ޖަލަށް ގެނެވޭ ކޮންމެ މީހަކީވެސް، ރިހިބިލިޓޭޓްކުރެވި އަނބުރާ މުޖުތަމަޢަށް ގެނެވޭ މީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ޤައިދީންނަށް ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާއި އެޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ގެންދިޔަ ސެޓްފިކެޓް 1 އިން ހައުސްވަޔަރިން އެންޑް އިލެކްޓްރިޝަން ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ޤައިދީންނާއި މެދު ދެކެން ޖެހޭނީ އަދި ބަލަންޖެހޭނީ އިޙްތިރާމާއި އިޙްސާންތެރިކަމާއި އެކު މަސައްކަތްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ މީހެއްގެ ގޮތުގައިކަމަށެވެ. އަދި ފާހަގަކުރެއްވީ އެއްވެސް މީހަކާއި މެދު ތަފާތުކުރުމެއް ގެންގުޅެ، ވަކިގޮތަކަށް ކަންތައްތައް ކުރުން އެއީ، އެއްވެސް ޙާލެއްގައި މުޖުތަމަޢުގެ ތެރޭގައި ކަން ކޮށްގެންވާނެ ގޮތް ނޫންކަމަށެވެ.

މުހިއްމުކަން ކުޑަ ހަމަ އެކަކުވެސް ނެތްކަމަށާއި އެހެންކަމުން އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ، ޖަލުގައި ތިބި ޤައިދީންނާއި ދޭތެރޭގައި އިޙްތިރާމާއި އިޙްސާންތެރިކަމާއި އެކު އަމަލު ކުރެވި އެފަރާތްތައް، އަނބުރާ މުޖުތަމަޢަށް އައުމުގެ ފުރުޞަތު ހޯދައިދީ އާއިލާތަކާއި އެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށް ފައިސަލް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި ޤައިދީނަށް މަރުޙަބާ ދަންނަވާ، ފައިސަލް އެދިވަޑައިގަތީ މިއަދު ސެޓްފިކެޓް ލިބުނު ފަރާތްތަކަކީ އަލުން އަނބުރާ ޖަލަށް ގެނެވޭނެ މީހަކަށް ނުވުމުގެ ޢަޒުމް ކަނޑައެޅުމަށެވެ.

މީގެ އިތުރުން ފައިސަލްގެ ވާހަކައިގައި ވަނީ މި ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮށް، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމުގެ މައްޗަށްވެސް އަލި އަޅުއްވާ ވާހަކަދައްކަވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲ އާއި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމާއި އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.