޝީދަށް ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅުއްވާފައިވާ ގަރާރަށް ތަފްސީލުކޮށް ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ އެންމެ ފަހުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުން ބަރުލަމާނީ ނިޒާމު ގެނެވިފައި ނުވަނީ، އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުގެ ކުރިން، އަމިއްލައަށް އިލެކްޝަންސް ކޮމިޝަންގެ ނަން ބޯޑެއް ޖަހައިގެން ތިބި ބަޔަކު އެދުނު ގޮތަށް ވޯޓުގެ ނަތީޖާތައް ބަދަލު ކުރުމުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތައް މެމްބަރުންނެއް އަދި ތާއީދު ކުރާ މީހުންގެ ވިންދުތަކާއި، އިހުސާސްތައް ހުރަސްކޮށް، ނަގާލުމަށް ފަހު އެ ޕާޓީއަށް ލިބޭނެ ކާމިޔާބީއެއް ނެތްކަމަށެވެ. އަދި ޕާޓީގެ އެންމެހާ މެމްބަރުން އެއްގަލަކަށް އެރުމުން ނޫނީ، ކާމިޔާބީއެއް ހޯދެން ނެތްކަން އެ މަނިކުފާނަށް ކަށަވަރު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްގަލަކަށް އަރައިގެން ނޫނީ ޕާޓީއަށް ކާމިޔާބީއެއް ނެތްކަން އެމްޑީޕީގެ އެންމެހާ މެމްބަރުންވެސް ގަބޫލު ކުރާނެކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބަށް ދާއިރު، މިހާރު ކޯލިޝަން ހަދައިގެން ތިބި ޕާޓީތަކުގެ ތާއީދު އޮންނާނެކަމަށް ނުވަތަ އެމްޑީޕީއާއި އެކު ތިބޭނެ ކަމަށް ދެކިއްޖެނަމަ، އެމްޑީޕީއަށް ތިބެވޭނީ އަވާމެންދުރެއްގެ ތެރޭގައިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތަފާސް ހިސާބުތައް ހުންނާނެކަމަށް އެ މަނިކުފާނު އަންދާޒާ ކޮށްފައިވާ ގޮތް، ހިއްސާކޮށްފައިވާނެކަމަށެވެ. އެހެން ކަމުން އެމްޑީޕީއިން އެކުގައި ތިބެގެން ނޫން ގޮތެއްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ކުރިމަތި ލައިފިނަމަ، އެ ޕާޓީއަށް ލިބިގެންދާނީ ލިބެން އޮތް އެއްޗެއްގެ ކުޑަ މިންވަރެއްކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު އެންމެ ބޮޑަށް ބޭނުންވާ އެއް ސަބަބަކީ، ގާނޫނު އަސާސީ ރަނގަޅު ގޮތުގައި ތަންފީޒު ކުރުމަށާއި ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ކުރުމަށްކަމަށް ވިދާޅުވެ އެވެ، ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީ އުފެދިގެން އައީ ވެސް، ވުޒާރާތަކާއި ހަވާލުވެ ތިބޭ ވަޒީރުން ޖަވާބުދާރީ ކުރުވުމުގެ ސިޔާސަތާއި އެކު އެވެ. އަދި އެކަން ކުރެވެން އޮތީ ޕާލިމަންޓްރީ ސިސްޓަމެއްގެ ތެރެއިންކަމަށް އެމަނިކުފާނު ދަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު އެންމެނިކުފާނުގެ ހުށަހެޅުންތަކުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް، އެމްޑީޕީގެ ލީޑާޝިޕާއި ގައުމީ މަޖިލިސް އަދި ޕާލިމަންޓު މެމްބަރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވާ ވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: