ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިމައިނުވާ މީހުންނަށް ފަރުވާ ހޯދޭނެ ގޮތް އާސަންދައިން ހަމަޖައްސަން މަޖިލީހަށް ގަރާރެއް ހުށައަޅައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިމައިނުވާ މީހުން ރާއްޖޭގައި އިތުރުވަމުންދާތީ އާސަންދައިގެ ދަށުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށައަޅުއްވައިދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

ގަރާރުގައިވަނީ ގާނޫނު އަސާސީގައި އިޖްތިމާއީ ސިއްހީ އިންޝިއުރެންގެ ގައުމީ ނިޒާމްގެ ގާނޫނާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭ ކަމަށެވެ.

އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އުމުރުގެ ގޮތުންނާއި ދުޅަހެޔޮކަމުގެ ގޮތުން އާބާދީގެ ތަފާތު ގިންތިތަކުގެ މެދުގައި ރިސްކު ޕޫލްކޮށް އެމީހެއްގެ އިގްތިސާދީ ހާލަތު ތަންދޭ މިންވަރަކުން ހިއްސާކުރާ ގައުމީ ނިޒާމު އިތުރަށް ފުޅާކޮށް އެ ނިޒާމުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ގާނޫނުގައި ބާރުއަޅާ ކަމަށް މީކާއިލް ހުށައެޅި ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ދަރިމައިނުވުމުގެ ބައްޔަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން އިންތިހާއަށް ހަނިވެފައިވާ ކަމަށެވެ.

މި ބައްޔަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުންނަ ކަން ފާހަގަކުރާ ކަމުގައި ގަރާތުގައި ބަޔާންކޮށްފައިވެއެވެ.

ދަރިމައިނުވުމާއި އެކަމާއި  ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސް ރާއްޖޭގެ އިޖުތިމާއީ ސިއްހީ އިންޝިއުރެންސްގެ ސްކީމް (އާސަންދަ) ގެ ދަށުން ނުލިބުމުގެ އިތުރުން ދަރިމައިނުވާ މީހުންނަށް ހާއްސަ ސްޕެޝަލިސްޓުންގެ ހިދުމަތަކީ ރާއްޖޭގައި ލިބުން އިންތިހާއަށް ދަތިވެފައިވާ ކަމެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދަރިމައިނުވުމާއި ގުޅުންހުރި ރަނގަޅު ފެންވަރެއްގެ ދިރާސާ އެއް ނުވަތަ ތަފާސް ހިސާބެއް އަދި މިހާތަނަށް ރާއްޖޭގައި ހެދިފައިނެތް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ދަރިމައިނުވުމެ ބައްޔަށް  ހައްލެއް ގެނައުމަަށް އެ ބައްޔާއި ގުޅޭ ރަނގަޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ދަރިމައިނުވާތީ ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ރާއްޖެއިން ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދަރިމައިނުވާތީ ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިގްތިސާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގަރާރުގައި އެދިފައިވެއެވެ.

މި ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މި ގަރާރަކީ މުހިއްމު ގަރާރެއް ކަން ފާހަގަކޮށް އެ މައްސަލައަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: