ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފަކީ ވަކިވަކި މީހުންނަށް އެކިގޮތަށް މާނަކުރެވޭ އެއްޗެއް: ޕީޖީ ޝަމީމް

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާފަކީ ވަކިވަކި މީހުންނަށް އެކިގޮތަށް މާނަކުރެވޭ އެކިގޮތަށް ލިބޭ އެއްޗެއް ކަމަށް އޭނާއަށް ދޭހަވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އިންސާފާއި ގުޅޭގޮތުން އަމިއްލަ ބްލޮގުގައި ޝާއިއު ކުރެއްވި ލިއުމެއްގައި ޝަމީމް ވިދާޅުވީ، ނިސްބީ އެއްޗެއް ކަމަށެވެ. އަދި އިންސާފަކީ އެކިމީހުންނަށް އެކި ކަންކަމުގައި އެކި ވަރަަށް ކުރެވޭ އިހުސާސެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ އެންމެން ގަބޫލުކުރާ އިންސާފަކީ ވަކިގޮތަކަށް ކަނޑައެޅެން ނެތް އެއްޗެއް ކަމަށެވެ.

އަދުލު އިންސާފްގެ މަފްހޫމް ބިނާވާ ކަންކަމުގެ ތެރޭގައި އެމީހަކަށް ލިބިފައިހުރި ތަރުބިއްޔަތާއި، ތަައުލީމާއި، ހޭލުންތެރިކަމާއި، ދުނިޔެއަށްލޯހުޅުވިފައިވާ މިންވަރާއި، ހަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކާއި، ދީނީ، ސަގާފީ، އިޖްތިމާއީ، އާއިލީހާލަތާއި އިތުރު ކަންކަންވެސް ހިމެނޭކަމަށް ލިއުމުގައި ވެއެވެ. އަދި އެއް ހާދިސާއެއް ދިމާވާ ދެމީހަކަށް އެއް ގޮތަކަށް އަމަލު ކުރުމުން އެކަކަށް އެގޮތަކީ އިންސާފުކަމަށް ވެފައި އަނެކާއަށް އެއީ އިންސާފަށް ނުވެ ދިއުމީ އެކަށީގެންވާ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ރައްޔިތުން ބޭނުންވާ ގޮތަށް ގާނޫނު ހެދުމުގެ މަސައްކަތް ރައްޔިތުން ހަވާލުކުރީ މަޖިލީހާއިކަން ފާހަގަކުރައްވައި ޝަމީމްގެ ލިއުމުގައި ވިދާޅުވީ ގާނޫނީ ނިޒާމުގައި އިންސާފަކީ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގައި އިންސާފުކަމަށް ލިޔެފައި އޮތް ގޮތް ކަމަށެވެ. އަދި އެކަންކޮށްފައިވަނީ އެންމެން އެއްކޮށްތިބެ ގާނޫނުތައް ނުލިޔެވޭނެތީ ކަމަށާއި ގާއިމްކުރަންވީ އިންސާފަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ މީހުންގެ ޒިންމާ އަކީ މަޖިލީހުން އިންސާފުކަން ކަނޑައެޅި ގޮތަކަށް ގާނޫނު ތަންފީޒްކުރުމުވެ. އަދި އެ އިންސާފަކީ ތަންފީޒީ އިދާރާތަކުން ގަބޫލު ކުރާ ގޮތަކަށް އޮތުން ލާޒިމެއް ނޫންކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ތަންފީޒީ އިދާރާތަކުން ވިސްނަންވެސް ޖެހޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުތައް އޮންނަނީ ސާފުކޮށް ލިޔެވިފައިކަަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

އިންސާފަކީ ބަދަލުވާވެސް އެއްޗެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ ކުރީގައި އިންސާފުކަމަށް ނިންމާފައި އޮތް ގޮތް ރައްޔިތުންގެ މަޖިލީހުން ގެންނަ ބަދަަލަކާއި އެކު މިހާރު އިންސާފަށް ނުވެދާނެ ކަމަށެވެ. އަދި އެފަދަ ބަދަލުތަކެއް ގެންނަން ޖެހެނީ އަހަރުތަކެއް ކުރިން އިންސާފުކަމަށް ގަބޫލުކުރި ބައެއްކަންކަން މިހާރު އިންސާފުކަމަށް ރައްޔިތުން ގަބޫލުނުކުރާތީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

1978 ވަނަ އަހަރުގެ ތެރޭގައި ހުޅުލެއަށް އެރުމާ ބެހޭ ގާނޫނު، އޮތްގޮތް ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އޭރު އޮތްގޮތުން މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއިން ދޫކުރާ ހުއްދައެއް  އޮވެގެން ނޫނީ އާދައިގެ ގޮތުގައި ހުޅުލެއަށް އެރުމަކީ މަނާކަމެކެވެ. އަދި އެއީ އޭރުގެ އިންސާފު ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެގާނޫނަށް 1983 ގައާއި 1985 ގައި ދެފަހަރެއްގެ މަތިން އިސްލާހު ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް 40 އަހަރުފަހުން އެ ގާނޫނަކީ އިންސާފުކަމަށް ގަބޫލުކުރާ މީހަކު ނެތުމުން ރައްޔިތުންގެ މަޖިލީހުން ވަނީ އެގާނޫނު މިހާރު އުވާލާފައި ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ބަދަލު އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެހެންނަމަވެސް އިސްލާމީ ޝަރީއަތުގައި އޮތް ހުކުމް ތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުން ސާބިތުވާން އޮތް ކަންކަން ތަންފީޒު ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: