ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްގައި ވެސް ނަޝީދުގެ ފާޑުކިއުން ސޯލިހަށް: ރައްޔިތުން ގާތު ބަރުލާމާނީއާއި މެދު ސުވާލު ނުކުރަން ވީ ސަބަބެއް ނެތް!

ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮންގްރެސްގެ މަންދޫބުންނާ މުހާތަބު ކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން، ރައްޔިތުންގެ ހިޔާލު ނުހޯދަންވި ސަބަބެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އަމަލު ކުރަމުން ދާ ނިޒާމު، ބަރުލަމާނީއަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ކޮންގްރެސް އަށެވެ. އަދި މާދަމާގެ ބައްދަލުވުމަށް ރައީސް ނަޝީދުގެ ހުށަހެޅުމަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ރޭ ކޮންގްރެސް ފެށިއިރު ރައީސުލްޖުމްހޫރިއްޔާ އަދި، އެމްޑީޕީގެ އިސް ލީޑަރުގެ ވާހަކަފުޅުގައި ވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް އެކަށީގެން ނުވާކަން ދޭހަވާ މޭރުމަކުން ވާހަކަ ދެއްކެވި އެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޖުމްލަކޮށް އަލިއަޅުވާލެއް ވީ އެމްޑީޕީ އުފެދިގެން އައި ސަބަބާއި މިހާތަނަށް އައި އިރު ނިޒާމު ބަދަލު ނުކުރެވި އޮތުމުގެ ސަބަބުން ގާނޫނު އަސާސީ ތަންފީޒު ކުރުމުގައި ދިމާވި ދަތިތަކަށެވެ. އޭގެ ފަހުން ޕާޓީގެ ޗެއާޕާސަން، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ނިޒާމީ ބަހުސްއެއް އުފެދެން ވީ ސަބަބެއް ނެތްކަން ފާހަގަކޮށް ވާހަކަ ދެއްކެވި އެވެ. އަދި އެ ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށޭނެ ނިޒާމެއް ނޫންކަމަށް ވިދާޅުވި އެވެ.

ކޮންގްރެސް ފެއްޓުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ކުރުމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން، ވޯޓަކަށް އެހުމަށް ހުށައަޅުއްވާފައިވާ ގަރާރަކީ، އެ ޕާޓީގެ މެމްބަރުންގެ ގާތުގައި އެ ސުވާލު ކުރުމަށް ހުށައަޅާފައިވާ ގަރާރެއް ނޫންކަމަށެވެ. އަދި ޕާޓީއަށް ގަރާރެއް ހުށައަޅާފައި ވަނީ، ރައްޔިތުންގެ ގާތުގައި އެ ސުވާލު ކުރުމާއި މެދު ގޮތެއް ނިންމުމަށް ކަމަށް ވިދާޅުވި އެވެ.

“ޕާޓީއަށް ތާއީދުކުރާ އެތައް ބައެއްގެ ވިންދު، އިހުސާސް، އުއްމީދު ހުރަސްކޮށް ނަގާލައި، ގޮން ޖަހައި ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބީއެއް ނެތް” ނަޝީދު

ބަރުލާމާނީ ނިޒާމު ގެނައުމަށް ފެނޭތޯ ރައްޔިތުންގެ ގާތުގައި އެހުމަށް ނޫންކޭ ބުނަންވީ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުށައަޅާފައިވާ ގަރާރާއި މެދު ވޯޓެއް ނެގުމުން، އެމްޑީޕީއަށް ވެގެންދާނެ ގޮތް އެ މަނިކުފާނަށް އެނގޭކަމަށެވެ. އަދި އެ “ހާޖާނުގެ” މަންޒަރެއް ނޭދޭކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ އެހެން ސިޔާސީ ޕާޓީތަކުގައި ދިމާވާހެން އެމްޑީޕީ ބައިބައިވެގެން ދާނެ ސަބަބެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ބުއްދިވެރިކަމާއި އެކު، އެފަ ގޮތަކަށް އަމަލުކޮށްފިނަަމަ، ކުރިއަށް އޮތް އެތައް ޖީލަކަށް ވެސް ދިވެހިރާއްޖޭގެ ކަންކަން ނިންމަމުންދާނީ އެމްޑީޕީންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން ދާ ނިޒާމަކީ ރިޔާސީ ނިޒާމު ނަމަވެސް، މިއީ ދެ ނިޒާމުގައި ހުރި ރަނގަޅު ކަންކަން އެކުލެވޭ ގޮތަށް މައްސުނިކޮށް އޮތް ނިޒާމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި 2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގި ވޯޓު އޮޅުވާލާފައިވާކަމަށް އެމްޑީޕީ ހަރުގޭގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. އެހެން ކަމުން އެ ނަތީޖާ ގަބޫލު ކުރުމަށް ބޭނުން ނުވާކަމަށާއި، މިއީ ރައްޔިތުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެވެން ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ނިޒާމާއި މެދު ރައްޔިތުން ދެކޭ ގޮތުގެ ވޯޓެއް ނެގީ މީގެ އަހަރުތަކެއް ކުރިންކަމަށާއި، މިއަދު ރައްޔިތުން އެއަށް ވުރެ ހޭލުންތެރިވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: