ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމްސްކޫލިންގ އަކީ ހައްލެއްތަ؟

ހޯމް ސުކޫލު ކުރާ މަންޒަރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ކުދިންނަށް ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކައަކީ، އަޑު އަހަން އުނދަގޫ، އަދި ހުތުރުވެސް ވާހަކައެކެވެ. އެވާހަކަައަކީ އެހާމެ ހިތާމަ ހުރިވެސް ވާހަކައެކެވެ. އެފަދަ އަމަލުތައް އާންމުވެގެންގޮސް ރައްޔިތުންނަށް ކެތްނުވާ ހިސާބަށްވެސް ގޮސްފިއެވެ.

ދިވެހި މުޖުތަމައު ފަސާދަވަމުންދާ ވާހަކައަކީ، ދުވާލު ދެދަޅައަށް ކާ ބޭހެއްހެން ދެކެވެމުންދާ ވާހަކައެކެވެ. އެއްޖިންސުން ގުޅުން ހިންގުމާ، ދީނަށް ފުރައްސާރަ ކުރުމާއި މިކަލަ ހުރިހާ ވާހަކައަކީ، މިހާރު އާންމު ވާހަކަތަކެކެވެ. ބައެއް މީހުން މި ވާހަކަތައް އަޑު އިވުމުން، ބީރު ކަންފަތެއް ދޭ މަންޒަރު ފެނެއެވެ. އަނެއް ބައި މީހުންނަކީ، ގައުމަށް އަދި ކޮންމެ މީހަކަށް ހިތްދަތިކަމެއް ދިމާވިނަމަވެސް، އެކަމުގައި އެ މީހަކާއި އަދި ގައުމާއި އެކު ހިތާމަ ކުރާ، ޖަޒުބާތުގައިވެސް ޖެހޭނެ މީހުންނެވެ.

ދާދި ފަހުން، ކުޑަ ކުއްޖަކަށް ފުރައްސާރަ ކުރި މައްސަލައިގެ ތުހުމަތުގައި، ޓީޗަރެއްގެ މަގާމު އަދާ ކުރި މީހަކު، ހަވަރަށް ދިން މަންޒަރު އާންމުވިއެވެ. އެ ޓީޗަރަކީ، މީގެ އެތައް ދުވަހެއް ކުރިންވެސް، އެބާވަތުގެ މައްސަލައެއް އެ މީހާއާއި ދެކޮޅަށް ހުށައެޅިފައިވާ މީހެކެވެ. އެހެން ނަމަވެސް ކޮންމެވެސް އިހުމާލަކުން އަނެއްކާވެސް ތުއްތު މައުސޫމު ފުރާނައަކާއި ހިސާބަށް ވާސިލުވުމުގެ ފުރުސަތު އެ މީހަކަށް ލިބިގެންދިއުމަކީ، ހަމަ ހައިރާންވާ ވަރުގެ ކަމެކެވެ.

އެންމެ މައްސަލައެއް ނޫނެވެ. ކުޑަ ކުދިންނަށް ފުރައްސާރަ ކުރި ކަމުގެ ތުމަތުތައް ޓީޗަރުންނާއި، އެ ކުދިންނާއި ގާތްކޮށް، މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ އެތައް ބައެއްގެ މައްޗަށް ކުރެވިގެންގޮސްފިއެވެ. އެހެންނަމަވެސް މި ހިތާމަވެރިކަމަކަށް، އަދި އަނިޔާވެރިކަމަކަށް ހުއްޓުމެއް އައިސްފައިނުވެއެވެ.

ދުވަސްތަކެއް ނުވެ، އަނެއްކާވެސް އިވިގެންދަނީ، ކޮންމެވެސް ޒިންމާދާރު މަގާމެއް އަދާ ކުރާ، ނުވަތަ އާއިލީ އިސް މީހެއްގެ ފަރާތުންވިޔަސް، ކޮންމެވެސް ކުއްޖަކު ފުރައްސާރަ ނުވަތަ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ވާހަކައެވެ. އާއިލާއެއް ހިތާމައިގައި ޖެހި، ތުއްތު ކުއްޖެއްގެ މައުސޫމުކަން އުމުރަށް ގެއްލިގެންދާ ވާހަކައެވެ.

އެތައް މައްސަލައެއް ފެންމަތިވެ، އެތައް އާއިލާއެއް ރޫޅި ގޮސްފިއެވެ. އެންމެ ބޮޑު ހިތާމައަކީ، ކުއްޖާއަށް ލިބިގޮސްފައިވާނޭ އިއާދަ ނުކުރެވޭނެ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެވެ. ފަރުވާ ދިނަސް، ބައެއް ހަނދާންތަކަކީ، ޒަމާންތަކެއް ވޭތުވެދިއުމަށްފަހުވެސް، ހަނދުމައިން ފޮހެނުލެވޭނެ އެއްޗެކެވެ. އަދި ބައެއް އިހުސާސްތަކަކީ، ތާއަބަދު، އެމިހަކާއި އެކު ވާ، ހަޔާތް ކުރިއެރުމުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ކޮންފަދަ ހިތާމައެއްތޯއެވެ. ކޮންފަދަ ބިރުވެރިކަމެއް ތޯއެވެ.

ކޮންމެ ފަހަރަކު މި ދެންނެވި ޒާތުގެ މައްސަލައެއް ފެންމަތިވުމުން ފުލުހުން އަދި އެޑިއުކޭޝަން މިނިސްޓްރީ ފަދަ ކަމާއި ބެހޭ މުއައްސަސާތަކުން ބުނަނީ، އެފަދަ ކަންކަން، ހުއްޓުވުމަށް ފުރިހަމަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ތަކުރާރު ނުވާނެކަން ކަށަވަރު ކުރާ ކަމަށްވެސް ސިފަ ކުރެއެވެ. އެހެން ނަމަވެސް ލަސްތަކެއް ނުވެ، އަނެއްކާ އިވިގެންދަނީ އެވާހަކަ ކަމަށްވުމުން، މައިންބަފައިންނަށް އެމީހުންގެ އާންމު ދިރުއުޅުމަށް ދަތިވާ ހިސާބަށް ގޮސްފިއެވެ. މުޅި ގައުމު ކަންބޮޑުވެ އެއް ފިކުރެއްގައި ޖެހިއްޖެއެވެ.

ކުއްޖަކު ސުކޫލަކަށް ފޮނުވާއިރު، ބެލެނިވެރިއެއްގެ މަގާމުގައި ހުންނަ މީހެއްގެ ފަރާތުން، އެކުއްޖާއަށް ލިބިދާނެ ގެއްލުމެއްގެ ބިރު ހީވެފައިވާތީއެވެ. ލިބޭ ގެއްލުމަކަށް އިންސާފު ނުލިބޭނެކަމަށް އަޑު ފެތުރިގޮސް، އެ މަންޒަރުވެސް ފެންނަމުންދާތީއެވެ. ކޮންމެއަކަސް ކިޔަވާ ކުދިންވެސް ހުނާނީ އެފަދަ ބިރުވެރިކަމެއްގެ ތެރޭގައިކަން ޔަގީނެވެ.

މައްސަލަތައް ގިނަވެ، ހައްލެއް ނުލިބުމުން، ސުކޫލުތަކަށް ފޮނުވައިގެން ކުއްޖާގެ ރައްކައުތެރިކަން ކަށަވަރުތޯ ވިސްނައި ފިކުރު ކުރަން ތިބުމަކީ ބުރަ މަސައްކަތްކޮށް ފައިސާ ހޯދާ ރައްޔިތުންނަށް ބޮޑު ވޭނެކެވެ. އެހެން ނަމަވެސް މި ވޭނަކީ އުފުލަންޖެހޭ ވޭނަކަށް ވެގެން ނުވާނެއެވެ. މިފަދަ ކަންކަމަކީ ގައުމެއްގެ ވެރިންގެ ފުރަތަމަ އަހައްމިޔަތަށްވެސް ވާންޖެހެވެ. މި ދެކެވެނީ ގައުމުގެ ކުރިމަގުގެ ވާހަކައެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލްކަން ދަޢުލަތް ހިންގުމާއި ހަވާލުވެތިބި ފަރާތްތަކުން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ކޮވިޑް19 ގެ ދަތި އުނދަގުލުގެ ތެރޭގައި، ކިޔެވުމަށް ގިނަ ހުރަސްތަކެއް އެޅުނެވެ. އެހެން ނަމަވެސް އޮންލައިން ކިލާސްތައް ތައާރަފްކޮށް، އެކަން ހިންގައި ސާނަވީ އަހަރު ނިމި ނަތީޖާތައް ލިބުމުން ރައްޔިތުން އެކަމާއި ހިތް ފުރުނެވެ. ސަބަބަކީ، ގިނަ އަދަދެއްގެ ކުދިން މޮޅު ނަތީޖާތަކެއް ހޯދުމެވެ. އެހެންކަމުން އަލުން ސުކޫލު ހުޅުވި އެކި ކުދިންނަށް އެކި ގޯނާތައް ކުރިމަތިވުމާއި އެކު ނުތަނަވަސްވެ ރައްޔިތުން އެދެމުންދަނީ ތަހުޒީބު ގައުމުތަކުގައިވެސް ފުރުސަތު އޮންނަ ފަދައިން ހޯމް ސްކޫލިންގ އަށް ރާއްޖޭގައިވެސް ފުރުސަތު ފަހިކޮށްދިނުމަށެވެ.

ހޯމް ސުކޫލިންގ އަކީ އާންމު އުސޫލެކެވެ. ކުއްޖާ ގޭގައި ހުރެގެން ހަމަ ސުކޫލެެއްގައި ކިޔަވައިދޭ މާއްދާތައް ކިޔަވާނެއެވެ. ތަފާތަކީ، އެކުއްޖަކުގެ ފުރިހަމަ ރައްކައުތެރިކަން ކަށަވަރުވުމެވެ. ކުއްޖާވެސް ހިތްހަމަޖެހިގެން ފިކުރަކާއި ނުލައި ކިޔެވުމާއި ފިލާވަޅުތަކުގެ ތެރެއަށް އަހުލުވެރިވުމަށް ފުރުސަތު ލިބިގެންދިއުމެއެވެ. އެހެން ނަމަވެސް އިތުރު ކުދިންނާއި ދިމާވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު މި އުސޫލުގެ ދަށުން ހަނިވާކަމަކީވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. އަދި އެހެނިހެން ދަތިތައްވެސް ހުންނާނެއެވެ.

ސުކޫލުން ދިމާނުވި ނަމަވެސް ރާއްޖެއަކީ ކުޑަ ގައުމަކަށްވުމުން ރައްޓެހިންނާއި ދިމާވަނީ ސުކޫލުން އެކަނި ނޫންކަން ޔަގީނެވެ. ކުއްޖާއަށް އެ އުފާ ހޯދައިދިނުމަށް އޮންނަނީ އެންމެ މަގެއް ނޫނެވެ. އެގޮތުން އެ ކުއްޖެއްގެ ބެލެނިވެރިންގެ ބެލުމުގެ ދަށުން ނުވަތަ ފުރިހަމައަށް އިތުބާރުކުރެވޭ މީހެއްގެ ބެލުމުގެ ދަށުން ކުޅިވަރުތަކުގައި އަހުލުވެރި ކުރުވައިގެންވެސް އެކަން ކަށަވަރު ކުރެވިދާނެއެވެ.

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުމަކަށް ގެނައުން ފަދަ ކާމިޔާބީއެއް ހާސިލުކުރެވޭނީ މުޅި މުޖުތަމައު އެކަތި ގަނޑެއްގެ ގޮތުގައި އޮވެގެންނެވެ. ސަރުކާރާއި ކަމާއިބެހޭ ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންނެވެ.

ހޯމް ސުކޫލިންގ އަކީ އިނގިރޭސި ވިލާތް އަދި އެމެރިކާ ފަދަ ދިވެހިރާއްޖެ ބަލައިގަންނަ އެތައް ގައުމެއްގައި އާންމު އުސޫލެކެވެ. ދިވެހި ސަރުކާރަކީ އާންމުކޮށް ތަހުޒީބު ގައުމުތަކުގެ ސިޔާސަތުތައް ބަލައިގަނެ ދިވެހިން ނޭދުނަސް އެ ސިޔާސަތުތައް ދިވެހިންގެ ބޮލަށް ޖަހާ ވެރިންތަކެއް ތިބި ސަރުކާރެކެވެ. އެހެންކަމުން މިކަމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ދެކެމެވެ.

ކުއްޖާ ޖިންސީ ފުރައްސާރައަށް ހުށައެޅި އެކަމުގެ ސަބަބުން މުސްތަގުބަލު ބަނަވެ ދިއުމަށްވުރެ ހޯމް ސްކޫލިންގ ގެތެރެއިން އުނގަންނައި ދިނުންވެސް މާރަނގަޅެވެ. މިއީ ބަހުސްކުރުމަކަށްވެސް ނުގެންދެވޭނޭ ހަގީގަތެވެ. އެންމެވެސް މިކަމަށް އެއްބަސްވާނެކަން ޔަގީނެވެ.

ހޯމް ސުކޫލިންގ އަކީ، ބެލެނިވެރިންގެ ޖީބަށްވެސް ލުއިވާނެގޮތެކެވެ. އަދި މިއީ ދުނިޔޭގައި ޕްރައިވެޓު އަދި ޕަބްލިކު ސުކޫލުތައް ތައާރަފްވެ އައުމުގެ ކުރިން ކުދިން ކިޔަވަމުން އައި ގޮތެވެ. އެ އުސޫލަށް ފަސްދިނުމަކީ، އެ ޒަމާންތަކުގައި އިލްމުވެރިންނާއި ހިކުމަތްތެރިން ނުއުފެދެޔޭ ބުނުމެވެ. އަދި ދުނިޔެ ތަރައްގީވެ އައުމުގައި މުހިންމު ރޯލުތަކެއް އަދާކުރި ގިނަ އަދަދެއްގެ ބަޔަކުގެ ވިސްނުމަށް ޖޯކު ޖެހުމެވެ.

ހޯމްސުކޫލިންގ ގެ ދަށުން ކިޔަވާ ކުދިން، ހަގީގަތުގައި މައިންބަފައިންނާއި ކައިރިވެއެވެ. އެ ކުއްޖެއްގެ ގައިގައި ހުރި ހުނަރެއް ދެނެގަތުމަށްވެސް ބެލެނިވެރިންނަށް ފުރުސަތު ލިބެއެވެ. އަދި އެކަން ފެނިގެންދާނީ، ކުރިއެރުވުމަށް ގާތުން އަހައްމިޔަތު ދޭނެ މީހަކަށް ވުމުން، ކުއްޖާ އެންމެ ބޭނުންވާ ދާއިރާ ނުވަތަ އެންމެ އެކަށީގެންވާ ދާއިރާއަކުން ކުރިއެރުމަށްވެސް މަގު ކޮށި، އަލިވެގެންދެއެވެ. ތިރީސް ކުދިންނަށް ބަލަން ހުންނަ ޓީޗަރަށް ބެލޭނީވެސް ވަކި ވަރަކަށެވެ. އަދި ފެވަރިޓިޒަމް ނުވަތަ ތަފާތު ކުރުންވެސް ގެންގުޅޭނެއެވެ. ޓީޗަރުންނަކީވެސް އިންސާނުންނެވެ.

ހޯމްސުކޫލު ކުރާ ކުއްޖަކު، ނުރަނގަޅު އާދަތައް ދަސްކުރުމަށް އަދި ފިކުރުތަކުގައި ޖެހުމަށް އޮންނަ ފުރުސަތު ހަނިވެއެވެ. ދަސްވާނީ ބެލެނިވެރިއެއްގެ ކިބައިގައި ހުރި އުނި ސިފައެކެވެ. އަދި އެހެނިހެން ކުދިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި އަނިޔާގެ ފުރުސަތުވެސް އިންތިހާއަށް ހަނިވާނެއެވެ. މިއީ މިހާރުވެސް އަދި ކުރިންވެސް ހަމަ އާންމުކޮށް ދިމާވާ ބޮޑެތި މައްސަލަކެކެވެ. އެހެން ނަމަވެސް މި މައްސަލަތައްވެސް ހުއްޓުމަކަށް ގެނެވިފައިނުވެއެވެ.

މި އުސޫލުތަކުގެ ދަށުން ކުއްޖާއަށް ލިބޭނެ އިތުރު ގިނަ ފައިދާތައްވެސް ހުންނާނެއެވެ. އެހެން ނަމަވެސް މި ހިޔާލުގެ މަގުސަދަށް މިވަރުން ފުދޭނެކަމަށް ބަލައި، ހޯމް ސުކޫލިންގެ ދަތިތަކަށް އަލި އަޅުވާލާނަމެވެ.

ހޯމް ސުކޫލު ކުރުމަކީ ބެލެނިވެރިއަކު އެކަމަށް ހުސްވެގެން ނޫނީ، ވާނެ ވަރުގެ ކަމެއް ނޫނެވެ. ޓީޗަރުން ދެމުންދާ ހިދުމަތްތަކާއި ވަގުތަކީ އަގު ކުރެވޭނެ އެއްޗެއް ނޫނެވެ. ކުއްޖަކު ކުރާ ސުވާލަކަށް ޖަވާބު ދިނުމަށް ޓީޗަރުން ތިބޭނީ އަބަދުމެ ފޮތްތައް ދަސްކުރުމުގައެވެ. ސަރުކާރަކުން ކުދިންގެ ކިޔެވުމަށް ފޯރުވައިދޭ ތަކެތި ލިބޭ އަގުތަކުގައި ނުވަތަ ހިލޭ ނުލިބުމުން އެ ހަރަދަކީވެސް ހޯމްސުކޫލިންގ ގެ ދަށުން ތައުލީމު ދޭން ބޭނުންވާ ބަޔަކު އުފުލަން ޖެހޭނެ ބުރައެކެވެ. ޖީބަށް ލުއިވަނީ ޕްރައިވެޓު ސުކޫލަކަށް ލުމުން ދައްކާ ފީގެ ހަރަދެވެ. ޔުނީފޯރމު ހަރަދެވެ.

ހޯމް ސުކޫލިންގޭ ބުނުމުން މިއީ އާދައިގެ ކަމެއް ކަމަށް ދެކޭނެ މީހުން ތިބޭނެއެވެ. އަދި ފަސޭހައިން ކުރެވޭނެ ކަމަށްވެސް ހިތައް އަރާނެއެވެ. އެހެން ނަމަވެސް މިއީ އާދައިގެ ކަމެއް ނޫނެވެ. މި އުސޫލުގެ ދަށުން، ކުއްޖަކު ސުކޫލަކަށް ލައިގެން އުފުލަންޖެހޭ ބުރައަށްވުރެ އެތައް ގުނައަކަށް ޒިންމާ އިތުރުވެގެންދާނެއެވެ. ކުއްޖާ ކަމަކާއި ނުވަތަ އެއްޗަކާއިމެދު ކުރާ ސުވާލަކަށް ފުރިހަމަ ޖަވާބެއް ދިނުމުގެ ޒިންމާއަކީވެސް ބެލެނިވެރިޔާގެ ކަމެކެވެ. އެހެންކަމުން މި އުސޫލަކީ އެންމެނަށް އެންމެ އެކަށީގެންވާނެ ގޮތެއްވެސް ނޫނެވެ.

ހޯމް ސުކޫލިންގ ގެ ސަބަބުން ކުއްޖާއަށް ބޭނުންވާ ސޯޝަލް އިންޓަރެކްޝަން ހޯދުމުގައި ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން އެހެނިހެން ގޮތް ގޮތުން އެކަން ފުރިހަމަކޮށްދިނުމަކީ މަޖުބޫރުކަމެކެވެ. އަދި އިތުރު ބުރައެކެވެ. އެގޮތުން ކުޅިވަރު ކުޅުމުގައި އަހުލުވެރި ކުރަން ޖެހޭނެއެވެ. އަދި ޓެސްޓުތަކުގައި ބައިވެރި ކުރުވައި ކަންކަން ކުރަންޖެހޭނެއެވެ. ކުއްޖާގެ ކުރިމަގު ކަށަވަރު ކުރުމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ބެލެނިވެރިންނެވެ.

ބައެއް ކުދިންނަކީ މޯޓިވޭޝަނަށް އެހެނިހެން ކުދިންނާއި ވާދަ ކުރާ ކުދިންނެވެ. އެފަދަ ގޮތަކަށް މޯޓިވޭޓްވާ ކުއްޖެއްނަމަ ހޯމް ސުކޫލިންގ އަކީ އެ ކުއްޖާއަށް އެކަށީގެންވާ އުސޫލެއް ނޫނެވެ.

ކިޔަވާ ތަކެއްޗަކީ ހަމަ އެކަނި ފޮތާއި ފަންސޫރު އަދި ލެޕްޓޮޕެއްވެސް ނޫނެވެ. ސައިންސް ކިޔަވާނަމަ އެކަމަށް ބޭނުންވާ ތަކެތި ހުންނާނެއެވެ. އެގޮތުން ބައެއް ތަކެއްޗަކީ ހާއްސަ ކުރެވިފައިވާ ތަނެއްގައިނޫނީ ގެންގުޅެވޭނެ ތަކެއްޗެއްވެސް ނޫނެވެ. ބައެއް ތަކެތި ގެންގުޅެން ޖެހެނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެހެން ކަމުން އެކަމަށް ހާއްސަ މީހަކު ނޫނީ އެފަދަ ތަކެތި ގެންގުޅެ އުޅުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ.

ހޯމް ސުކޫލިންގ ފަދަ ކަމެއް ކުރިއަށް ގެންދެވޭނީ ސަރުކާރުން އެކަމަށް ފުރިހަމަ މަގެއް ކޮށައިދީ އެކަން މަގުފަހި ކޮށްފައިވާ ގައުމުތަކެއްގައެވެ. އަދި އެކަމަކީ އަނގަބަހުން ބުނެލުންހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ސަރުކާރުން ވެސް ގައުމެއްގެ ކުރިމަގާއިމެދު ވިސްނާނެކަން ކަށަވަރެވެ. ކުއްޖެއްގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ އެއްވެސް އުސޫލަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކޮށްގެންވެސް ވާނެ ކަންކަމެއް ނޫނެވެ.

ހޯމް ސުކޫލިންގ ހުއްދަކޮށްފައިވާ ގައުމުތަކުގައި މިކަން ރަނގަޅުގޮތުގައި ކުރާކަން ކަށަވަރު ކުރުމަށް އެތައް ގަވައިދުތަކަކާއި ގާނޫނުތަކެއް އޮވެއެވެ. އެ ގަވައިދުތައް ހެދި ގާނޫނުތައް ތަންފީޒު ކުރަނީ ގައުމެއްގެ ކުރިމަގު ކަށަވަރު ކުރުމުގެ މަގުސަދުގައި ކޮންމެ ކުއްޖަކީވެސް އެ ކުއްޖަކަށް ލިބެންޖެހޭ ފުރިހަމަ ތައުލީމު ލިބިފައިވާ ބައެއް ކަމަށް ހެދުމަށެވެ.

މި ރިޕޯތު ތައްޔާރުކުރީ އެއްވެސް ހާލެއްގައި ބަޔަކަށް ސަނާކިޔުމަށް ނުވަތަ ފާޑުކިޔުމަކަށްވެސް ނޫނެވެ. ރިޕޯޓުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ތެރޭގައި ދެކެވެމުންދާ ވާހަކައެއް، ކުރެވެމުންދާ ހިޔާލެއް ފުޅާކޮށްދިނުމެވެ. އަދި އެކަމުގައި ހުރި ރަނގަޅާއި ނުރަނގަޅުވެސް ސާފުކޮށްދިނުމަށެވެ. ދަތިތަކާއި ފަސޭހަތައް އެއްތަނަކުން ސާފުކުރުމަށް މަގުފަހިކޮށްދިނުމެވެ. ކުޑަ ކުދިންނަށް ކުރިމަތިވާ ފުރައްސާރަތަކަކީ ހުއްޓުވަން ޖެހިފައިވާ ކަމަކަށްވުމުން އެކަމަށް އަޑު އުފުލުމުގެ މަގުސަދުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: